ރާއްޖެގެ ކުލަބު ތަކަކީ ގޭންގުތަކެއްގެ ގޮތުގައި ސިފަކުރުން އެއީ ބަލައިގަނެވޭކަމެއް ނޫންކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިފަދައިން ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހު އޮތް ޕްރެޒިޑެންޓްސް ކަޕުގެ މެޗުތަކުގެ ޕްރީ މެޗް ކޮންފަރެންސްގައި، 7 ކުލަބަކުން "މިހާރު"ގެ ނޫސްވެރިއަކު ބައިވެރިވާތީވެ އެ ބައްދަލުވުމުގައި ބައިވެރިނުވާނެކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ފުރަތަމަ ޑިވިޝަނުގައި ކުޅޭ 7 ކުލަބުން ޕްރީ މެޗް ކޮންފަރެންސްގައި ބައިވެރިނުވެ، "މިހާރު" ނޫސް ބޮއިކޮޓް ކުރަން ނިންމާފައިވަނީ "މިހާރު" ނޫހުން ފުޓްބޯޅައިގެ ރޫހާ ހިލާފަށް މައުލޫމާތު ފަތުރާތީ އާއި ފުޓްބޯޅަ ކްލަބްތަކާ އެފްއޭއެމްއާ ޒާތީކޮށް މަސައްކަތްކުރާތީ ކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން "ވީނިއުސް" އިންކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ކުލަބުތަކުން ނިންމި ނިންމުންވީ އެފްއޭއެމް އަށްވެސް ސަޕްރައިޒަކަށް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ބަލަންޖެހޭ ކަންތައްތައް މިހާރު ބަލަމުންދާ ކަމަށާއި، ކުރެވެން އޮތް ކަންތައްތަކާއިމެދު މަޝްވަރާކުރަމުންދާކަމަށްވެސް ޖަވާ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ އިތުރު މީޑިއާ އަކާއި ވާހަކަދްކަވަމުން ޖަވާ ވަނީ "މިހާރު" ނޫހުން ނެގެޓިވްކޮށް ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭކަން އެ އެސޯސިއޭޝަނަށް ވެސް ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައަށް ރިއާޔަތްކޮށް ބައްސާމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުލަބުތަކަކީ ރާއްޖޭގެ ފުޓުބޯޅައިގެ މައިބަދަ ކަމަށާއި، އެތައް ގޮންޖެހުންތަކަކާއި، ދަތިތަކަކާއި އެކުވެސް ކުލަބުތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށެވެ.

މީޑިއާއަކުން ކުލަބުތަކުގެ ފަރާތުން ޕްރެސް ކޮންފަރެންސްގައި ދައްކާ ވާހަކަތައް، އޭގެ އަސްލު ގެއްލޭނެހެން ޚަބަރުގެ ގޮތުގައި ގެނެސްދޭކަމުގެ ތުހުމުތުތައް ރާއްޖޭގެ ކުލަބުތަކުންނާއި އެކުލަބު ތަކުގެ ކޯޗުން ކުރަމުންދާ މިދަނޑިވަޅުގައި ބައްސާމްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ބިނާކުރެނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުޚަބާ ކިޔާނެ ކަމަށާއި، ގަބޫލުވެސް ކުރާނެ ކަމަށެވެ.

އެހެންނަމަވެސް ކުލަބުތަކަކީ ގޭންގުތަކެއްގެ ގޮތުގައި ސިފަކޮށް، ދޮގު މައުލޫމާތު ފަތުރާ، ޕްރެސް ކޮންފަރެންސް ތަކުގައި ދައްކާ ވާހަކަތައް ބަދަލުކޮށްގެން ޚަބަރުގެ ގޮތުގައި ފެތުރުން ބަލައި ނުގަންނާނެ ކަމަށެވެ.

މީގެއިތުރުން ފުޓުބޯޅަ އާއިލާއިންނާއި ކުލަބުތަކުންވެސް އަބަދުވެސް މީޑިއާ އާއި ނޫސްވެރިންނަށް އިޚުތިރާމް ކުރާނެ ކަމަށާއި، މި އިޚްތިރާމް، ކުޅިވަރު އާއިލާގައި ހިމެނޭ ކުޅިވަރު ނޫސްވެރިންގެ ފަރާތުންވެސް ފެންނަން ޖެހޭނެ ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި އުންމީދަކީ، ހުރި ހިޔާލުތަފާތުވުންތައް ނައްތާލާ، ފުޓުބޯޅަ ކުރިއެރުވުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުންކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ރާއްޖޭގެ ސީނިއަރ 7 ކުލަބަކުން މީޑިއާއެއް ބޮއިކޮޓް ކޮށްފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ކުލަބުތަކުން މިހާރު ނޫސް ބޮއިކޮޓްކުރީ އެ ނޫހުގައި ކޮލަމް ލިޔުއްވަމުން ގެންދަވާ ހާމިދު އަބްދުލްޣަފޫރު ލިޔުއްވާ ކޮލަމާ މެދު ހިތްހަމަނުޖެހިގެންނެވެ.