ދެއަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ހއ. އުލިގަމުގައި އައު އަހަރު ފެށުމުގެ ގޮތުން ބާއްވަމުން އަންނަ މަސްފިހުމުގެ ހަރަކާތް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

މަސްފިހުން ނުވަތަ ބަބަކިއުގެ މި ހަރަކާތަކީ މީގެ ޒަމާންތަކެއް ކުރިން ލިގަމުގެ އޭރުގެ ޒުވާނުން ކޮޅެއްވެގެން ވަރަށް އާދައިގެ ގޮތަކަށް މަޖަލަކަށް ފެށި ހަރަކާތެކެވެ.

ހުއްޓާނުލައި މިކަން ބާއްވަމުން ގޮސް ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ހަރަކާތަކަށް ބަދަލުވެ، މިއީ ރަށުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރާ ހަރަކާތަކަށް މިހާރު ވަނީ ބަދަލުވެފައެވެ. އަދި މި ހަރަކާތް ޒަމާނާ އެއްގޮތަށް ބަދަލުވެ އުލިގަމުގެ ޓްރޭޑް މާކެއްގެ ގޮތުގައިވެ މުޅި ރާއްޖެއަށްވެސް ވަނީ މަޝްހޫރު ވެފައެވެ.

ރަށުގައި އޭރު ޒުވާން ކުދިންކޮޅެއް ސަކަރާތުގެ ތެރެއިން ފެށި މިހަރަކާތް އިތުރަށް ފުޅާވެގެންދިޔައީ ކައުންސިލުން އިސްވެ މަސްފިހުމުގެ ހަަރަކާތް ފެށި ހިސާބުންނެވެ.

އަދި 2011 ވަނަ އަހަރު ރަށު ކައުންސިލް އުފެދުނު ހިސާބުން މިކަމުގައި އިސްކޮށް އުޅެނީ ރަށު ކައުންސިލުން ކަމުގައި އެރަށު ރައްޔިތުން ބުނެއެވެ. އަދި މިހާރު މިއީ ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު" ގެ ގޮތުގައި އެރަށުން ފާހަގަކުރެއެވެ.

ފޮޓޯ: މަސްފިހުމަށް ތައްޔާރުކުރަނީ

ހއ. އުލިގަމުން މިހަރަކާތް ބާއްވަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. މިއަހަރުވެސް އުލިގަމުން އެ ރަށުގައި ބާއްވަމުން އަންނަ "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު" އަށް ވަނީ ތައްޔާރުވާން ފަށާފައެވެ.

އެކަމަކު މިފަހަރު ބާބަކިއު މި ބާއްވަނީ ކޮވިޑާ ގުޅިގެން ދެއަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ހަރަކާތެކެވެ. އެހެންވެ މިފަހަރުގެ ބާބަކިއު ވަރަށް ޚާއްސައެވެ. ދިގު އިންތިޒާރަކަށް ފަހު ރަށުގެ ހުރިހާ ރައްޔިތުންނާ އެއްތަނަކުން ބައްދާލުވާނެ ދުވަހަކީ މިއީ ކަމަށްވާތީއެވެ.

އެރަށުން ވީނިއުސްއަށް މައުލޫމާތުދެމުން ބުނީ "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު" އަށް ބޭނުންކުރަނީ ސީދާ ދުވަހުން ދުވަހަށް ހޯދާ ތާޒާ މަސްކަމަށާއި ގާތްގަނޑަކަށް 500 އާއި 600 ދެމެދުގެ މަސް އެދުވަހަށް ޚާއްސަކޮށްގެން ފިހާ ކަމަށެވެ.

މިހަރަކާތަށް ބޭނުންވާ ދަރާއި އަދި އެހެނިހެން މަސައްކަތުގައި ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވަނީ ނުހަނު ޖޯޝާ ފޯރީގައެވެ.

މި ހަރަކާތް ފެށުމުގެ އެއްދުވަސް ކުރިން މަހަށް ޖަހާ އޫވެސް ހަދަން ފަށައެވެ. މަސްފިހަނީ އިހުގައި މަސްފިހަން ގެންގުޅުނު އޮށި އުލުގައި އަނގުރު އަލިފާނުގައެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެކި ޓީމުތަކަށް ބަހާލައިގެން ހަރަކާތަށް ބޭނުންވާ މަސް ހޯދުމަށް މަހަށް ނިކުންނައިރު އެ މީހުންނަށް ކެއުމުގެ އިންތިޒާމުތައް ހަމަޖައްސައި މަސް ފިހުމުގެ ތައްޔާރީތަކުގައި ރަށުގެ އަންހެންވެރިންވެސް ނިކަން ފޯރީގައި އުޅޭ ކަމަށެވެ.

ފޮޓޯ: މަސްފިހުމަށް އަށިހަދާ އަލިފާން އަޅަން ތައްޔާރުކުރަނީ

ރަށުގެ އަންހެން ވެރިން މަހާއެކު ކެއުމަށް ބޮނޑިބަތް ތައްޔާރުކުރަނީވެސް އެއްތަނެއްގައި ތިބެގެންނެވެ. މިއީވެސް ނުހަނު ގަޔާވެގެން ފޫހިކަމެއްނެތި ބަލާލެވޭނެ ހިތްގައިމު މަންޒަރެކެވެ.

ދޯނިތައް މަހުން ލަފާއިރަށް އަންހެންވެރިން ދޯނިތަކުގެ މީހުންނަށް ސާގުފަންޏާއި ފެން ބިހުން މަރުހަބާ ކިޔައެވެ.

އައު އަހަރުގެ މަސްފިހުން ނުވަތަ "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު" އޮންނަނީ އުލިގަމު ބަނދަރު ސަރަހައްދުގައި އިޝާ ނަމާދަށް ފަހުއެވެ.

މިބޮޑު ބާބަކިއުގައި ބައިވެރިވެވެނީ ހަމައެކަނި އުލިގަމު މީހުންނަކަށް އެކަންޏެއްނޫނެވެ. މިކަމުގައި ދޭސީއެއް ބިދޭސީއެއް ރައްޓެއްސެއް ބީރައްޓެއްސެއް އިސްތިސްނާއެއް ނުކުރެއެވެ. ހަމަ ކޮންމެ މީހަކަށްވެސް މިކަމުގައި ބައިވެރިވެވެއެވެ.

ފޮޓޯ: މަސްފިހުމަށް ތައްޔާރުކުރަނީ

ހއ. އުލިގަމަކީ ބޭރުގެ ޔޮޓު ފަހަރު އެރަށެއްގައި އެންމެ ގިނައިން ބަނދަރުކުރާ ރަށެވެ. އެހެންކަމުން މިރަށަކީ ފަތުރުވެރިންގެ ވެސް މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އަދި މިހާރު ކޮންމެ އަހަރަކު ބާއްވާ މަސްފިހުމުގެ މި ހަރަކާތުންވެސް އުލިގަން އަންނަނީ ރާއްޖޭގެ ކަންކޮޅުތަކުގައި މަޝްހޫރުކަން ހޯދަމުންނެވެ.

މިއަހަރުގެ މަސްފިހުމުގެ ހަރަކާތް އޮންނާނީ 1 ޖެނުއަރީ 2022 ވާ ހޮނިހިރު ދުވަހު ރަށުގެ ބަނދަރު ސަރަހައްދުގައެވެ. ބައިވެރިވާން ހަމަ ގޮސްލަންވީއެވެ.