އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ފަށާފައިވާ ހަރަކާތުގައި، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް" ޓީޝާޓު ތުރުކުރެއްވައިގެން ހިންގަވަން ފުރުސަތުދީގެން ނުވާނެ ކަމަށާއި އެކަން ހުއްޓުވަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށް ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ، މިއަދު ހަވީރު އެމްޑީޕީން އެ ޕާޓީގެ މާލެ ސިޓީ ރައްޔިތުންނާ ބައްދަލުކުރުމަށް ސަލްޓާން ޕާކުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ސަރުކާރަށް ގޮވާލަން އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ.
ގަރާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ، ރާއްޖޭގެ ދާޚިލީ ކަންކަމުގެ މަސްލަހަތު ނަގާލައި، ރައްޔިތުންގެ މަސްލަހަތު ގެއްލޭގޮތަށް މުޅި ރާއްޖޭގައި ކެމްޕެއިނެއް ހިންގުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށާއި، އެކަން ހުއްޓުވުމަށް ފުލުހުންނަށް ގޮވާލާފައެވެ.
ދުނިޔޭގެ އެއްވެސް ގައުމެއްގައި ރައީސްކަން ކުރެއްވި ބޭފުޅަކު އިސްވެ ހުންނަވައިގެން ގައުމުތަކާ ދެކޮޅު ހަރަކާތް ހިންގުމަކީ ކުރައްވާކަމެއް ނޫންކަމަށާ، އެއީ އެކަން ކުރެވިގެންވާނެ ގޮތެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީން "އިންޑިއާ އައުޓް" ޓީޝާޓް ތުރުކުރައްވައިގެން އުޅުއްވުމަކީ ލަނދުވެތި ކަމެއް ކަމަށާއި، އެއީ އިދިކޮޅު ކޯކިޝަނަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ.
އެމްޑީޕީގެ މާލެ ސިޓީގެ ދާއިރާތައް ތަމްސީލްކުރާ މެމްބަރުންވެސް ވަނީ އިދިކޮޅުގެ ހަރަކާތަށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ ދައްކާފައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެ، މިނިވަންވެވަޑައި ގަތުމަށްފަހު އެމަނިކުފާނު ވަނީ އިންޑިއާ އައުޓް ކެމްޕެއިން ވަރުގަދަކޮށް، އެހަރަކާތް ފުޅާކުރުމުގެ ގޮތުން އަތޮޅުތެރެއަށްވެސް ދަތުރު ފަށްޓަވާފައެވެ.
އިދިކޮޅުގެ މިހަރަކާތް ހުއްޓުވުމަށް އެތައް ފަހަރެއްގެމަތީން އެމްޑީޕީން ގޮވާލާފައިވާއިރު، ރާއްޖޭގެ ޚާރިޖީ ވުޒާރާއިންވެސް ވަނީ މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިންޑިއާ މިލިޓަރީއާއި އިންޑިއާ އެމްބަސީއާއި އިންޑިއާ ބޭންކް ރާއްޖެއިން ބޭރުކުރިއަސް އިންޑިއާގެ 000'30 ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާކުރާނަމަ އިންޑިއާގެ ފަރާތުން އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ. ދަގަނޑު ކެނޑޭނީ ދަގަނޑަށްވުރެ ހަރުއެއްޗަކުންނެވެ. ރާއްޖެއޮތީ އެގޮތަށެވެ.