ކާމިޔާބު ފިލްމު ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިޔަށްއޮތް ފިލްމު "ގަންގޫބާއީ ކަތިއާވާޅީ" ބާރލިންގެ ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި ޕްރިމިއަރކުރުމަށް ނިންމައިފިއެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެތެރޭ ޖަރުމަނުގައި ކުރިއަށްދާ މިފިލްމު ފެސްޓިވަލް ޝެޑިއުލް ކުރެވިފައިވަނީ އެމަހުގެ 10 އިން 22 އަށެވެ.

ބާރލިންގެ މިފިލްމު ފެސްޓިވަލަކީ ބައިނަލްއަޤްވާމީ ފިލްމު ފެސްޓިވަލްތަކުގެ ތެރޭގައި ގުނާލެވޭ ފެސްޓިވަލަކަށްވެފައި މިއީ ފިލްމު "ގަންގޫބާއީ ކަތިއާވާޅީ" ޕްރޮމޯޓްކުރުމަށް އެންމެ ރަނގަޅު ޕްލެޓްފޯމް ކަމުގައި ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީވަނީ ބުނެފައެވެ.

ސަންޖޭ ބަންސާލީއާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ މިފިލްމު ސްކްރީނިން އޮންނާނީވެސް ފެސްޓިވަލްގެ ޚާއްސަ ގާލާ ސެކްޝަންއެއްގައި ކަމަށެވެ.

މިފިލްމު އިންޑިއާގެ ސިނަމާތަކުގައި އެޅުވުމުގެ ތައްޔާރީތައް ވަރަށް ބާރު ސްޕީޑެއްގައި މިހާރުދަނީ ކުރިއަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ފިލްމަށް ވަރަށް ބޮޑު ޑިލޭއެއް އައެވެ.

އެހެންނަމަވެސް ހަބަރު ލިބޭގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ފިލްމު ސިނަމާއަށް ގެނައުމަށްވަނީ ހަމަޖެހިފައެވެ.

ހުނަރުވެރި ބަތަލާ އާލިއާ ބަޓް ލީޑް ރޯލްއިން ފެނިގެންދާ މިފިލްމަކީ، މުމްބާއީގައި 1960 ގެ އަހަރުތަކުގައި އުޅުނު މާފިއާ ކްއީންއެއް ކަމަށްވާ ގަންގޫބާއީގެ ވާހަކަ ކިޔައިދޭ ކްރައިމް ބައޮގްރަފިކަލް ޑްރާމާއެކެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ވިޖޭ ރާޒް، ސީމާ ޕަހްވާ، އިންދިރާ ތިވާރީ އަދި ވަރުން ކަޕޫރް ހިމެނެއެވެ.

ފިލްމު "ގަންގޫބާއީ ކަތިއާވާޅީ" ބީއައިއެފްއެފްގައި ޕްރިމިއަކުރުމަށް ނިންމާފައިވާއިރު އާލިއާ ބަޓް އަދި އެކްޓަރު ރަންވީރް ސިންގް މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ގައްލީ ބޯއި" ވެސްވަނީ މިފިލްމު ފެސްޓިވަލުގައި ޕްރިމިއަރ ކޮށްފައެވެ.