ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވާލާ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވުމާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައްދުދެއްވައިފިއެވެ.

މިއަދު ހަވީރު އެމްޑީޕީން އެ ޕާޓީގެ މާލެ ސިޓީ ރައްޔިތުންނާ ބައްދަލުކުރުމަށް ސަލްޓާން ޕާކުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީން "އިންޑިއާ އައުޓް" ޓީޝާޓު ތުރުކުރެއްވައިގެން ހިންގަވަން ފުރުސަތުދީގެން ނުވާނެ ކަމަށް ވިދާޅުވެ، އެކަން ހުއްޓުވަން ފުލުހުންނަށް ގޮވާލައްވާފައެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދުދެއްވައި ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ކެމްޕެއިން ކުރައްވާނެ ގޮތް ރައީސް ނަޝީދަށާއި، ފުލުހުންނަށް ނޭނގޭނެ ކަމަށެވެ.

އަދި، ރައީސް ޔާމީންގެ ޓީޝާޓްކޮޅުގައި "އިންޑިއާ އައުޓް" ޖަހާނެގޮތުގެ ލަފާ ރައީސް ނަޝީދު ދެއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށްވެސް ޓްވީޓުގައިވެއެވެ.

ރައީސް ނަޝީދު ވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ މަސްލަހަތު ނަގާލައި، ރައްޔިތުންގެ މަސްލަހަތު ގެއްލޭގޮތަށް މުޅި ރާއްޖޭގައި ކެމްޕެއިނެއް ހިންގުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

އަދި، ރައީސް ޔާމީން "އިންޑިއާ އައުޓް" ޓީޝާޓް ތުރުކުރައްވައިގެން އުޅުއްވުމަކީ ލަނދުވެތި ކަމެއް ކަމަށާއި، އެއީ އިދިކޮޅު ކޯކިޝަނަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށްވެސް ސިފަކުރައްވާފައި ވެއެވެ.

މީގެއިތުރުން، އެކަމަކީ އިދިކޮޅަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމުގައި ސިފަކުރައްވައި، އިދިކޮޅު އިއްތިހާދު ސަލާމަތްކުރަން އެމްޑީޕީގެ މެންބަރުންވެސް ނުކުންނަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފުލުހުންނަށް އަމުރުކުރުން ހުއްޓާލަންޖެހޭ ކަމަށްވެސް ޑރ. ޖަމީލްގެ ޓްވީޓުގައިވެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަދައްކަވާފައި ވާއިރު، އިދިކޮޅުގެ ބައެއް މެމްބަރުންވަނީ އެކަމާ ހިތްހަމަޖެހިވަޑައި ނުގެން އެވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން، އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި ވެއެވެ.