މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާ ވެރިކަން ކުރަން މި ސަރުކާރުން ދަސްކުރަން ޖެހޭކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖުލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އޭސީސީގެ މެންބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނިކޮށް އޭސީސީގެ ރައީސް އައިމިނަތު ޝިއުނާއާއި އެކޮމިޝަނުގައި ބާކީ ތިބި 2 މެމްބަރުން މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން އިއްޔެ އިސްތިއުފާ ހުށައަޅާފައިވަނީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު އަބުދު ﷲ އެވެ. މީގެކުރިން އޭސީސީ މެމްބަރުން މަގާމުން ވަކިކުރުމަށް މަޖިލީހުން މަސައްކަތް ފެށުމުން ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަކީލާއި އަލީ އަޝްރަފް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިމައްސަލައާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އޭސީސީގެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އިންތިހާއަށް ނުފޫޒު ފޯރުވުމުން ކަމަށެވެ. އަދި އެކަމުން ހާމަަވަނީ ސަރުކާރާއި މަޖިލީހުގެ ހުދުމުޚުތާރުކަމާއި އަނިޔާވެރިކަން ކަމަށް މެމްބަރު ޝަރީފް ވަނީ ވިދާޅުވެފައެވެ.

" މިނިވަން މުޢައްސަސާ ތަކަށް ނުފޫޒު ނުފޯރުވައި ވެރިކަން ކުރަން ދަސް ކުރަންޖެހޭ."
މަޑުއްވަރީ ދާޢިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމަށް ނިންމާ އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ. އޮޓިޑް ރިޕޯޓުގައި ބުނެފައިވަނީ ކޮމިޝަނުން ކޮރަޕްޝަންގެ މައްސަލަތަކުގެ 61 އިންސައްތަ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު، ދައުވާކުރަން ފޮނުވައިފައިވަނީ އެކެއް އިންސައްތަ މައްސަލަ ކަމަށެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސް ކުރީ އިއްޔެއެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީކޮށް ފިޔަވަޅު އެޅުމުގައި އެ ކޮމިޝަނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ބުނެއެވެ.

އެބޭފުޅުން ވަކިކުރަން ކޮމެޓީން ނިންމީ ޖަވާބު ދާރީވުމުގެ ފުރުސަތުވެސް ދިނުމަށް ފަހުގައެވެ.