ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފިޔަޖަހަމުން އަންނަ މަޝްހޫރު ނެށުންތެރިޔާ އަދި އަމިއްލަ ޕްރޮޑަކްޓްތަކެއް ނެރެ ކާމިޔާބުކަމާއެކު ވިޔަފާރިކުރަމުން އަންނަ ސުނީތާ ޢަލީ (ސުނީ) އަށް އަނެއްކާވެސް ބައިނަލްއަގްވާމީ އެވޯރޑެއް ލިބިއްޖެއެވެ.

ސުނީއަށް މިފަހަރު ލިބުނީ، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން ކާމިޔާބީ ހާސިލްކުރަމުން އަންނަ އަންހެނުންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ’ވިމަން އައިކަން އެވޯޑް’ގެ ނަމުގައި ދެމުން އަންނަ އެވޯޑުން ’އައުޓް ސްޓޭންޑިން ވިމަން އެވޯޑް‘އެވެ.

ސުނީއަށް އަށް ’އައުޓް ސްޓޭންޑިން ވިމަން އެވޯޑް‘ ލިބިފައިވަނީ ’ސުނީ ސްޕެޝަލް ޕްރޮޑަކްޝަން’ގެ ދަަށުން ކުރަމުން އަންނަ ވިޔަފާރިއަށް ބަލާފައެވެ. ވިމަން އައިކަން އާއި ޓައިމްސް ވިމަން ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން ސުނީއަށް ލިބިފައިވަނީ ނަންބަރު ވަން، ވިމަން އެކްސެލެންސް އެވޯޑެވެ.

މިމަހު ކުރީކޮޅުވެސް ސުނީއަށް ބައިނަލްއަގްވާމީ ދެ އެވޯޑެއް ލިބިފައިވެއެވެ. ސުނީއަށް ލިބިފައިވަނީ ”އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވަރ“ އެވޯޑާއި، ”އޭޝިއާސް އައުޓްސްޓޭންޑިންގ ބްރޭންޑް“ އެވޯޑެވެ.

އޭޝިއާ އެވޯޑަކީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން އޭޝިއާ ބައްރުން ފާހަގަކޮށްލެވޭ ތަފާތު ޝަޚްސިއްޔަތުތަކާއި ވިޔަފާރިތައް ފާހަގަކޮށް، ދެމުން އަންނަ އެވޯޑެކެވެ. މިއީ އޭޝިއާ ސަރަޙައްދުގައި ދެވޭ މިފަދަ އެންމެ ޝަރަފުވެރި އެއް އެވޯޑްވެސްމެއެވެ.