ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރުހޫމް އުމަރު ޒާހިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މާދަމާ ހުޅުވަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޢޢވ އަލްމަރުހޫމް އުމަރު ޒާހިރުގެ ހަނދާނުގައި ހުޅުވައި އެ ތައުޒިޔާގެ ދަފްތަރު ހުޅުވާފައި ހުންނާނީ ނޭޝަނަލް އާޓް ގެލެރީގައި ކަމަށާއި ދަފްތަރުގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ (މާދަމާ) ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.

ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން ކުރިއަށްދާނީ ހޯމަ ދުވަހު ހަވީރު 3:00 އިން 5:00 އަށް، އަންގާރަ ދުވަހު ހެނދުނު 09:00 އިން މެންދުރު 12:00 އަށް އަދި މެންދުރު 1:00 އަށް ހަވީރު 5:00 އަށް ކަމަށެވެ. އަދި ބުދަ ދުވަހު ހެނދުނު 09:00 އިން މެންދުރު 12:00 އަށް، މެންދުރު 1:00 އަށް ހަވީރު 5:00 އަށް ވެސް ސޮއިކުރުން ކުރިއަށް ދާނެ ކަމަށް ހޯމް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް ބައްޔަށް ޕޮޒިޓިވްވެ، އެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމަރު ޒާހިރު އަވަހާރަވީ މި މަހުގެ 20ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

ޤައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އުމަރު ޒާހިރު އެންމެ ފަހުން ހިންގެވީ ހޯމް މިނިސްޓްރީއެވެ. އެއީ ސެޕްޓެންބަރު 1، 2004 އިން ޖުލައި 14، 2005 އަށެވެ. އަދި ނޮވެންބަރު 11، 1983 އިން 11 ނޮވެންބަރު 1988 އަސް މިނިސްޓަރު އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސާވިސްގެ މަގާމާއި ނޮވެންބަރު 11، 1993 އިން 1993 އަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމުވެސް ފުރުއްވިއެވެ.

ބައިގަރުނަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖެއަށް އިޚްލާސްތެރިކަމާއެކު ހިދުމަތްކުރެއްވި ނޢޢވ އަލްމަރުހޫމް އުމަރު ޒާހިރު ދާޚިލީ ވަޒީރުކަމުގެ އިތުރުން މިނިސްޓަރ އޮފް ކޮންސްޓަރަކްޝަން އެންޑް ޕަބްލިކް ވޯކްސް ކަމުގެ މަގާމާއި މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި އައްޑުއަތޮޅު ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާއާއި މަޖީދިއްޔާ ސްކޫލް ހެޑްމާސްޓަރު ކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނައިބު ކަމާއި މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ނާއިބުކަމުގެ މަގާމު ހިމެނެއެވެ.

އަލްމަރްހޫމް އުމަރު ޒާހިރު ފާހަގަ ކުރެވިފައިވަނީ ގައުމީ ބޮޑެތި މަސައްކަތްތައް އަމަލީ ގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ކައިރިން ބައްލަވާ އިރުޝާދު ދެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ސަރުކާރުން އަލްމަރްހޫމް އުމަރު ޒާހިރުގެ ތައުޒިޔާގެ ދަފްތަރު މާދަމާ ހުޅުވާލަން ނިންމާފާވާއިރު މަޖީދިއްޔާ ސްކޫލްގެ އިސްދަރިވަރުންނާއި އެ ސްކޫލްގެ ވެރިން އިސްނަންގަވައިގެން ވަނީ އެމަނިކުފާނުގެ ތައުޒިޔާގެ ދަފުތަރެއް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާފައެވެ. އަދި މި ދަފްތަރުގައި ސޮއިކުރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 އިން މެންދުރު 1430 އަށް އާންމުކޮށް އެންމެންނަށް ހުޅުވާލާފައެވެ.