ތަރައްގީގެ ދުވެލި ހިފޭނީ މީހުނާއި ތަކެއްޗާއި ހިޔާލާއި ހަކަތަ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުން ކަމަށް ލ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ވިސާމް މިހެން ވިދާޅުވީ ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފަހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި މެމްބަރު ވިދާޅުވެފައިވަނީ ތަރައްގީގެ ދުވެލި ހިފޭނީ މީހުނާއި ތަކެއްޗާއި ހިޔާލާއި ހަކަތަ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުންނާއި ގުޅިލާމެހުމުން ކަމަށެވެ.

ލ.އިސްދޫ ކަލައިދޫ އަދި ދަނބިދޫގެ ތަރައްގީގެ ދުވެލި ހިފުމަށް ބޭނުންވާ ހަކަތަ އުފައްދާނެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އެޅިގެން ދިއުމީ ލ.އަތޮޅުގެ އުތުރު ބިތުގެ އެންމެހާ ރައްޔިތުންގެ އުފާ ފާގަތިކަމަށް ހުޅުވުނު ދޮރެއް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އަދި އުންމީދަކީ އެމުނި އެކުލެވިގެން، ތިޔާގި ކަމުގައި އެ ރައްޔިތުން އުޅޭތަން ފެނުން ކަމަށް ވިސާމް ވިދާޅުވިއެވެ.

މި މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު އާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އާއި ކަލައިދޫ ކައުންސިލް ރައީސް އަހުމަދު ޝިޔާމް އަދި ދަނބިދޫ ކައުންސިލް ރައީސް އިބްރާހިމް މިމްރާހްއެވެ.

މި މަޝްރޫގެ ސަބަބުން ކަަރަންޓުގެ މައްސަލަ ހައްލުވުމުގެ އިތުރުން, ތެލައްކުރެވޭ ހަރަދު ކުޑަކުރެވި, ޖައްވަށް ބޭރުކުރެވޭ ވިހަގަދަ ގޭހުގެ އިންސައްތަ މަދުކުރެވިގެން ދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.