ޑެލްޓާ ވޭރިއެންޓަށްވުރެ އޮމިކްރޮން ވޭރިއެންޓް ނުރައްކާތެރި ކަމަށް ކަނޑައެޅުމަށް ބޭނުންވާ ވަރަށް އެކަށީގެންވާ މައުލޫމާތު އަދި ލިބިފައި ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ – ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

އޮމިކްރޮން ވޭރިއެންޓް ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނުތާ އަދި މިވީ މަހެއްހާ ދުވަހެވެ.

މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ޑަބްލިޔުއެޗްއޯގެ ޓެކްނިކަލް ލީޑް، ޑރ. މާރިއާ ވެން ކަރްޚޯވް ވިދާޅުވީ، އޮމިކްރޮން ވޭރިއެންޓުން ކޮވިޑްޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވާކަމަށް ބުނެވޭ ވަރަށް، މައުލޫމާތުތައް އަދި ނެތްކަމަށެވެ.

ޑރ. މާރިއާ ވިދާޅުވީ، އޮމިކްރޮން ވޭރިއެންޓް ފެނި އަދި ފެތުރެމުންދާ ތަފާތު ގައުމުތަކުން ހާމަކުރަމުންދާ މައުލޫމާތުތަކުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ. އެކަމުގައި ސާފުނުވާ ކަންކަން އެބަހުރި ކަމަށެވެ.

އެހެންކަމުން، ވަގުތީ ދިރާސާތަކުގެ ނަތީޖާއަށް ބަލައި، އޮމިކްރޮން ވޭރިއެންޓަކީ ދުނިޔޭގެ އާބާދީއަށް، ޚާއްސަކޮށް ނާޒުކު ހާލަތުގައި ތިބޭ މީހުންނަށް ނުރައްކާކުރާ ވޭރިއެންޓެއް ކަމަށް ކަނޑައެޅުން މާއަވަސް ކަމަށް ޑރ. މާރިއާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މީހުންގެ ކިބައިން އެދެމުން މިދަނީ ރައްކާތެރިވެ ތިބުމަށް. އަޅުގަނޑުމެން ގައުމުތަކުގެ ކިބައިން އެދެމުން މިގެންދަނީ ރައްކާތެރިވެ ތިބުމަށް، ޚާއްސަކޮށް ޗުއްޓީގެ ދުވަސްތަކެއް އަންނާތީ"
ޑރ. މާރިއާ ވެން ކަރްޚޯވް

ދެކުނު އެފްރިކާގެ ސައިންސްވެރިން ހެދި ދިރާސާއަކަށްފަހު އިއްޔެ ބުނެފައިވަނީ، އޮމިކްރޮން ވޭރިއެންޓަކީ ޑެލްޓާއަށްވުރެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އަދި އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މިންވަރު، ޑެލްޓާއަށްވުރެ އިތުރުވާކަމަށް ނުބެލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

މީޑިއާ ބްރީފިންގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމްވަނީ، ކޮވިޑްގެ ބަލިމަޑުކަމުގައި މިހޭދަވި ދެއަހަރުން ތަޖުރިބާ ހާސިލްކުރުމަށް މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.

ޑރ. ޓެޑްރޯސްވަނީ، ކޮވިޑްގެ ބަލިމަޑު ހާލަތު އަންނަ އަހަރު ނިމުމަކަށް ގެނައުމަށްޓަކައި ގައުމުތަކުން ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައް އަދިވެސް ވަރުގަދަކޮށް އަވަސްކުރުމަށް ގޮވާލައްވާފައެވެ.

"އައު އަހަރެއް ކުރިމަތިވަމުން އަންނައިރު، ނިމިގެންމިދާ އަހަރު ކުރިމަތިކުރި ވޭނީ ފިލާވަޅުތަކުން އަޅުގަނޑުމެން އެންމެންވެސް އިބްރަތްތަކެއް ލިބިގަންނަންޖެހޭ. 2022 ވަނަ އަހަރު ވާންޖެހޭނީ ކޮވިޑް ބަލިމަޑުކަން ނިމުމަކަށް ގެންނަންޖެހޭ އަހަރަކަށް"
ޑރ. ޓެޑްރޯސް އަދަނޮމް

ޑރ. ޓެޑްރޯސްގެ ވާހަކަގައި، ގައުމުތަކަށް ހަމަހަމަ އުސޫލަކުން ވެކްސިން ލިބޭގޮތް އަދިވެސް ނުވުމަކީ މި ބަލިމަޑުކަން ދިގުލައިގެން ހިނގައިދާނެ ސަބަބެއް ކަމަށް ވިދާޅުވިއެވެ. މުއްސަނދި ގައުމުތަކުން އެގައުމުތަކުގައި މިހާރުވެސް ވެކްސިން ޖަހާފައިވާ މީހުންނަށް ވެކްސިން ޖަހަން އުޅޭ އުޅުމަށް އޭނާ ފާޑުވިދާޅުވިއެވެ.

ޑރ. ޓެޑްރޯސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ގްރޫޕްތަކުގެ މީހުންނާއި، ދުނިޔޭގެ އާބާދީއަށް ވެކްސިން ޖަހައިގެން މެނުވީ، ދުނިޔޭގެ އެއްވެސް ގައުމަކަށް މި ބަލިމަޑުކަމުން އަރައިނުގަނެވޭނެ ކަމަށެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑްބަލީގައި މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 5.6 މިލިއަން މީހުން މަރުވެފައި ވެއެވެ.