ވެރިކަން ކުރަނީ ކޮން ޕާޓީއެއްތޯ އާއި ސަރުކާރުގައި ތިބީ ކޮން ބައެއްތޯ ބެލުމަކީ، ސިވިލް ސަރވިސްގެ ދައުރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރު މި ހިނގަނީ، ސިވިލް ސަރވިސް މުވައްޒަފުންނާއި، ސިޔާސީ މުވައްޒަފުން އެކުވެގެން އުފެދިފައި އޮންނަ އެއް އިންޖީނަކުން ކަމަށާއި އެ އިންޖީނު އޭގެ ފުރިހަމަ ބާރުގައި ހިނގާނީ، މި ދެ ބައިގެ މެދުގައި ރަނގަޅު، ވަރަށް ބަދަހި ގުޅުމެއް އޮވެގެން ކަމަށެވެ.

ވެރިކަން ކުރަނީ ކޮން ޕާޓީއެއްތޯ، ސަރުކާރުގައި ތިބީ ކޮން ބައެއްތޯ ބެލުމަކީ، ސިވިލް ސަރވިސްގެ ދައުރެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވަނީ ސިވިލް ސަރވިސްގެ ދައުރަކީ، އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ އަޣްލަބިއްޔަތު ލިބިގެން، ވަކި މެނިފެސްޓޯއެއް ތަންފީޒު ކުރުމަށް، އެއިރަކު އުފެދިފައި އޮންނަ ސަރުކާރަކަށް، ސިވިލް ސަރވިސްގެ މުހިންމުކަން ބޮޑުވަނީވެސް އެ ސަބަބަށްޓަކައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ، އިންސާނީ ވަސީލަތް ތަރައްޤީކޮށްގެން. މިއަދު މި ފަށާ ޕްރޮގްރާމުގެ ނަތީޖާއަކަށްވާނީ، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެންދިޔުން. އެނގިވަޑައިގަންނަވާނެ، ޢާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު ކުރިން މުޢާމަލާތު ކުރަމުން އައީ ވަރަށް ހަނި މަގަކުން. އާދެ، އެމީހަކު އޮފީހަކަށް ކަމަކު އެދެންޏާ ނުވަތަ ޝަކުވާއެއް ހުށަހަޅަންވިޔަސް، އެކަން ކުރެވެނީ ސިޓީބިޓީ ބަދަލުކޮށްގެން. ނަމަވެސް މިހާރު މިއޮތީ ވަރަށް ފުޅާ މަގެއް ޤާއިމުކުރެވިފައި. އެމީހަކު ހުރި ރަށަކުން ހުރި ތަނަކުން، އިންޓަރނެޓްގެ ޒަރީޢާއިންGOV.MV މެސެޖުގެ ޚިދުމަތް މެދުވެރިކޮށް މިހާރު ސަރުކާރާ މުޢާމަލާތު ކުރެވޭނެ. އަޅުގަނޑުމެންނާ މިހާރު އަރައި ހަމަކޮށްފައި މިއޮތީ ޓެކްނޮލޮޖީގެ ޒަމާން. ސަރުކާރު ހިންގުމުގެ ދާއިރާއަށް ޓެކްނޮލޮޖީގެ ލުއިފަސޭހަތައް ތަޢާރުފްކުރިޔަސް، އެކަމުގެ ލުއިފަސޭހަކަން ލިބޭނީ، ޚިދުމަތް ދޭން ތިބޭ މުވައްޒަފުން ޓެކްނޮލޮޖީއަށް އަހުލުވެރިވި މިންވަރަކުން. "
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ރައީސް ސާލިހް ވިދާޅުވީ މި ޚިދުމަތާއެކު ސަރުކާރު އޮފީސްތަކުގެ އިސްވެރިންގެ ޒިންމާ ކުރިއަށްވުރެ ބޮޑުވެއްޖެ ކަމަށާއި ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ މިންވަރު އިތުރުވެއްޖެ ކަމަށެވެ.

އަދި އަޑުއަހަންޖެހޭ ޝަކުވާތައް ގިނަވެ، ޙައްލު ހޯދައިދޭންޖެހޭ މައްސަލަތައް އިތުރުވެއްޖެ ކަމަށާއި އެކަމަށްޓަކައި، ސަރުކާރު އޮފީސްތަކުގެ ހުރިހާ މުވައްޒަފުން އެ ޚިދުމަތަށް އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ، އެ ދައުލަތެއްގައި ޝާމިލުވާ އެންމެންގެ އަޑުއަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭން މަސައްކަތް ކުރުން ކަމަށާއި ސަރުކާރުން ކަމެއް ނިންމާއިރު، އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް ވިސްނުން ގެންގުޅެންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ތަފާތު ހުނަރުތައް ލިބިފައިވާ، ޤާބިލު އެތައް ބައެއްގެ ބައިވެރިވުން ސަރުކާރަށް ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމަށްޓަކައި، ސަރުކާރުން ކުރަންޖެހޭ ކަންކަން ތަރުތީބުކޮށް، ޙައްލުތައް ވަޒަންކޮށް، ޙިކްމަތްތެރިކަމާއެކު ކަންކަން ނިންމުމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ މިއަދު މިތަނުގައި މި ތިއްބެވި ބޭފުޅުން. ތިޔަބޭފުޅުން ތިޔަ ކޮށްދެއްވާ މަސައްކަތަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި ވަރަށް އަގުހުރި މަސައްކަތްޕުޅުތަކެއް. ތިޔަބޭފުޅުންނަކީ އޮފީސްތަކުގެ ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުން. އެ މަސައްކަތުގައި ކޮންމެ ދުވަހަކު އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ. އެ ގޮންޖެހުންތަކުން އަރައިގަނެ، ކަންކަން ޙައްލުކުރުމަށް ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރައްވާއިރު، ވަރަށް ގިނަ ހުނަރުތަކެއް ބޭނުންވާނެކަން އަޅުގަނޑަށް ޔަޤީން. ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭ ހުނަރުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ހަނދާނަށް އަންނަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވާ ވާހަކަކޮޅެއް. އޮބާމާ ވިދާޅުވަނީ، ލީޑަރަކަށްވުމާއެކު، އެ ލީޑަރޝިޕެއްގެ ދަށުގައި ތިބި އެންމެން އޭނާގެ ބާރުގެ ދަށުގައި ފިއްތާލުމަކީ، ބައެއް ލީޑަރުންނަށް ހެދޭ ވަރަށް ބޮޑު ގޯހެއްކަމަށް."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަޑު ކަނޑުވާލައި، އެ ފަރާތްތަކުގެ ފަންނީ ލަފާ ބޮލާލާޖަހައި، އެ މުވައްޒަފުން އޮފީހަށް ދީފައިވާ ޤަދަރު ކުޑަވާގޮތްގޮތަށް ލީޑަރުގެ ޢަމަލުތައް ހުރެއްޖެނަމަ، އޮފީހުގެ ވެރިންނާއި މުވައްޒަފުންނާ ދެމެދު އޮންނަންޖެހޭ ގުޅުމަށް ބުރޫއަރައި، އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތު، އެ މުވައްޒަފުންގެ އެ މުވައްޒަފުންގެ ފުލް ކެޕޭސިޓީގައި ނުލިބޭނެ ކަމަށް ރައީސްގެ ވާކަހަފުޅުގައި ވިދާޅުވިއެވެ.

އަދި މިގޮތަށް ކަން ކުރާނަމަ، އެ ލީޑަރަކީ ކޮންމެ އޮފީހެއްގެ ނުވަތަ ކުންފުންޏެއްގެ މީހެއް ކަމަށްވިޔަސް، އަދި ތަޢުލީމީ ގޮތުން ކިތަންމެ ފުންނާބު އުސް މީހެއް ކަމަށްވިޔަސް، އެތަނަކުން އެ މީހަކު ބޭނުންވާ ނަތީޖާ ހާޞިލުކުރުމަކީ ނާދިރު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިޒަމާނުގެ ސިޔާސީ އަދި ޑިމޮކްރެޓިކް ނިޒާމުގައި ސަރުކާރު ހިންގާއިރު، ދައުލަތުގެ އޮފީސްތަކުގައި ދެ ބާވަތެއްގެ މުވައްޒަފުން ތިބޭނެ ކަމަށާއި އެގޮތުން ސިޔާސީ މުވައްޒަފުންނާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މެދުގައި ގުޅުން އެހާ ރަނގަޅު ނޫން އޮފީސްތައްވެސް އެބަހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއީ، ހަމައެކަނި ރާއްޖޭގައި މިއަދު ދިމާވެގެން އުޅޭ ކަމެއް ނޫން ކަން ފާހަގަކުރައްވާ ރައީސް ވަނީ ސިވިލް ސަރވިސް މުވައްޒަފުން ގޮވައިގެން، އެ ބޭފުޅުންގެ ޢިލްމާއި ތަޖުރިބާގެ ބޭނުން ހިފައިގެން، ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިން، ސަރުކާރުގެ ވަޢުދުތައް ފުއްދައިދިނުމަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.