ކޮވިޑް-19 ގެ ސަބަބުން އެތައް ދުވަސްތަކެއްވަންދެން ސިނަމާތައް ބަންދުކޮށްފައި ހުރުމަށްފަހު، ސިނަމާތަކަށް އައި އެންމެ ކާމިޔާބު ފިލްމަކަށް "ސްޕައިޑަރ-މޭން: ނޯ ވޭ ހޯމް" ވެއްޖެއެވެ.

މި މަހުގެ 17 ވަނަ ދުވަހު ފިލްމް ރިލީޒްކުރުމާއި އެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ކާމިޔާބުކަމާ އެކު މި ފިލްމު ހިނގަމުން އަންނަ އިރު، ފިލްމްގެ އާމްދަނީ މިހާރު ވަނީ 1.5 ބިލިއަން ޑޮލަރަށް އަރައިފައެވެ.

"ސްޕައިޑަރ-މޭން: ނޯ ވޭ ހޯމް" އަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ތަރުހީބަކީ މިދިޔަ އަހަރު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ވިދިގެން، ސިނަމާތަކުގެ ވިޔަފާރި އެއްކޮށްހެން ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ފަހުން ސިނަމާތަކުގައި ފިލްމުތައް ދައްކަން ފަށާ، މިފަހުން ފިލްމަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

އެހެންކަމުން މުނިފޫހިފިލުވުމުގެ ދާއިރާ ދިރާސާ ކުރާ (ކްރިޓިކްސް) ދެކޭ ގޮތުގައި ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސިނަމާތަކަށް އައި އެންމެ ކާމިޔާބު ފިލްމަކީ މިއީއެވެ.

ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯން ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފެތުރި ސިނަމާތަކުގެ ވިޔަފާރި އަށް އަނެއްކާވެސް ހީނަރުކަން އަތުވާނެކަމުގެ ބިރު ހީވެފައި އޮތް މި ދަނޑިވަޅުގައި "ސްޕައިޑަރ-މޭން: ނޯ ވޭ ހޯމް" ހޯދަމުން އަންނަ ކާމިޔާބީ އަކީ މުޅި ފިލްމަށް އިންޑަސްޓްރީ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި ހިތްވަރެއް ކަމަށްވެސް ފިލްކް ކްރިޓިކްސުން އަންނަނީ ބުނަމުންނެވެ. އަދި ހަމަމިއާ އެކު މިހާރު ކުރިއެކޭ އެއްގޮތަށް ސިނަމާތަކުގެ ފޯރި އަލުން އިޔާދަވާނެ ކަމުގެ އުންމީދު ކުރެވޭ ކަމަށްވެސް ހޮލީވުޑްގެ ފިލްމީ މަސްރަހުން ދެކެއެވެ.

މާވެލް އާއި ސޮނީ ޕިކްޗާޒް ގުޅިގެން ބެލުންތެރިންނަށް ގެނެސްދިން "ސްޕައިޑަރ-މޭން: ނޯ ވޭ ހޯމް" އަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމްގައި ޕްރޮޑިއުސަރުންގެ ގޮތުގައި ކެވިން ފީޖާއި އެމީ ޕަސްކަލް މަސައްކަތްކޮށްފައިވާއިރު މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ ޖޮން ވޮޓްސްއެވެ.

މި ސީރީޒްގެ އިތުރު ބައިތަކެއްވެސް ދެ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭނެކަން މިދިޔަ ހަފުތާގައި އިއުލާން ކޮށްފައިވެއެވެ.