ޅ. މަޑިވަރު އެއާޕޯޓަށް ފުރަތަމަ ޓެސްޓު ފްލައިޓު ޖައްސަައިފިއެވެ.

އެގޮތުން މިއަދުގެ ހެނދުނު 9:50 އެހާކަށްހާއިރު ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ވަނީ މަޑިވަރު އެއާޕޯޓަށް ޖައްސާފައެވެ.

ޓެސްޓު ފްލައިޓު ޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރެއްދޫ ހޯލްޑިންސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ ބައިވެރިވެވަޑައިގަތެވެ. އަދި ރައްޔިތުން މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ ޢަބްދުލްހަކީމް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ އިތުރުންވެސް ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޅ. އަތޮޅު މަޑިވަރުގައި އެއާޕޯޓެއް އެޅުމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާގެ ބޮޑު ހިއްސާއެއް އޮންނަ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 2018 ވަނަ އަހަރުގެ މެއި މަހުގެ 29 ވަަނަ ދުވަހުއެވެ.

މިމަޝްރޫއަށް އަށް މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު މިމަޝްރޫއުގެ ދަށުން މަޑިވަރުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ގާއިމުކުރާ އެއާޕޯޓްގެ އިތުރުން ސިޓީ ހޮޓަލެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.