ރާއްޖޭގެ ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ހަތް ކުލަބަކުން، ރާއްޖޭގެ އޮންލައިން މީޑިއާ "މިހާރު" ބައިވެރިވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކޮށްފިއެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ހުކުރު ދުވަހު ފަށާ މެޗުތަކުގެ ކުރިން ބުރާސްފަތި ދުވަހު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި 7 ކުލަބުން ވަނީ "މިހާރު"ގެ ނޫސްވެރިއަކު ބައިވެރިވާތީވެ އެ ބައްދަލުވުމުގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކުރި ސަބަބެއްގެ ގޮތުގައި މި ކުލަބުތަކުން ބުނެފައިވަނީ، "މިހާރު" ނޫހުން ފުޓްބޯޅައިގެ ރޫހާ ހިލާފަށް މައުލޫމާތު ފަތުރާތީ އާއި ފުޓްބޯޅަ ކްލަބްތަކާ އެފްއޭއެމްއާ ޒާތީކޮށް މަސައްކަތްކުރާތީ "މިހާރު" ނޫސް ބައިވެރިވާ ނަމަ ބައްދަލުވުމުގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން "ވީނިއުސް" އިންކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ކުލަބުތަކުން ނިންމި ނިންމުންވީ އެފްއޭއެމް އަށްވެސް ސަޕްރައިޒަކަށް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ބަލަންޖެހޭ ކަންތައްތައް މިހާރު ބަލަމުންދާ ކަމަށާއި، ކުރެވެން އޮތް ކަންތައްތަކާއިމެދު މަޝްވަރާކުރަމުންދާކަމަށްވެސް ޖަވާ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ އިތުރު މީޑިއާ އަކާއި ވާހަކަދްކަވަމުން ޖަވާ ވަނީ "މިހާރު" ނޫހުން ނެގެޓިވްކޮށް ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭކަން އެ އެސޯސިއޭޝަނަށް ވެސް ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުރަތަމަ ޑިވިޝަނުގެ 8 ކުލަބުގެ ތެރެއިން ބައިވެރިވެފައިވަނީ ހަމައެކަނި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އެޓީމުގެ ފަރާތުން ކުލަބުގެ ކޯޗް އިސްމާއިލް މަހްފޫޒް (އިންމަ) ވަނީ ޕްރެސްގައި ނޫސްވެރިންނާއި ވާހަކަދައްކާފައެވެ.

"މިހާރު" ނޫސް ބައިވެރިވާ ޕްރެސްތައް ބޮއިކޮޓް ކުރަން ނިންމި ކުލަބުތަކަކީ ރާއްޖޭގެ އެންމެފަހުގެ ލީގު ޗެމްޕިއަން އަދި މިސީޒަނުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ފާއިތުވީ ސީޒަނުގެ ލީގު ރަނަރަޕް ކްލަބް ވެލެންސިއާގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބާއި، ކްލަބް އީގަލްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ކްލަބް ގްރީން ސްޓްރީޓް އަދި ޔުނައިޓެޑް ވިކްޓްރީ އެވެ.

މިކަމާ ގުޅިގެން "މިހާރު" ނޫހުން ބުނެފައިވަނީ، އެ ނޫހަށް އެނގިފައިވާ ގޮތުގައި ނޫހުން ކުޅިވަރު ޚަބަރުތަކުގެ ސުރުހީ ގެންނަ ގޮތާއި "މިހާރު" ގައި ކުޅިވަރާ ބެހޭ ގޮތުން ސްޕޯޓްސް މިނިސްޓްރީގެ ކުރީގެ ވެރިއެއް އަދި ކުޅިވަރުގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުއް ކަަމަށްވާ ހާމިދު އަބްދުލްޣަފޫރު ލިޔުއްވާ ކޮލަމާ މެދުވެސް އެ ކްލަބްތަކުން ހިތްހަމައެއް ނުޖެހޭކަމަށެވެ.

ކުޅިވަރުގެ ޚަބަރުތަށް، ހާއްސަކޮށް ފުޓުބޯޅައިގެ ޚަބަރުތައް އާންމުންނާއި ހަމައަށް ގެނެސްދިނުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ "މިހާރު" ނޫހަކީ 2016 ވަނަ އަހަރު ވުޖޫދަށް އައި އޮންލައިން ނޫހެކެވެ. އަދި އެ ނޫހުން އަންނަނީ ކުޅިވަރު ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން "މިހާރު އެވޯޑްސް" ގެ ނަމުގައި ކުޅިވަރު އެވޯޑެއް ވެސް ބާއްވަމުންނެވެ.