އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކޮށްފައިވާ 35 ގޯއްޗެއް، ބަދަލު ދިނުމަށް ފަހު ދައުލަތަށް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.

ގޯތީގެ މައްސަލައިގައި 14 މީހަކު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އޭގެތެރެއިން 7 މައްސަލައެއްގައި ސިޓީ ކައުންސިލުން ނިންމާފައިވާ ގޮތް ރަނގަޅު ކަމަށް ކޯޓުން ނިންމިއިރު އަނެއް 7 މައްސަލައިގައި ބުނެފައިވަނީ ކޯޓުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ނިންމާފައިވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކޮށްފައިވާ 35 ގޯއްޗެއް ދައުލަތަށް ނެގުމަށްފަހު އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ބިން ދޫކުރާގޮތަށް އެބިން ދައުލަތަށް ނެގުމަށެވެ.

އެ މައްސަލަތަކުގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ މީހުންގެ މުދާ އަތުލުން ގާނޫނު އަސާސީން މަނާ ކުރިޔަސް، އާންމު ފައިދާއަކަށްޓަކައި ޝަރީއަތް މެދުވެރިކޮށް ބަދަލު ދިނުމަށްފަހު މުދަލެއް ދައުލަތަށް ނެގިދާނެ ކަމަށް ގާނޫނުު އަސާސީގައި ބުނެފައިވާ ކަމަށެވެ.

ގޯތިތައް އަތުލަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުމުގައި ވެސް އޮތީ ގޯތިތަކުގެ ވެރިފަރާތްތަކަށް ގާނޫނާ އެއްގޮތަށް ދޭންޖެހޭ ބަދަލެއް ދިނުމަށްފަހު ގޯތިތައް އަތުލުން ކަމަށާއި އެހެންވެ، އެއީ ގާނޫނާ ޚިލާފް ނިންމުމެއް ނޫން ކަމަށް ހުކުމުގައިވެއެވެ.

ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ހިތަދޫ ކޯޓުން ނިންމާފައިވަނިކޮށް އެއާ ތަފާތުކޮށް އަނެއް ހަތް މައްސަލާގައި ހަމަ އެ ކޯޓުން ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ހުކުމްގައި ބުނެފައިވެއެވެ.

އަދި އެއް ކޯޓަކުން ދެގޮތަށް އެ މައްސަލަތައް ނިންމީ ދެފަނޑިޔާރަކު އެމައްސަލަތައް ބެލުމުން ކަމަށާއި އެކަމަކު ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުން އެފަދަ ހާލަތްތަކުގައި އެ ހުރިހާ މައްސަލަތަކެއް ބަލަންޖެހޭނީ އެއް ފަނޑިޔާރަކު ކަމަށް ކުމުގައިވެއެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ، ގޯތިތައް އަތުލަން ކައުންސިލުން ނިންމި ނިންމުން ބާތިލްކުރަން ހިތަދޫ ކޯޓުން ކުރި ހުކުމްތައް ބާތިލް ކުރުމާއެކު، ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ކުރި ހުކުމްތަކަށް ތާއީދުކުރާ ކަމަށެވެ.

ހައި ކޯޓުން އެމައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ހާތިފެވެ.