އެއްވެސް ގައުމެއްގެ މިލިޓަރީ ބަޔަކު ތިބެން ރުހެވޭކަށް ނެތް ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި އިންޑިއާ މިލިޓަރީ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ވަގުތެއްގައެވެ.
ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނާ ގައުމުގެ ދިފާޢުގައި ޝުޢޫރު ފާޅުކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.
ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމަކަށް، އެއީ ޗައިނާ ނުވަތަ އިންޑިއާ ނުވަތަ ޕާކިސްތާނުކަމަށް ވިޔަސް އެއްވެސް ގައުމެއްގެ މިލިޓަރީ ބަޔަކު ތިބެން ރުހެވޭކަށް ނެތްކަމަށްވެސް ޒައިދު ވިދާޅުވިއެވެ.
އިންޑިއާ އާ ދެކޮޅަށް އިދިކޮޅުން ހިންގާ މި ހަރަކާތްތަކާ ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ ކޯލިޝަނުން އަންނަނީ ފަޑުކިޔަމުންނެވެ.
އެގޮތުން "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ވަނީ ގަރާރެއްވެސް ހުށަހަޅުއްވާފައެވެ.
ގަރާރަށް ތާއީދުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ދާޚިލީ ކަންކަމުގެ މަސްލަހަތު ނަގާލައި، ރައްޔިތުންގެ މަސްލަހަތު ގެއްލޭގޮތަށް މުޅި ރާއްޖޭގައި ކެމްޕެއިނެއް ހިންގުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށާއި، އެކަން ހުއްޓުވުމަށް ފުލުހުންނަށް ގޮވާލާފައެވެ.
އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި ރައީސްކަން ކުރެއްވި ބޭފުޅަކު އިސްވެ ހުންނަވައިގެން ގައުމުތަކާ ދެކޮޅު ހަރަކާތް ހިންގުމަކީ ކުރައްވާ ކަމެއް ނޫންކަމަށާ، އެއީ އެކަން ކުރެވިގެންވާނެ ގޮތެއްނޫން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް މި ސަރުކާރުން އިންޑިއާއާއެކު ކުރަމުން އަންނަ ބައެއް މަސައްކަތްތަކަކީ ކުރީގެ ރައީސް އަދި އިދިކޮޅުގެ މިހާރުގެ ލީޑަރު ޔާމީންގެ ވެރިކަމުގައި ބިންގާ އެޅުއްވި ކަންކަން ކަމަށް ބުނެ، "އިންޑިއާ އައުޓް"ގެ ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވައިގެން އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންވެސް ވަނީ ކުށްވެރިކޮށްފައެވެ.