ދާދި ފަހުން ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދި "މަޒްލޫމް"ގެ ދަށުން ސިލްސިލާކޮށް ކުރު ފިލްމް ތަކެއް ގެެނެސްދެމުން އަންނަ ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗަރ ފިލްމަކީ "ޖޯޑެއްގެ ސާފު ލޯބި" ކަމުގައި އެ ސްޓޫޑިއޯއިން ހާމަކޮށްފިއެވެ.

https://www.instagram.com/p/CXiTfnBJVH0/?utm_medium=copy_link

އެ ސްޓޫޑިއޯން ބުނެފައިވަނީ "ޖޯޑެއްގެ ސާފު ލޯބި"ގެ ނަމުގައި ނެރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ އާސިމް އަލީ ކަމަށެވެ. ކަޒްމިކް އިންޓަނޭޝަނަލްގެ އިންސްޓަގްރާމްގައި އެކަން ހާމަކޮށްފައިވާއިރު، ފިލްމުގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ އިލްޔާސް ވަޙީދު (އިއްލެ) އެވެ. 2019 ވަނަ އަހަރުގެ ކާމިޔާބު އެއް ފިލްމު "ބަވަތި"ގައިވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި އާސިމް ވަނީ މަސައްކަތް ކޮށްފައެވެ.

"ޖޯޑެއްގެ ސާފު ލޯބި" އާއި ގުޅޭ މާގިނަ މައުލޫމާތެއް މިހާތަނަށް އަދި ހިއްސާ ކޮށްފައި ނުވިނަމަވެސް ފިލްމުގެ ކާސްޓުންނާއި އަދި ފިލްމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ކަޒްމިކުން ބުނެފައިވެއެވެ.

ކަޒްމިކް އިންޓަރނޭޝަނަލްގެ ފުރަތަމަ ފީޗަރ ފިލްމު އިއުލާނު ކުރިއިރު، ކަޒްމިކުން ވަނީ އިއްލެ އާއި ގުޅިގެން ”މަޒްލޫމް“ގެ ނަމުގައި ކުރު ފިލްމުތަކެއްވެސް ގެނެސްދީފައެވެ. މިހާތަނަށް ”މަޒްލޫމް“ ގެ 3 ބައި ގެނެސްދީފައިވާއިރު، މިހާރު ބެލުންތެރިން އިންތިޒާރު ކުރަމުން ދަނީ އޭގެ 4 ވަނަ ބައި ނުވަތަ ފަހު ބައި ”ހިންތަ“ ނެރޭނެ ދުވަހަކަށެވެ.