ރާއްޖޭގެ މަސްވެރިކަން ތިޔާގިވެ، މަސްކިރުމަށް އަންނަ އޮޑިދޯނިފަހަރުގެ އަދަދު އިތުރުވުމާއި ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސް ގަންނަ މިންވަރު ލިމިޓްކޮށްފިއެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވެފައިވާތީ މިފްކޯގެ ޕްރީޒިންގ ކެޕޭސިޓީއަށްވުރެ އިތުރަށް އެ ކުންފުންޏަށް މަސް ލިބެމުންދާތީ މަސްކިރުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންކަމުން މާދަމާއިން ފެށިގެން ކޮންމެ ދޯންޏަކުން ވެސް ގަންނާނީ ފަސްޓަނުގެ މަސްކަމަށް މިފްކޯއިން ބުނެއެވެ.

ހުކުރު ދުވަހަކީ އާންމުގޮތެއްގައި އެކުންފުނިން މަސްކިރާ ދުވަހަކަށް ނުވިނަމަވެސް، އެކުންފުނިން ބުނީ، މަސްކިރަން އަންނަ ދޯނިފަހަރު ކިއުގައި ހޭދަކުރާ ވަގުތު މަދު ކުރުމަށާއި، ރަނގަޅު ކޮލިޓީގެ މަސް ގަންނަން ބޭނުންވާތީ އިއްޔެ ކިއުއަށް އެރި ދޯނިފަހަރުތަކުގެ މަސް މިއަދުވެސް ކިރަމުން ދާ ކަމަށެވެ. ފާއިތުވި ހަތަރު ހުކުރުގައިވެސް އެކުންފުނިން ވަނީ މަސްކިރާފައެވެ.

މީގެއިތުރުން، ކޯލްޑް ސްޓޯރޭޖްތައް ފުރިފައިވާތީ ކެރިއަ ބޯޓުތައް ގެނެސް މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިފްކޯއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރު އެކުންފުނިން ޖުމްލަ 49،392 މަސް ގަނެފައި ވާއިރު، މިއަހަރުގެ މިހާތަނަށް ގަނެފައިވަނީ 56،198 ޓަނުގެ މަހެވެ. މި މަހުގެ މިހާ ހިސާބަށް 8،796 ޓަނުގެ މަސް ގަނެފައިވާއިރު، މިއީ މިފްކޯގެ ތާރީހުގައި ވެސް މަސްދުވަހުގެ ތެރޭގައި އެންމެ ގިނައިން މަސް ގަނެވޭނެ ފަހަރަށް ވާނެ ކަން ފާހަގަކޮށް މިފްކޯއިން ބުނީ މި މަސް ނިމޭއިރު 10،500 ޓަނުގެ މަސް ގަނެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.