ދަނޑުވެރިކަމުގެ ދާއިރާއިން އަންހެނުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ހުވަދުއަތޮޅު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން އެގްރޯނެޓާ މަޝްވަރާކޮށްފިއެވެ.

އެގްރޯނެޓުގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދާ އެކު ބޭއްވި އެ ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ދާއިރާއިން އަންހެނުންނަށް ހުރި އެފުރުސަތުތައް ހޯދުމަށް އޮތް ފަސޭހަ ގޮތްތަކާއި، އިޖްތިމާޢީ، އިގްތިސާދީ އަދި ވިޔަފާރީގެ ގޮތުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް އެގްރޯނެޓުން ބުނެއެވެ.

ދަނޑުވެރިކަމަކީ އިގްތިސާދީ ސިނާޢަތެއްގެ ގޮތުގައި ތަރައްގީ ކުރެވިދާނެ ސިނާޢަތަކަށް ވެފައި، ހުވަދު އަތޮޅަކީ ވެސް ގިނަ ޢަދަދެއްގެ ރައްޔަތުންތަކެއް ދަނޑުވެރިކަން ކުރައްވާ އަތޮޅަކަށް ވާތީ، ދަނޑުވެރިންނަށް ބޭނުންވާ ކަންކަމާ ދަނޑުވެރިކަން ކުރުމުގައި ދިމާވާ ދަތިތަކާ ތަފާތު ގޮންޖެހުންތައް ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.

އަދި، މިހާރު ވެސް އެގްރޯނެޓުން ހިންގަވާ ކޮންޓްރެކްޓް ފާމިންގ މަޝްރޫޢުގައި ބައިވެރިވާ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުއިރު މިކަންކަމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި، މެމްބަރުންގެ ފަރާތުން ހުށަހެޅުއްވި ކަންކަމަށް އެގްރޯނެޓުން ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ކައުންސިލަށް ވަނީ ދީފައެވެ.

އެގްރޯނެޓަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްގީ ކުރެއްވުމަށް މިސަރުކާރުން އުފައްދަވާފައިވާ ވިޔަފާރި ކުންފުންޏެކެވެ.