• ދިރިއުޅުމުގެ އާންމު ހާލަތު އެހާރަށްވުރެ އެތައް ގުނައެއް ރަނގަޅު
  • ކުރިއަށްވުރެ އިޖުތިމާއީ ގުޅުން ވަރަށް ބޮޑަށް ހީނަރު
  • އާބާދީ ބޮޑު ރަށަކަށްވުމުން ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވޭ

ދިވެހި ތާރީޚުގެ ކަޅު ޞަފްޙާތަކުގައި ލިޔެވިފައިވާ އެންމެ ހިތްދަތި ގުދުރަތީ ކާރިޘާ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާއަށް 17 އަހަރު ފުރުނީއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި މި ކާރިޘާގެ ސަބަބުން ދިވެހި އެތައް ފުރާނައެއް ގެއްލި، އެތައްބަޔަކު ގެއްލި، ރަށްތަކާއި، މީސްމީހުންގެ ގެދޮރަށާއި، ތަންތަނަށް ލިބުނު ބޮޑެތި ގެއްލުމުގެ ޖުމްލަ އަދަދު 470 މިލިއަން އެމެރިކާ ޑޮލަރަށް އެރިއެވެ. އެއީ އޭރު ރާއްޖޭގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)ގެ 62 އިންސައްތައެވެ.

ސުނާމީއާ ގުޅިގެން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށަކީ ރ. ކަނދޮޅުދޫއެވެ. ސުނާމީގައި މުޅި ކަނދޮޅުދޫ ސުންނާފަތިވެ އެރަށުގެ ރައްޔިތުންނަށް ރަށް ދޫކޮށްދިއުމަށް މަޖުބޫރުކުރުވިއެވެ. ސުނާމީގެ ބިޔަ ރާޅުތައް އަރައި، ހުރިހާ ގެދޮރެއްހެން ދިރި ނޫޅެވޭ ވަރަށް ހަލާކުވެ ސަލާމަތުން ތިބި ބަޔަކު މަގުމަތިވީއެވެ.

ކަނދޮޅުދޫ ރައްޔިތުން ވަގުތީގޮތުން އެކި ރަށްރަށުގައި ދިރިއުޅުނު ނަމަވެސް މީގެ 13 އަހަރު ކުރިން ކަނދޮޅުދޫ ރައްޔިތުންނަށް ހާއްސަކޮށް އެ އަތޮޅުގައި އޮތް ފަޅުރަށެއް ކަމަށްވާ ދުވާފަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބޭރުގެ ފަރާތްތައް ހާއްސަކޮށް ރެޑްކްރެސެންޓްގެ އެހީއާއެކު ސަރުކާރުން ފެށުމުގެ ނަތީޖާއަކީ މިއަދު ކަނދޮޅުދޫ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ.

ރ. ދުވާފަރު ކައުންސިލްގެ އިދާރާ --- ފޮޓޯ: ޒިދާން މުހައްމަދު

ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އިންސާނިއްޔަތުކަމުގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކުވެސް ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ސުނާމީ އެރި ދުވަސް ފާހަގަކުރަމުން ދާއިރު މިއަހަރުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް ރ. ދުވާފަރުގެ ވަޒަންވެރިން ކަމަށްވާ ކަނދޮޅުދޫގެ ރައްޔިތުންނާ ގާތަށް ވީޓީވީގެ ނޫސްވެރިން ވަނީ ގޮސްފައެވެ.

ދުވާފަރަށް ވީޓީވީގެ ނޫސްވެރިން ކުރި ދަތުރުން އެއްކުރެވުނު މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ގޮތެއްގައި އެރަށާ މެދު ރަށްވެހިން ހިތްހަމަޖެހެއެވެ. ދިރިއުޅެމުންދަނީ ވަރަށް ފުދިގެންނެވެ.

އަޅުގަނޑުމެން ކުރި ދަތުރުގައި ވީނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި، ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް ވިދާޅުވީ، ދުވާފަރުގައި މީހުން ދިރިއުޅުމަށް 2000 އަކަފޫޓުގެ ގޯތީގައި 1000 އަކަފޫޓުގެ 676 ގެ ސަރުކާރުން ރެޑްކްރެސެންޓްގެ އެހީގައި ބިނާކޮށްދެއްވާފައިވާ ކަމަށެވެ.

ކަނދޮޅުދޫގައި މީހުން ދިރިއުޅުނީ 450 ގޭގައި ކަމަށާއި ގޯތިތައް ނިސްބަތުން ކުޑަކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ރ. ދުވާފަރު ކައުންސިލުން ވީނިއުސްއަށް މައުލޫމާތު ދެއްވަނީ

ހަގީގަތުގައިވެސް ކަނދޮޅުދޫގެ ތިން ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން ގެންދިޔައީ ވަރަށް ކުޑަ ޖާގައެއްގައި ތޮއްޖެހިގެންނެވެ. ވެރިރަށް މާލެއަށްވުރެ އެރަށުގެ ތޮއްޖެހުން ބޮޑޭ ދެންނެވިއަސް ދޮގަކަށް ނުވާނެއެވެ. މަގުތަކޭ ބުންޏަސް އެރަށުގެ މަގުތަކަކީ ހަނި ގޯޅިތަކެކެވެ.

ނަމަވެސް ދުވާފަރުގައި މަގުތައް ފުޅާވެފައި ޖާގަ ތަނަވަހެވެ.

ދުވާފަރުން ވީނިއުސްއާ ވާހަކަދެއްކި ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި، ދުވާފަރުން އެމީހުން ކަންބޮޑުވާ ހާލަތުގައި މިވަގުތު އޮތީ ސިއްހީ ޚިދުމަތުގެ ނިޒާމެވެ. އެރަށުގައި ސިއްހީ ނިޒާމް އޮތީ ވަރަށް ދޯހަޅިކޮށް ކަމަށް ގިނަމީހުން ބުނެއެވެ. ލެވެލް 4ގެ ސިއްހީ މަރުކަޒެއް ހުރިނަމަވެސް އެތަނުން ދޭންޖެހޭ ބައެއް ޚިދުމަތްތައް ނުލިބެއެވެ. ޚިދުމަތްތައް ދޭން ބޭނުންވާ އާލާތްތައް ނެތުމާއި ސްޕެޝިއަލިސްޓުން ނެތުމަކީ ހުރި ކަންބޮޑުވުމެކެވެ.

މިއާ ޚިލާފަށް ތައުލީމީ ދާއިރާއިން ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރެއެވެ. ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލެއް ހުންނަ ދުވާފަރުގެ ސްކޫލްތަކަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދެމުން އަންނަ ސްކޫލްތަކެކެވެ. އެރަށުގައި ހުންނަ ރ. އަތޮޅު ސްކޫލްގެ ގިނަ ޓީޗަރުންނަކީ މާސްޓާރސް ނަންގަވައިގެން ތިއްބެވި ބޭފުޅުން ކަމަށްވާތީ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ފާހަކުރައްވައެވެ.

ރ. އަތޮޅު ސްކޫލްގެ ޕްރިންސިޕަލް ވީނިއުސްއަށް މައުލޫމާތު ދެއްވަނީ

ވީނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޕްރިންސިޕަލް މުހައްމަދު އަނީސް ފާހަގަކުރެއްވި ގޮތުގައި، އޯލެވެލްގެ ގަދަ 10 ގައި އެރަށުގެ ދަރިވަރުން ހިމެނުމަކީ ތައުލީމީ ގޮތުން ކުރިއެރުން ހޯދިފައިވާ ކަމުގެ ހެއްކެކެވެ. އަދި ޖުމުލަކޮށް ތައުލީމާއި ދަރިވަރުންގެ އަޚުލާގު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުވާފަރުގެ ދެ ސްކޫލްގައިވެސް ކުޅިވަރަށް ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދޭކަން ފާހަގަކުރެވުނެވެ. އޭގެ އެއް ހެއްކަކީ ދެ ސްކޫލްގައި ވެސް ޓާފް ދަނޑެއް އެޅި ކުޅިވަރު ކުޅެވޭނެ ވަސިލަތްތައް ގާއިމުވެފައި ހުރުމެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ނުލިބޭ ފެނުގެ ޚިދްމަތް ދުވާފަރުގެ ގޭގެއަށް ލިބެއެވެ. 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެމުންދާއިރު، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއެއް ކުރިއަށް އެބަދެއެވެ.

އާބާދީ އިތުރުވަމުންދާ ވަރަކަށް ގެދޮރުވެރިކަމުގެ ދަތިކަން ކުރިމަތިވަމުންދާތީ ހައްލެއްގެ ގޮތުން ސަރުކާރުން ވަނީ އެރަށުގައި ބިންހިއްކުމުގެ މަޝްރޫއެއް ފަށާފައެވެ.

ރ. އަތޮޅު ދުވާފަރު --- ފޮޓޯ: ޒިދާން މުހައްމަދު

ރަށުގައި އުފެދޭ ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ވަނީ ގާއިމު ކޮށްފައެވެ. މީގެ އިތުރުން ފެން ޕްލާންޓެއް ތަރައްގީކޮށް އެރަށުގައި ފުޅީގައި ފެން ބަންދުކުރެއެވެ.

ޒަމާނުއްސުރެ ކަނދޮޅުދޫއަކީ މަސްވެރި ރަށެއްކަމުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭގޮތަށް އައިސް ޕްލާންޓެއް ވެސް ދުވާފަރުގައި ވަނީ ގާއިމު ކޮށްފައެވެ.

އެރަށުގެ ބައެއް މަސްވެރިންނާ ވާހަކަ ދައްކާލުމުން ފާހަގަކުރެވުނު އެއްކަމަކީ ބަނދަރުގެ ޖާގައިގެ ދަތިކަމެވެ. ބައެއް ދުވަސްދުވަހު ބަނދަރު ފުރި ބޮއްކުރައެއް ވަރުވެސް ބަނދަރުކޮށްލާނެ ޖާގަ ނޯވެއެވެ. މިމައްސަލަ ހައްލުކުރުމަށް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލުވުމުން ދޯނިތަކުގެ ސައިޒު ބަދަލުވެ ޒަމާނީވުމަކުން މަސްވެރިކަމަށް މާ ބޮޑު ކުރިއެރުމެއް ނުލިބޭކަން ފާހަގަކުރެވުނެވެ. މަސްކަނޑާ ގުޅިފައިއޮތް ކަނދޮޅުދޫގައި ދިރިއުޅުނު މަސްވެރިން ބުނާ ގޮތުގައި އެހާރު މަސްވެރިކަން މާ ރަނގަޅެވެ.

ރ. އަތޮޅު ދުވާފަރު --- ފޮޓޯ: ޒިދާން މުހައްމަދު

މަސްވެރިކަމުގެ އިތުރުން، ވަޑާމުގެ މަސައްކަތްތަކަކީ ދުވާފަރުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކެވެ.

މީގެއިތުރުން ވެސް އެކިއެކި ވިޔަފާރިތައް ފަށައިގެން އާމްދަނީ އިތުރުކުރުމަށް ދުވާފަރުގައި ވަރަށް މަސައްކަތްތެރި ރައްޔިތަކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވުނެވެ.

ރ. އަތޮޅުގެ އެހެން ރަށްރަށާއި އަޅާބަލާއިރު ދުވާފަރަކީ ކުށުގެ ވެށީގައި ޒުވާނުން ގިނަ ރަށެކެވެ. އެހެން ނަމަވެސް އެރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް މުޖުތަމައަށް ބެނުންތެރި ބައެއްގެ ގޮތުގައި ކުށްކުރާ ފަރާތްތައް ނެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ދުވާފަރުގައި އެންމެ ގިނައީ މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީގެ މައްސަލަތައްކަން އާންމުންނާ ވާހަކަ ދައްކާލުމުން އެނގުނެވެ.

ރަށުން ލިބޭ އިތުރު ޚިދުމަތްތަކަށް ބަލާލާއިރު ބޭންކިންގެ ޚިދުމަތް ފާހަގަކުރެވެއެވެ. އެރަށުގައި ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ގައުމީ ބޭންކުން އަންނަނީ ދެމުންނެވެ.

ޖުމްލަ ގޮތެއްގައި ކަނދޮޅުދޫގެ ރައްޔިތުން ދުވާފަރަށް ބަދަލުވުމުން ދިރިއުޅުމުގެ ހާލަތު ބޮޑުތަނުން ރަނގަޅު ވެއްޖެއެވެ. ނަމަވެސް، ދުވާފަރަށް ހިޖުރަކުރުމާއެކު ކުރީގައި އޮތް އިޖުތިމާއީ ގުޅުން ބޮޑުތަނުން ހީނަރުވެފައިވާ ކަމަށް އެރަށުގެ ގިނަ ބަޔަކު ފާހަގަކުރެއެވެ. ގުޅުންތައް ހީނަރުވި ނަމަވެސް އެރަށުގެ ރަށްވެހިން ގަބޫލުކުރާ ގޮތުގައި ދުވާފަރަކީ އެމީހުންނަށް ލިބުނު އަގުބޮޑު ހަދިޔާއެކެވެ. މާތް ﷲ ދެއްވި ނިޢުމަތެކެވެ.

ކަނދޮޅުދޫ ހިމެނޭހެން ސުނާމީ ކާރިސާއަށްފަހު 13 ރަށަކުން މީހުން ހުސްކޮށްފައިވާއިރު، 70 ރަށަކަށް ފެނުގެ ސަޕްލައިއާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. 79 ރަށުގައި ރައްކާތެރި ބޯފެން ނެތުމާއި، 26 ރަށެއްގައި ކަރަންޓު ނެތުމާއި، 24 ރަށުގައި ފޯނު ނެތުމާއި، ހަތަރު ރަށަކުން ހުރިހާ މުވާސަލާތީ ވަސީލަތްތައް ނރތިދިއުން ލިބުނު ގެއްލުމުގެ ގޮތުގައި ފާހަގަކުރެވެއެވެ. އޭގެތެރެއިން 20 ރަށެއްގެ އިންފްރާސްޓްރަކްޗާ އޮތީ "މުޅިން ހަލާކުވެފަ" އެވެ.

ބަނދަރުތަކާއި ޖެޓީތަކާއި ނަޖިސް ހޮޅިތައް ހަލާކުވިއެވެ. އަދި 12،000 އަށް ވުރެ ގިނަ މީހުން ގެދޮރު ނެތި މަގުމަތިވިއެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ދެކުނު އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. ގޮނޑުދޮށްތަކާއި، ރުއްތަކާއި، ގެތަކާއި، ބޯޓްފަހަރު ނެތިގެން ދިއައީ ލޯކުރިމަތީގައެވެ.