ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ބ. ގޮއިދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ދިރާގުން ބުނާ ގޮތުގައި މި ދެ ހިދުމަތް އެ ރަށުގައި ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ އެރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށެވެ.

އެގޮތުން، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބިގެންދާނެއެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޑީކޯޑާ މުޅިން ހިލޭ ލިބިގެންދާނެއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 72 ރަށެއް ހިމެނެއެވެ.

އަދި 100 އަށް ވުރެން ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 އިންސަތަ ގޭބިސީއަށް މިހާރު ދިރާގު ޓީވީ ހިދުމަތް ފޯރުކޮށްދީފައެވެ.

ދިރާގުން ބުނާ ގޮތުގައި އެކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.