މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ (އެމްއެމްއޭސީ) އިން އިންތިޒާމްކޮށްގެން ގެނެސްދޭ "މަދަހަ ރަން އަޑު" މުބާރާތުގެ ތިންވަނަ ސީޒަން އިފްތިތާހް ކޮށްފިއެވެ.

މުބާރާތް އިފްތިތާހް ކޮށްފައިވަނީ އެކަމަށްޓަކައި އެމްއެމްއޭސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއގައެވެ.

ވީޓީވީ އާއި އެމްއެމްއޭސީ ގުޅިގެން ގެނެސްދޭ މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވީޓީވީއެވެ.

މިއީ، މަދަޙަ ކިޔާ، ހުށަހަޅާ ހިތްވާ ދަރިވަރުންގެ މެދުގައި ކިޔުންތެރިކަމުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން ދަރިވަރުންގެ މެދުގައި ދީނީ ޝިޔާރު ފައުޅުކުރުމުގެ ލޯބި ޖެއްސުމާއި، އަމިއްލަ ދިވެހިވަންތަ މަދަހައިގެ ރާގުތަކުގެ، އުފެއްދުންތެރިކަން އިތުރުކޮށް، މި މުބާރާތުގެ ސަބަބުން މުސްތަޤްބަލުގައި ފެންވަރު ރަނގަޅު ދިވެހި ފަންނުވެރިން އުފެދި، ފަންނުވެރިކަން ތަރައްޤީވެ ކުރިއަރާ ދިއުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް އެމްއެމްއޭސީން ބުނެއެވެ.

މުބާރާތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްއެމްއޭސީގެ ޗެއާމަން އަލީ އަބްދުލްކަރީމް (ރުކުމާ އަލީ) ވިދާޅުވީ، އެހެން އަހަރުތަކަށްވުރެ މިއަހަރުގެ މުބާރާތް ތަފާތުވާނެ ކަމަށާއި، މިއަހަރުގެ މުބާރާތުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ގިނަ ބައިވެރިންނަށް ވަނަ ހާސިލް ކުރުމަށް މަގުފަހި ވާގޮތަށް ކަމަށެވެ.

އެގޮތުން، މިއަހަރުގެ މުބާރާތުގައި ވަނަ ހޮވުމުގައި ބެލުންތެރިންގެ އެސްއެމްއެސްގެ ހިއްސާ ހިމެނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ޓެމްޕްޓްލޭޓް މި އުޅެނީ އަނެއްހެން ބުނަންޏާ މި މުބާރާތުގައި ކޮމްޕީޓްކުރާ ގާތްގަނޑަކަށް އެއް ކުދިންތަކެއް. ވަރަށް އާންމު ކަމެއް އެކުދިންނަށް ހުރިހާ މަތީ ވަނަތަކެއް ލިބިގެން ދިއުމަކީ. ބައެއް ކުދިން ހިތްވަރު ދެރަވުމުގެ ކަންތައްތައް ފާހަގަކުރެވިފަ ހުރީމަ، ހިތަށް އަރަނީ މިފަހަރު ކޮންމެ ކުއްޖަކަށްވެސް އެއްވަނައަށް އާދެވުމުގެ ފުރުސަތު އޮންނާނެ އޭ.
އެމްއެމްއޭސީގެ ޗެއަރމަން އަލީ އަބްދުލްކަރީމް

އަލީ އަބްދުލްކަރީމް ވިދާޅުވީ، ކޮންމެ ކުއްޖަކަށްވެސް މަތީ ވަނައަށް އާދެވުމުގެ ދޮރު ހުޅުވާލަން ގަސްތުކުރައްވާ ކަމަށެވެ.

މީގެއިތުރުން، އެންމެ މޮޅު މަދަހަ ހޮވުމުގައި ބަލާނީ ހަމައެކަނި ކިޔުންތެރިކަމަށް ނޫން ކަމަށާއި، މުޅި މުބާރާތުގެ ވަނަތައް ހޮވުމުގައި، ކިޔުންތެރިކަމުގެ އިތުރުން އެންމެ މޮޅު ޅެމާއި، އެންމެ މޮޅު ރާގަށްވެސް ބަލާނެ ކަމަށް ރުކުމާ ވިދާޅުވިއެވެ.

އަހަރަކަށް ވުރެ އަހަރެއް އަމިއްލަ ރާގު އިތުރުވަމުން އަންނަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ވީޓީވީ އާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީޓީވީގެ ސީއޯއޯ މުހައްމަދު ޒަހީން ވިދާޅުވީ، ވީމީޑިއާއަކީ ފަންނުވެރިންނަށް ޖާގަހުޅުވިފައިވާ މީޑިއާއެއް ކަމަށާއި، މިފަދަ މުބާރާތެއް ބްރޯޑްކާސްޓް ކުރުމުގެ މަގްސަދަކީ މި ދާއިރާގެ ފަންނުވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރުން ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވިކަން ފާހަގަކުރައްވައި، ޒަހީން ވިދާޅުވީ، މިއަހަރުގެ މުބާރާތް އެއަށްވުރެ ފުރިހަމަވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެންމެ ފަހުން ނިމިދިޔަ މުބާރާތް އަޅުގަނޑުމެން ގެންދަން ޖެހުނީ ޕެންޑެމިކްގެ މި ހާލަތުގައި. ތަންކޮޅެއް ތާށިކޮށް ތިބެގެން. އެހެން ނަމަވެސް އިރާދަކުރެއްވީތީ މިހާރު މިވަނީ ކޮންމެސް ވަރަކަށް އަޅުގަނޑުމެންނަށް ހެލިފެލިވެ އުޅޭނެ ގޮތްތަކެއް ތަނަވަސް ވެފަ. އެހެންވީމަ އުންމީދުކުރެވެނީ ކުރީ މުބާރާތަށްވުރެ މާ ބޮޑުތަން ރަނގަޅަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ ކަމަށް.
ވީމީޑިއާގެ ސީއޯއޯ މުހައްމަދު ޒަހީން

ޒަހީން ވަނީ އެމްއެމްއޭސީން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވީޓީވީ އިޚްތިޔާރު ކުރީތީ އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ.

މަދަހަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އުމުރުފުރާތަކަށް ބަހާލައިގެންނެވެ.

އެގޮތުން ޖޫނިއަރ ގްރޫޕުގައި 6 އަހަރުން ދަށް، 9 އަހަރުން ދަށް، އަދި އެގާރަ އަހަރުން ދަށް ހިމެނެއެވެ.

13 އަހަރުން ދަށް، 16 އަހަރުން ދަށް، އަދި 18 އަހަރުން ދަށް ހިމެނެނީ ސީނިއަރ ގްރޫޕުގެ ތެރޭގައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 31 ޖެނުއަރީ 2022 ގެ ނިޔަލަށް ހުރިހާ އަތޮޅަކަށް ވަނީ ހުޅުވާލާފައެވެ.

މުޅި މުބާރާތުން ވަނަ ވަނައަށް ހޮވޭ ކުދިންނަށް ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މުޅި މުބާރާތުން އެއްވަނައަށް 5،000 ރުފިޔާ، ދެވަނައަށް 3،000 ރުފިޔާ އަދި ތިންވަނަ އަށް 2،000 ރުފިޔާ ދިނުމަށް ވަނީ ހަމަަޖެހިފައެވެ.

މިމުބާރާތް ދެއްކުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައެވެ.