- ޑެލްޓާ ވޭރިއެންޓަށްވުރެ ހަލުވިކަމާއެކު އޮމިކްރޮން ވޭރިއެންޓް ދަނީ ފެތުރެމުން
ޑެލްޓާ ވޭރިއެންޓަށްވުރެ ހަލުވިކަމާއެކު އޮމިކްރޮން ވޭރިއެންޓް ފެތުރެމުންދާ ކަމަށާއި، ކޮވިޑް ބަލިން ފަސޭހަވެފައިވާ މީހުންނާއި، ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށްވެސް އޮމިކްރޮން ވޭރިއެންޓުގެ ޒަރީއާއިން އަލުން ބަލި ޖެހެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ބްރީފިންގައި، އެ ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ޑެލްޓާ ވޭރިއެންޓަށްވުރެ ހަލުވިކަމާއެކު އޮމިކްރޮން ވޭރިއެންޓް ފެތުރެމުންދާ ކަމުގެ ހެކިތައް ލިބިފައިވާ ކަމަށެވެ.
ޑެލްޓާ ވޭރިއެންޓަކީ ދުނިޔޭގައި އެންމެ ގިނަމީހުންނަށް ކޮވިޑް ބަލި ޖައްސާފައިވާ ވޭރިއެންޓެވެ.
އޮމިކްރޮން ވޭރިއެންޓް ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނާއި، ބަލިން ފަސޭހަވެފައިވާ މީހުންނަށް އަލުން ބަލިޖެހޭނެ ކަމަށް ބެލެވޭކަމަށް ޑރ. ޓެޑްރޯސް ވިދާޅުވިއެވެ.
ޕްރެސް ބްރީފިންގައި ޑަބްލިޔުއެޗްއޯގެ ޗީފް ސައިންޓިސްޓް ޑރ. ސޯމިޔާ ސްވަމިނަތަން ވިދާޅުވީ، މިވަގުތަށް ލިބިފައިވާ ހެކިތަކަށްބަލައި، އޮމިކްރޮން ވޭރިއެންޓަކީ ކޮރޯނާވައިރަސްގެ ކުރިން ފެނިފައިވާ ވޭރިއެންޓް ތަކަށްވުރެ ދެރަވަރުގެ ވޭރިއެންޓެއް ކަމަށް ކަނޑައެޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.
ޑރ. ސޯމިޔާ ވިދާޅުވީ، އޮމިކްރޮންގެ ޒަރީއާއިން ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދުތައް ހައްތަހާ ދަނީ މައްޗަށް ކަމަށާއި، މިކަމުގެ ސަބަބުން ސިއްހީ ޚިދުމަތް ދިނުމުގެ ނިޒާމުތަކަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އޮމޮކްރޮން ވޭރިއެންޓް، ބައެއް މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުތައް ފޫއަޅުވަމުންދާ ކަމަށްވެސް ޑރ. ސޯމިޔާ ވިދާޚުވިއެވެ.
މާނައަކީ، ގައުމުތަކުން މިހާރު ކުރިއަށްގެންދާ ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމް، ޚާއްސަކޮށް ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް އަމާޒުކުރަން މަޖުބޫރުވުމެވެ.
ޕްރެސް ކޮންފަރެންސްގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ކުރިއަށްއޮތީ ދުނިޔޭގެ ގިނަ ހިސާބުތަކަށް ޗުއްޓީގެ ދުވަސްވަރަށްވެފައި ކުޅިވަރުތަކާއި އެކިކަހަލަ އިހުތިފާލުގެ ނަތީޖާއެއްގެ ގޮތުން ކޮވިޑްޖެހޭ މީހުން އަދަދުތައް މައްޗަށްގޮސް، ސިއްހީ ޚިދުމަތަށް ބުރޫއަރައި، އަދި ގިނަބަޔަކު ބަލީގައި މަރުވެދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން، ބޮޑެތި އެއްވުންތަކާއި، އިހުތިފާލުތައް ފަސްކުރުމަށް ޑރ. ޓެޑްރޯސްވަނީ އިލްތިމާސް ކުރައްވާފައެވެ.
ދުނިޔޭގެ ނުވަދިހައަށްވުރެ ގިނަ ގައުމުން އޮމިކްރޮން ވޭރިއެންޓް ފެނިފައިވާއިރު، ކޮވިޑްބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ އެމެރިކާގައި މިހާރު އަލަށް ބަލިޖެހޭ 73 އިންސައްތަ މީހުންނަށް ބަލިޖެހެނީ އޮމިކްރޮން ވޭރިއެންޓުންނެވެ.