"އިންޑިޔާ މިލިޓަރީ އައުޓް"ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހި ގައުމަށް ދިގު މުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނީ "އިންޑިޔާ އައުޓު" އަދި "އިންޑިޔާ މިލިޓަރީ އައުޓް" ގެ ނަމުގައި ހިންގާ ކެންޕޭނު ތަކާއި މެދު ދެކޭގޮތް ހާމަކުރުމަށް ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ވަނީ "އިންޑިޔާ އައުޓު" އަދި "އިންޑިޔާ މިލިޓަރީ އައުޓް" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހި ގައުމަށް ދިގު މުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނޭ އަދި ހިތްވަރުދޭނޭ ކަމެއް ނޫން ކަމަށެވެ.
އަދި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޖުމްހޫރީޕާޓީ އަބަދުވެސް އޮންނާނީ އިހްލާސްތެރިކަމާއެކު އިސްލާމްދީނާއި، ދިވެހި ރާއްޖޭގެ މިނިވަންކަމާއި، ދިވެހީންގެ ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، ގާނޫނު އަސާސީ އަށް ތަބާވުމާއި، ދިވެހި ގައުމުގެ ސަލާމަތާއި، އިސްތިގްލާލް ނަގަހައްޓާ ދެމެހެއްޓުމުގައި ފާރަވެރިއެއްގެ ގޮތުގައިކަން އެ ޕާޓީން ފާހަގަކުރެއެވެ.
ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރީ ސިފައިންނަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، މިހާރު ކުރިއަށްމިދާ 19ވަނަ މަޖިލީހުގެ އެއްވެސް ޖަލްސާއަކުން ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް އެއްވެސް ގައުމަކަށް / އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ދިނުމަށް ފާސްކޮށްފައި ނުވާ ހިނދު، "އިންޑިޔާގެ މިލިޓަރީ" މި ދިވެހިފަސްގަނޑުގައި ތިބި ކަމަށް ނިންމާނޭ ގާނޫނީ ހަމައެއް އޮތްކަމަކަށް ނުދެކޭކަމުގައި ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދޭދޭ އަދި ސަރަހައްދީ ފެންވަރުގައިވެސް ކުރިއަށް ގެންދެވޭ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ބަލައިގެންފައި ކަމަށާއި އަދި މިފަދަ ބޭނުމަކު "ހަތިޔާރު" ނުލައި ޔުނީފޯމުގައި އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރިވުމަކީ "މިލިޓަރީ" ހަރަކާތެއް ކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށްއުޅޭ ކަމެއް ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައިވެއެވެ.
އެހެން ކަމުން "އިންޑިއާ މިލިޓަރީ އައުޓް"ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެ އްކަމަށް ދުށުމުގެ ޖާގައެއް އެބައޮތް ކަމަށް ޖޭޕީން ބުނެއެވެ.
"އިންޑިޔާ އައުޓު" އަދި "އިންޑިޔާ މިލިޓަރީ އައުޓް" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހި ގައުމަށް ދިގުމުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނޭ އަދި ހިތްވަރުދޭނޭ ކަމެއް ނޫންކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
ރާއްޖެއާއި އިންޑިއާއާ އޮތް ގުޅުމަށް ބުރޫއަރާނެހެން ހިންގަމުންދާ މިހަރަކާތަށް ސަރުކާރުން ޖާގަ ނުދޭނެކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.