"އެކުވެރި އެމްޑަބްލިޔުއެސްސީ"ގެ ޓީމުން ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މެދުކެނޑުމެއްނެތި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑީ ޝާހު މިފަދައިން ވިދާޅުވީ އެ ކުންފުނީގެ 2019 އަދި 2020 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓު ފާހަގަކުރުމަށް މީރުމާ މާލަމްގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ.

ޝާހު ވިދާޅުވީ، ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ، މެދުކެނޑުމެއްނެތި ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް ކަމަށާއި "އެކުވެރި އެމްޑަބްލިޔުއެސްސީ"ގެ ޓީމުން ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މެދުކެނޑުމެއްނެތި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ޝާހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން ޝާހު ވަނީ، އެމްޑަބްލިޔުއެސްސީގެ ކާމިޔާބީގެ ހުރިހާ ޝުކުރެއް ހައްގު ވަނީ ކުންފުނީގެ ލޮބުވެތި، މުވައްޒަފުންނަށް ކަން ފާހަގަކުރައްވައި، މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ޝާހު ވިދާޅުވީ ހަފުލާގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާ އެކު، މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެގޮތުގައި ކުރިއަށް ދިއުމުގެ ރޫހު އާލާކޮށް އެކަމަށް ހިތްވަރު ދިނުން ކަމަށެވެ.

ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށްވާއިރު، އެ މުވައްޒަފުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ޓަކައި ގިނަ މަސައްކަތްތަކެއް މިދިޔަ ދެއަހަރުގައި ކޮށްފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ.

ފޮޓޯ: އެމްޑަބްލިޔުއެސްސީ

އެގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާ ކުރުމަށްޓަކައި ކުރުމުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި ދިގުމުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީ އަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީކުންފުންޏެކެވެ. ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ޓްރޭޑިން ދާއިރާގެ ކަންކަން ވެސް އެ ކުންފުނީން މިއަދު އަންނަނީ ކުރަމުންނެވެ. މިއަދު އެމްޑަބްލިއުއެސްސީ އަކީ 100 ޕަސެންޓް ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ކުންފުންޏެކެވެ.

ފޮޓޯ: އެމްޑަބްލިޔުއެސްސީ

އެވޯޑް ނައިޓްގައި، ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށާއި، 2019 އަދި 2020 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފައިވެއެވެ.

މި އެވޯޑްތައް ދެއްވީ ހަފުލާގެ ޝަރަފުވެރި މެހުމާން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް އާއި ބޯޑު ޑިރެކްޓަރުންނާއި އެމްޑީ ޝާހުގެ އިތުރުން، ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތަފާތު 9 ކެޓަގަރީއަކުން 87 މުވައްޒަފުކަށް އެވޯޑް ދީފައިވާ ކަމަށް އެމްޑަބްލިއެސްސީން ބުނެފައިވެއެވެ.