2004 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު 17 އަހަރު ފުރުނު އިރު، އެ ދުވަހުގެ ހަނދާންތައް އިއްޔެ ވީ ކަމެއްހެން ދިވެހިންގެ އެތައް ބައެއްގެ ހަނދާނުގައި އަދިވެސް އެބަހުށްޓެވެ. ސުނާމީގައި އެންމެ ބޮޑުވަރުވި އެއް ރަށް ކަމަށްވާ، ރ. ކަނދޮޅުދޫގެ ރައްޔިތުންގެ ގާތަށް ވީޓީވީގެ ނޫސްވެރިން ދިއުމުން އެ ވާހަކަތައް ކިޔައިދޭން ގިނަ ބަޔަކު ފަސް ޖެހުނެވެ.
އެ ހަނދާންތައް އައުކުރަން ބޭނުން ނުވާތީއެވެ. އެ ހިތާމައިގެ ހަނދާން އައުކުރުމުން މާ ބޮޑަށް އަސަރުކޮށް ރޮވޭ ގޮތްވާތީއެވެ. އެހެން ނަމަވެސް މިހާރު ރ. ދުވާފަރުގައި ތިބި ކަނދޮޅުދޫގެ ރައްޔިތުންގެ ތެރެއިން އުމުރުން ދޮށީ ކަނބަލެއް ކަމަށްވާ ފާތިމަތު އިބްރާހިމް ވަނީ އެ ވާހަކަތައް ހިއްސާކޮށްފައެވެ. އަސަރާ އެކުގައެވެ. ރޮވިފައި އިނދެގެންނެވެ.
ފާތިމަތު އެ ދުވަހުގެ ހަނދާނީ ޞަފްޙާތައް ނިއުޅަމުން ދިޔައީ ވަރަށް އަސަރާއެކުއެވެ. ވާހަކަ ފެށީ ހެނދުނު 09:00 ހާއިރުންނެވެ. ސުނާމީގެ ޚަބަރު އޭނާއަށް ދިނީ އެހާއިރު ގެއަށް އައި ކުއްޖެކެވެ. ކަނޑުގެ ލޮނުގަނޑު އުސްވެގެން އަންނަ ކަމަށް އެ ކުއްޖާ ބުނުމުން އޭނާއަށް ލިބުނީ ބޮޑު ޝޮކެކެވެ.
ވެރިވި ހައިރާންކަމާއެކު ބޭއިޚްތިޔާރުގައި އޭނާއަށް އަހާލެވުނީ ކަނޑު އުފުލެނީ ކީއްވެތޯއެވެ. މާ ގިނަ ވާހަކަ ނުދައްކާ ޚަބަރާއެކު އައި ކުއްޖާ އެދުނީ ބޭރަށް ނުކުމެ ބަލާލުމަށެވެ.
ފާތިމަތު ބުނިގޮތުގައި އެ ވަގުތު އަޖާއިބުވެ އޭނާ ބަސްހުއްޓުނު ކަމަށެވެ. އެފަދަ ކަމެއް ދުވަހަކުވެސް ނުފެންނަ ކަމަށް އޭނާ ބުންޏެވެ. އެވަގުތަކި އެއްފަހަރާ، ތަފާތު އެތައް އިހުސާސްތަކެއް ކުރުވި ވަގުތެއްކަމަށް ފާތިމަތު ބުންޏެވެ.
ދެން ފާތިމަތު އަވަސްވެގަތީ އޭނާގެ ގެއަށް ވަދެ ގޭތެރޭގެ ހާލަތު ބެލުމަށެވެ. ފާތިމަތު ކިޔައިދިން ގޮތުގައި ގޭތެރެއަށް ވަނުމުން ފެނުނީ އުންމީދުކުރިފަދަ މަންޒަރެއް ނޫނެވެ. ގޭތެރެ އޮތީ މުޅިން ދޮވެލާފައެވެ. ހުރި އެއްޗެއް ވިއްޔާ ރާޅާއެކު ގެންގޮސްފިއެވެ. އޭރު ގޭތެރޭގައި ގާތްގަނޑަކަށް ފަސް ފޫޓާ ހަމައަށް ފެންގަނޑު ހުރިކަމަށް ފާތިމަތު ބުނެއެވެ.
އޭރު ގޭގައި ނިދާފައި ތިބި އޭނާގެ ބަފައިބެ އާއި ދެ ދަރިން ވެސް ތިބީ ހޭލައެވެ. އެ ބިރުވެރިކަމުގެ ތެރެއިން ސިހުމުގައި ހުރި އޭނާގެ ބަފައިބެއަށް އެ ހިނދު އެހުނީ ދުނިޔޭ ގިޔާމަތްވީތޯއެވެ؟ ޖަވާބު ދިނީ ކުދިވެރިންނެވެ. އެ ކުދިން ކާފައަށް ބުނީ ރާޅު އަންނަނީ ކަމަށެވެ.
އިރޮކޮޅެއް ފަހުން ގޭތެރޭގައި ތިބި އެންމެން ބޭރަށް ނުކުތެވެ. އޭރު ފުރަތަމަ ރާޅުގެ ފެންގަނޑު ހިނދިއްޖެ ކަމަށް ފާތިމަތު ބުންޏެވެ. އެ ވަގުތު އާއިލާގެ އެންމެންހެން އެގެއަށް ޖަމާވިއެވެ. އެރަށަށް ދެ ވަނަ ރާޅެއް ބިންދާލީ، އެރި ފުރަތަމަ ރާޅުގެ ސަބަބުން ވީ ގެއްލުންތައް ފޫބައްދަން، އަދި ދެން ދިރިއުޅުން ކުރިއަށް ގެންދަން ހަދާނެ ގޮތަކާމެދު އާއިލީ މަޝްވަރާއެއް ކުރަމުން ދަނިކޮށެވެ. ނުވެސް އެނގި ތިއްބާ ބާރުބާރަށް ފަހަތުން އައި ފެންގަނޑުން އެކިމީހުން އެކި ދިމާލަށް ވިއްސާލިއެވެ.
ނޭވާ ހިފަހައްޓާލަން ޖެހުނު އެވަގުތުކޮޅަށްފަހު ގަދަ އޮއިވަރު މައިތިރިވުމުން، ގެއާ ދިމާއަށް ދިއުމަށް ފާތިމަތު އަވަސްވެގަތެވެ. ގެއަށް ދިއައިއިރު ފެނުނީ ކުދިވެރިން ފުރާޅު މައްޗަށް އަރުވާފައި ތިބި މަންޒަރެވެ. އޭނާ ބުނި ގޮތުގައި ރަށުގެ ޒުވާނުން ނުކުމެ ކުދަކުދިންނާއި ބަލިމީހުން އަދި ދުވަސްވީމީހުން ސަލާމަތްކުރުމަށް ވަރަށް މަސައްކަތް ކުރިއެވެ.
ފާތިމަތު ކިޔައިދިން ގޮތުގައި ގެއަށް ދިޔައިރު ކުދިވެރިން ފެނުނު ނަމަވެސް އޭނާގެ ބަފައިބެ ފެންނާކަށް ނެތެވެ. ބަފައިބެ ހޯދަން ކުރި މަސައްކަތުން އެތައް ވަގުތެއްފަހުން އޭނާ ފެނުނީ ލަކުޑިތަކަކާއި ޓިނުތަކެއްގެ ދަށުވެފައި އޮއްވައެވެ. އެހެންނަމަވެސް އެކަނި ބަފައިބެ ސަލާމަތް ނުކުރެވޭނެކަން އެނގުމުން އެހީއަށް އެދި ހަޅޭއްލައިވަގަނެވުނެވެ. އިސާހިތަކު ރަށުގެ ޒުވާނުންތަކެއް އައިސް، ފާތިމަތުގެ މަސައްކަތުގައި އެހީތެރިވެ ބަފައިބެ އެތަނުން ނެގިއެވެ.
ބަފައިބެ ފެނުމުން އެލިބުނު ހިތްހަމަޖެހުމައި ދިއްލާލި އުންމީދުގެ ހުޅުކޮޅު މަދު ވަގުތު ކޮޅެއްގެ ތެރޭގައި ނިއްވާލައިފިއެވެ. ލޯބިވާ ފިރިމީހާގެ ބައްޕަ މި ފަނާކުރުވަނިވި ދުނިޔެއަށް އެންމެ ފަހުގެ ނޭވާ ދޫކޮށްލީ އެވެ. ބަފައިބެގެ މައިބަދަ ވަނީ ޓިނުގަނޑުން ކަފާލާފައެވެ. މުޅި މީހާގެ ހަށިގަނޑުގައި އެކިވަރުގެ ޒަހަމްތަކެވެ. އެދުވަހު އޭނޭއަށް ފެނުނު އެންމެ ހިތްދަތި މަންޒަރަކީ މިއީއެވެ.
އޭނާ ކިޔައިދިން ގޮތުގައި ގަބުރުސްތާނާއި މިސްކިތް ފިޔަވައި ފެން ނުވަންނަ ތަނެއް ނެތެވެ. އެހެންވެ މަރުވެފައި އޮތް އޭނާގެ ބަފައިބެގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިއުމަށް އަވަސްވެގަތެވެ. އޭރު ޢޭނާގެ ފިރިމީހާ ވަނީ މަހަށް ގޮސްފައެވެ. ނަސީބު ދިމާކުރި ގޮތުން އޭނާ އަށް ބައްޕަގެ މަރު ނުފެނުނެވެ. ކުޑަމިނުން އެ ޖަނާޒާގައިވެސް ބައިވެރި ނުވެވުނެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް އެރި ސުނާމީގެ ސަބަބުން ޖުމްލަ 84 މީހުން ވަނީ މަރުވެފައެވެ. 24 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. އަދި 15،000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލުނެވެ. ރާއްޖޭގެ އަބާދީގެ 62 އިންސައްތަ މީހުންނަން މި ހިތްދަތި ކާރިސާގައި އެކި ކަހަލަ ގެއްލުންތަކާއި ކުރިމަތިވިއެވެ..