ގިނަ ބަޔަކު ހީކޮށްގެން މިތިބީ 2021 ނިމިގެންދާނީ ކޮވިޑް-19 ގެ ޢާލަމީ ވަބާވެސް ގޮވައިގެން ކަމަށެވެ.

ނަމަވެސް އެހެނެއް ނޫނެވެ. މިވަބާ އެގެންދަނީ އާ ސިފަތައް ދައްކަމުންނެވެ.

ދުނިޔޭގެ ތެރެއަށް އަލަށް ފެތުރިގަނެގެން މިއުޅޭ ނޮވިޑް ކޮރޯނާ ވައިރަސްގެ އޮމިކްރޯންއަކީ އަދި މާނުރައްކާ އެއްޗަކަށްވަމުން ދަނީއެވެ.

ދުނިޔޭގެ ޤައުމުތަކުގައި ނުވަތަ ޚަބަރުތައް އެންމެ ގިނައިން ފަތުރަމުންދާ ޤައުމުތަކުގައި މި ވަބާގެ ނުރައްކާ ދަނީ ބޮޑުވަމުންކަމަށް

ނޫސްތަކުގައި ލިޔެވި ޚަބަރުތަކުގައި ކިޔަމުން އެހެރަ ދަނީއެވެ. ސްކޫލްތަކާއި ބެލެނިވެރީންނަށް އަހުވަހުވަ ކުރަމުންނެވެ.

ބައެއް ޤައުމުތަކުގައި އަނެއްކާވެސް ދުރުންދޭ ތަޢުލީމުގެ ނިޒާމުގެ ތެރެއަށް ވަންނަށް ޖެހިފައިވަނީއެވެ. އެހެނިހެން ބައެއް ފަޤީރުން އުޅޭ ހިސާބުތަކުގައި ކުދީންނަށް ކިޔެވޭނެ ގޮތެއްނެތިފައި ގޭގައި ތިބެންޖެހިފައިވަނީއެވެ.

ފާއިތުވި 2020 ވަނަ އަހަރާއި ޚިލާފަށް ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިއަހަރު ސްކޫލްތަށް ވަނީ ހުޅުވައިލެވިފައެވެ. އެހެން ނަމަވެސް ޞިއްހީ މާހިރުންނައި އިދާރާތަކުގެ ލަފައާއި އިރުޝާދުތަކުގެ ދަށުންނެވެ. ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރެއިންނެވެ.

ބައެއް ފަހަރު މާސްކް ނާޅައި އުޅުމާއި ވެކްސިން ނުޖަހައި ތިބީތީވެ ސްކޫލްގެ ދޮރާށީން އެތެރެއަށް ވަނުން މަނާވުމުން ހިނގާ ދެބަސްވުންތަކާއި ޒުވާބުތަކުގެ ތެރޭގައެވެ. އެއްބަޔަކަށް އެއީ ކުރަންޖެހޭ ކަންތައްތަކެއް ކަމަށް ޤަބޫލުކުރެވޭއިރު އަނެއް ބަޔަކަށް އެއީ ބޭކާރު ކަމަކަށް ވަނީ ކަމަށްވެސް ވެދާނެއެވެ.

އެކަން އެހެންވަނީވެސް ސަބަބުތަކަކާއި ހެދިއެވެ. ނެރެވޭ އަމުރުތަކާއި ޤަވާޢިދުތައް ތަނފީޒުކުރުމުގައި ފަރުވާ ކުޑަކުރެވިގެންނެވެ. އަމުރު ކުރާމީހާ ކިޔަމަންނުވެ އުޅޭތަން ފެންނާތީއެވެ. ނޫނީ އެހެން ކޮންމެވެސް ފުށުއެރުމެއްގައި އިނގިލި ދިއްކުރެވޭތަން ފެނުމުންނެވެ.

ދިވެހި ރާއްޖޭގައި އޮމިކްރޯންގެ ނުރައްކާތެރި ޙާލަތު އަދި ފެންނަން ނެތީއެވެ. އަދި އެގޮތުގައި އޮތުމަކީ އެންމެންގެވެސް ދުޢާއެވެ. އެހެންވީމާ ސްކޫލްތައް ޢާންމު ޙާލަތުގައި ނޯވެދާނެކަމުގެ ކަންބޮޑުވުން އަދި ނެތެވެ. ނަމަވެސް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި އަދިވެސް އިންޓަރނެޓު މެދުވެރިކޮށް ކިވައިދިނުމަށް ހުއްޓުމެއް ނާދެއެވެ.

އެހެން ނަމަވެސް ދަރިވަރުންނާއި ބެލެނިވެރީން، އަދި ކިޔަވައިދެއްވާ ބޭފުޅުން މާޒީއަށް ނަޒަރު ހިންގަވައިލައްވާ ބައްލަވައި ލެއްވުމަށްފަހު ވިދާޅުވަނީ ދުވަހަކުވެސް ނުވާނެއޭ ނުބުނާށޭއެވެ. ކޮންމެ ކަމެއްވެސް ކޮންމެ ވަގުތެއްގައިވެސް ކުރިމަތިވެދާނެކަމަށް މިއަދު އެންމެންވެސް ޤަބޫލުކުރާތީއެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ އިޤުތިޞާދާއި ބޭރު ފައިސާއަށް އެންމެ ބޮޑަށް ބަރޯސާވާ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ޚާއްޞަކޮށް ޔޫރަޕުގެ ފަތުރުވެރީންނަށް ބަރޯސާވުމެވެ. އަދި އެމީހުންވެސް ރާއްޖޭގައި ކޮވިޑް-19ގެ ކަންކަން ބަލަމުން ގެންދާގޮތާއި ކޮންޓްރޯލް ކުރުމުގައި ފަރުވާވެ ތިބިގޮތަށް ބަރޯސާވެގެން ރައްޖެއަށް ދަތުރުކުރަމުން ގެންދަނީއެވެ.

ނަމަވެސް މިއަދު ވިލާތުގައި ކޮވިޑް-19 ގެ ނުރައްކާތެރި ޖަރާސީމު ކަމުގައިވާ އޮމިކްރޯން ފެތުރެމުންދަނީ ހީވެސް ނުކުރާހާ ބާރު މިނެއްގައެވެ. މި އޮމިކްރޯނަކީ އޭގެ ޒާތުގައިވެސް ފެތުރޭލެއް ހަލުވި އެއްޗެއްކަމަށް ޞިއްޙަތާއިބެހޭ ތަޖުރިބާކަރުން ވިދާޅުވިއެވެ.

އެހެންކަމާއިއެކު ޔޫރަޕުގެ ޤައުމުތަކުގެ ސަރުކާރުތަކަށް މިއަދު ވަނީ އުނދަގޫ ނަމަވެސް އަނެއްކާ ހަރުކަށި ނިންމުންތައް ނިންމަން މަޖުބޫރު ވެފައެވެ. އެއީ ހަލުވިކޮށް ފެތުރޭ މި ވަބާގެ ނުރައްކާ ކުޑަކުރުމަށްޓަކައެވެ.

ވިލާތުގައި ހަރުކަށި ފިޔަވަޅުތައް ތަޢާރަފުވަމުން އަންނައިރު ވިލާތުގެ ޤައުމުތަކުގެ ތެރޭގައި ފަތުރުވެރީންނަށްވަނީ ދަތުރުފަތުރު ކުރުމަށް އުނދަގޫތަކައި ކުރިމަތިލާން ޖެހިފައެވެ. ޚާއްޞަކޮށް އިނގިރޭސިވިލާތާއި ޖަރުމަނުގައި ވަނީ ހީވެސް ނުކުރާވަރަށް ބަލި ފެތުރެން ފަށައިފައެވެ.

ނެދަރލޭންޑްސްވަނީ ހަރުކަށި ލޮކްޑައުނަކަށް ގޮސްފައެވެ. އާދީއްތަ ދުވަހުން ފެށިގެން އަސާސީ ޞަރޫރަތްތައް ގަންނަން ލިބޭ ފިހާރަތައް ފިޔަވައި އެހެން ފިހާރަތައް ބަންދުކޮށް ގެސްޓުހައުސްތަކާއި ހޮޓާ ރެސްޓޯރެންޓުތައް ބަންދުކުރުމުގެ އަމުރު ނެރިފައެވެ.

ޘަޤާފީ ޙަރަކާތްތަކާއި ކުޅިވަރުތައް މަނާވެ ހިޔާކޮށްފައިވާ އެއްވެސް އިމާރާތެއްގެ ތެރޭގައި އެއްވުންތަކާއި ބައްދަލުވުންތައް ވަކި ޙުދޫދެއްގެ ތެރޭގައި މެނުވީ ނުބޭއްވުމުގެ އަމުރު ނެރިފައެވެ.

ޑަޗް ބޮޑުވަޒީރު މާރކް ރުތު ސިފަކުރައްވައިފައިވާ ގޮތުގައި މި ފިޔަވަޅުތަކަކީ ޤައުމުގެ ތެރޭގައި ވަބާފެތުރޭ މިންވަރު ބޮޑުވެގެން ދިއުމުން ނާޅައި ނުވެގެން އެޅުނު ފިޔަވަޅުތަކެކެވެ. މި ފިޔަވަޅު ޑަޗް ސަރުކާރުން އެޅީ ޖަރުމަނުގައި 14 ދުވަހުގެ ކަރަންޓީނެއް އިޢުލާނު ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. ނަމަވެސް މުޅީ ޤައުމު ނުވަތަ ފުރިހަމަ ލޮކްޑައުނަކަށް ނުދާކަމަށް ޖަރުމަނުގެ ޗާންސެލަރ އޮލާފް ޝޯލްޒް ނޫސްވެރީންގެ ބައްދަލުވުމެއްގައި އަންގާރަދުވަހު ވިދާޅުވިއެވެ. ނަމަވެސް ކޮވިޑްގެ އަނެއް ރާޅު ނާންނާނެކަމަށް ބަލައި ކަނުލޮލެއްދީގެން ނުތިބެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހާއިގުޅޭގޮތުން އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުންނުވާ ބަޔަކު އަދިވެސް އެބަ އުޅެއެވެ. ޖަރާސީމުގެ އާ ވައްތަރުތައް އުޅޭކަމަސް ޤަބޫލުނުކުރެވި ޢާންމު ޙާލަތުގައި ތިބި ކަމަށް ޤަބޫލުރާ ބަޔަކުވެސް އެބަ އުޅެއެވެ.

ވެކްސިން ޖެހީމާވެސް ވައިރަސް ޖެހޭތީ ވެކްސިނާއި މެދުވެސް ތަފާތު ޚިޔާލުތައް ނެރެމުންދާމީހުން އުޅެއެވެ. ބަލީގެ ނުރައްކަލާއި ގުޅިގެން އެޅިފައިވާ ބައެއް ފިޔަވަޅުތަކާއި ގުޅިގެން ވެކްސިން ޖަހަން މަޖުބޫރުވެގެން ވެކްސިން ޖެހީކަމަށް އެފަދަ މީހުން ބުނެ އުޅެއެވެ. އެހެންނޫންނަމަ ވެކްސިން ނުޖަހާނެކަމަށް އެމީހުން ބުނެ އެހެން މީހުންވެސް މާޔޫސް ވާވަރަށް ހަންފަތުރަމުން ގެންދެއެވެ.

ނިކަން ޚަބަރުތައް އަޑުއައްސަވައި ވިދާޅުވެ ބައްލަވާށެވެ. ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަރަންޓީނު ނުވެ ސިންގަޕޫރަށް އެރޭނެކަމަށް ކުރި އިޢުލާން މިހާރު އެވަނީ ބާޠިލު ކޮށްފައެވެ. އެއީ އޮމިކްރޯން ފެތުރުން ކޮންޓުރޯލު ކުރުމަށްޓަކައި ކަރަންޓީނާއި ނުލައި ސިންގަޕޫރަށް ދަތުރުކުރެވޭ ޓިކެޓު ވިއްކުން މަނާކުރީއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 20 ވަނަ ދުވަހާއި ހިސާބަށް އެއަމުރު ދެމި އޮންނާނެ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ކަރަންޓީނަކާއި ނުލައި ސިންގަޕޫރަށް އެތެރެ ވެވޭނެކަމަށް ޓިކެޓު ގަނެފައިވާ މީހުނަށް މިހާރުވެސް ދަތުރުކުރެވޭނެއެވެ. އަދި ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ.

ބޯރޑަރ ކޮންޓުރޯލް ފިޔަވަޅުތަކަކީ މިފަދަ ޢާލަމީ ވަބާތައް ކޮންޓުރޯލުކުރަން އޮންނަ އެންމެ މޮޅު ގޮތެވެ. އަދި އެފަދަ ފިޔަވަޅުތަކަކީ ވައިރަހުގެ ނުރައްކާތެރި އޮމިކްރޯން ދެނެގަނެ އޭގެ ނުރައްކާ ފެތުރެމުންދާގޮތް ދިރާސާކުރުމަށްވެސް ލިބިގެންދާނެ ވަގުތު ތަކެކެވެ.

ސިންގަޕޫރުން ބުނެފައިވަނީ އޮމިކްރޯންގެ 67 މައްސަލަ ހޯމަދުވަހާއި ހިސާބަށް އެޤައުމުން ފެނިފައިވާ ކަމުގައެވެ.

ސިންގަޕޫރަކީ އާބާދީގެ ވެކްސިންޖެހޭ ޢުމުރުގެ 96 އިންސައްތަ މީހުނަށް ވެކްސިން ދެވިފައިވާ ޤައުމެކެވެ. ނުވަތަ ޤައުމުގެ މުޅި އަބާދީގެ 87 އިންސައްތަ މީހުނަށްވަނީ ވެކްސިންގެ ދެ ޑޯޒް ދީފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އޮމިކްރޯންގެ ނުރައްކާ ބޮޑުވަމުންދާއިރު މިއީ ނުރައްކާތެރި ރާޅެއްގެ ސިފައިގާ ދުނިޔެއަށް ފެތުރިގަތަ ނުދިނުމަށް ސަރުކާރުތަކުން ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

އެހެން ނަމަވެސް ބައެއް ޤައުމުތަކުގައި ވަނީ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތައް އުފެދިފައެވެ. ސަބަބަކީ ބައެއް ޤައުމުތަކުގައި އެކި ސަރަަޙައްދުތަކަށް އޮމިކްރޯން ފެތުރިގަތުން ހުއްޓުވޭނެ ގޮތެއް ޞީއްޙީ އޮފިޝަލުންނަށް ފެނިވަޑައިނުގަންނަވާތީއެވެ. ނަމަވެސް ކޮންޓުރޯލް ކުރުމަށްޓަކައި ކުރެވެން ހުރި މައްސައްކަތްތަކާއި ފިޔަވަޅުތައް ގެންދަނީ ވަރުގަދަ ކުރަމުންނެވެ.

ކޮރޯނާ ވައިރަސްގެ އޮމިކްރޯންގެ ޢަލާމާތްތަކުގެ ތެރެއިން ފަރުވާކުޑަކޮށްލައި އަޅައިނުލައި ތިބެގެން ނުވާނެ 5 ކަމެއް ވެއެވެ. އެއީ އޮމިކްރޯންގެ ނުރައްކާތެރިކަން ފެނުމާއިއެކު ފާހަގަ ކުރެވުނު ޢަލާމާތްތަކެއް ކަމަށްވާތީއެވެ.

ކޮވިޑް-19 ދިރާސާ ކުރައްވާ ސައިންޓިސްޓުން ވިދާޅުވަނީ އޮމިކްރޯން ފެންނަން ފެށިއިރު އެންމެ ފާހަގަކޮށްލެވުނު ޢަލާމާތްތަކަކީ ކޮރޯނާ ވައިރަހުގެ އެހެން ޢަލާމާތްތަކާއި ދާދިއެއްގޮތް ސިފަތަކެއް ފެންނަން ފެށުން ކަމުގައެވެ. އެއީ ނޭފަތުން ފެންއައުމާއި ބޮލުގައި ރިހުމުގެ އިތުރުން ވަރުބަލިކަން ދެ މިންވަރަށްވެސް އިޙުސާސް ކުރެވުމާއި ކިނބިހި އެޅުމާއި ކަރު ދުޅަވެ ރިއްސާގޮތްވުމެވެ.

ތަޖުރިބާކާރުން ވިދާޅުވީ އޮމިކްރޯނަކީ ޑެލްޓާ ވޭރިއަންޓަށްވުރެ 70 ގުނަ ބާރަށް ފެތުރޭ އެއްެޗެއް ކަމުގައެވެ.

ޒޯ ކޮވިޑް ސްޓަޑީ އެޕްލިކޭޝަންގެ އިސް ސައިންޓިސްޓު ޓިމް ސްޕެކްޓަރ ވިދާޅުވީ އޮމިކްރޯނަކީ އަދައިގެ ރޯގާއެއްކަމަށް މީހުނަށް ހީވުމުގެ ބިރު އެބަ އޮތް ކަމުގައެވެ. އެހެންވީމާ ކުރިން ފާހަގަ ކުރެވުނު ޢަލާމާތްތަކާއިމެދު ފަރުވާ ކުޑަނުކުރުމަށް އިރުޝާދު ދެއްވައިފައި ވެއެވެ.

ކޮރޯނާ ވައިރަހުގެ ފުރަތަމަ ޢަލާމާތްތަކުގެ ތެރޭގައި ހިމެނިގެން ދިޔަ ހުންއައުމައި ކެއްސުމާއި ވަހާއި ރަހަ ވަގުތީގޮތުން ނުވަތަ ދާއިމަށް ގެއްލި ދިއުން މިހާރު ވަނީ އާދައިގެ ކަމަކަށް ވެފައި ކަމުގައި އޭނާ ވިދަޅުވިއެވެ. އަދި ގިނަ މީހުނަށް ކުރީން ފެނުނު ޢަލާމާތްތައް ނުފެނި ބަލީގެ ޝިކާރަވެރިއަކަށް ވެދާކަމަށް އޭނާ ދެކިވަޑައިގަންވައެވެ.

އެހެން ދިރާސާ ފަތްފުށެއްގައި އިޝާރާތް ކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ ފެނުނު ނޮވިޑް ކޮރޯނާވައިރަސްގެ ޢަލާމާތްތަކާއި އަޅައި ކިޔާއިރު މައިކްރޯން ވޭރިއަންޓުގެ ޢަލާމާތްތައްކުގެ ބާރު މިން ކުޑައެވެ. އެހެން ނަމަވެސް މިއީ ވެކްސިން ފުރުހަމަ ކޮށްގެން ތިބި އެންމެން ޖަހައިފައިވާ ވެކްސިނަށްވެސް ނުގުޑާވަރުގެ އެއްޗެއްކަމަށް ބުނެފައިވެއެވެ.

ނަމަވެސް އޮކްސްފޯރޑް ޔުނިވަރސިޓީގެ މެޑިކަލް ސައިންސަސް ޑިވިޜަންގެ ވެރިޔާ ގެވިން ސުކްރީޓަން ވިދާޅުވީ ވިދާޅުވީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ބޫސްޓަރ ޑޯޒް ޖެހީމާ ރައްކާތެރިކަން ބޮޑުކޮށްދޭ މިންވަރު ކަށަވަރުވާ ކަމުގައެވެ. އެހެންވީމާ ބޫސްޓަރ ޑޯޒް ޖެހުމަށް އެބޭފުޅުން އިރުޝާދު ދެއްވައެވެ.

އޮމިކްރޯނަކީ ކޮވިޑް-19 ގެ ނުރައްކާ ވޭރިއަންތެއްކަމަށް ސައިންޓިސްޓުން ސިފަކުރަމުން ދާއިރު މި ވައިރަސް ގެންދަނީ އަދިވެސް އެތައް ޙައިރާންކަމެއް ގެނުވަމުންނެވެ.

އިނގިރޭސިވިލާތުގެ ޑޮކްޓަރަކު އެ ޤައުމުގައި ނިކުންނަ ސަން ނޫހަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވެފައިވަނީ އޮމިކްރޯންގެ އެހެން އާ ޢަލާމާތެއް ފެނިފައިވާ ކަމުގައެވެ. އެއީ ރޭގަނޑު އޮށޯވެ ނިދަން އޮންނައިރު ހިއްލާ ދަލުން ކަމުގައެވެ.

އިނގިރޭސިވިލާތުގެ ޤައުމީ ޞީއްހީ ޚިދުމަތްތަކާބެހޭ މުއައްސަސާގެ ޑޮކްޓަރެއްކަމުގައިވާ ޢާމިރު ޚާން ވިދާޅުވީ އެގޮތަށް ރޭގަނޑު ނިދީގައި އޮއްވައި ދަހިއްލައިގެންފިނަމަ އެހިސާބުން ތެދުވެ ދާތައް ފޮހެ ހިއްކައި ނިދާހެދުންވެސް ބަދަލުކުރަންޖެހޭ ކަމުގައެވެ. އެއީ އޮމިކްރޯންގެ ޢަލާމާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ކަރުތެރެ ހިރުވުމާއި ހިކި ކެއްސުމާއި އިންތިހާއަށް ވަރުބަލިކަން އިޙުސާސްވުމާއި ގައިގައި ރިހުމަކީވެސް މި އާ ވޭރިއަންޓާއި ކޮވިޑުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމުގައި އެބޭފުޅުން ކުރެއްވި ދިރާސާގައި ވެއެވެ.

އެބޭފުޅުން ވިދާޅުވެފައިވަނީ އޮމިކްރޯންގެ ސަބަބުން ބަލީގެ ނުރައްކާ ބޮޑުވާކަމަށް ނުދެއްކި ކަމުގައިވީ ނަމަވެސް ނުވަތަ މަރުވާ ނިސްބަތް މައްޗަށް ދިޔަ ކަމުގައި ނުވިނަމަވެސް އެންމެންވެސް ޖެހޭނީ ރައްކާވެ ތިބިއްޔާ ދަތުރު ކަމުގައި ކަނޑައަޅައިގެން ތިބެން ކަމުގައެވެ.