ފިލިޕީންސަށް އެރި ބާރުގަދަ ތޫފާނުގައި މަރުވި މީހުންގެ އަދަދު 389 އަށް އަރައިފިއެވެ.

ފިލިޕީންސްގެ ނޭޝަނަލް ޑިޒާސްޓަރ އޭޖެންސީން ބުނީ، ތޫފާނުގެ ސަބަބުން 64 މީހަކު އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

ފިލިޕީންސްގެ މެދުތެރެއާއި ދެކުނުގެ ޕްރޮވިންސްތަކަށް އެރި "ރާއި" ގެ ނަމުން ނަންދެވިފައިވާ ބާރުގަދަ ތޫފާނުގެ އަސަރު 4 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮށްފައި ވެއެވެ.

ތޫފާނުގެ ސަބަބުން 570،906 މީހުން، ގެދޮރު ހަލާކުވުމާއި، ގެދޮރަށް ގެއްލުން ލިބުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ކަމަށްވެސް ފިލިޕީންސްގެ ކަމާބެހޭ އިދާރާއިން ބުނެފައި ވެއެވެ.

ސިވިލް ޑިފެންސް އޮފިޝަލުން ވިދާޅުވީ، 430 ސިޓީއާއި އަވަށުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށާއި، ތިންލައްކައެއްހާ މީހުން ވަގުތީ ކޭމްޕްތަކަށް ގެންދެވިފައިވާ ކަމަށެވެ.

ދެލައްކައެއްހާ މީހުން އާއިލާގެ އެހެން ގެތަކާއި ރަށްޓެހިގެން ގެތަކުން ހިޔާވަހިކަން ހޯދާފައިވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އިރުމަތީ އައްސޭރިފަށުން ފިލިޕީންސަށް އެރި ބާރުގަދަ ތޫފާނުގެ ސަބަބުން އާންމުންގެ ގެތައް ސުންނާފަތިވެ ބިމާހަމަވެ، އެތައް އިމާރާތަކަށް ބޮޑެތި ގެއްލުންތައް ލިބި، ސަރުކާރުގެ އެތައް އިމާރާތެއް ހަލާކުވިއެވެ.

އަދި ގަސްގަހާގެހި މުލުން ލުހި، ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތައް ހާދިސާތަކެއް ހިނގާފައި ވެއެވެ.

ސީބޫއިން އެކަނިވެސް 141 ހޮސްޕިޓަލާއި ކްލިނިކް ހަލާކުވިއެވެ.

ތޫފާން ރާއީގެ ސަބަބުން އާންމު މީހުންގެ ގެދޮރާއި، ސަރުކާރުގެ އިމާރާތްތަކާއި ގޮވާންކުރާ ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ އަގު 22 ބިލިއަން ޕެސޯސް (441 މިލިއަން އެމެރިކާ ޑޮލަރަށް) އަރާ ކަމަށް ފިލިޕީންސް ނޭޝަނަލް ޑިޒާސްޓަރ އޭޖެންސީން ބުނެފައި ވެއެވެ.

ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މެދުތެރޭ ބޮހޮލް ޕްރޮވިންސަށެވެ. އެ ޕްރޮވިންސުން 109 މީހުން މަރުވިއިރު، ޖެހިގެންއޮތް ސީބޫ ޕްރޮވިންސުން 96 މީހުން ތޫފާނުގައި މަރުވިއެވެ.

ތޫފާނުން ސަލާމަތްވި މީހުން، ތޫފާން "ރާއި" ސިފަކުރަނީ 2013 ވަނަ އަހަރު ފިލިޕީންސްގެ މެދުތެރެއަށް އެރި ގެއްލުންބޮޑު "ހައިޔަން" ތޫފާނާއެވެ. އެ ތޫފާނުގައި 7،300 މީހުން މަރުވެ، އެތައްބަޔަކު ގެއްލުނެވެ. އެ ތޫފާން ވެފައިވަނީ ފިލިޕީންސްގެ ތާރީޚްގައިވެސް މިހާތަނަށް ކުރިމަތިވި އެންމެ ގެއްލުންބޮޑު ތޫފާނަށެވެ.

ފިލިޕީންސް އޮންނަ ތަނުގެގޮތުން އަހަރެއްގެ މައްޗަށް ވިއްސަކަށް ތޫފާން އަރައެވެ.