ކޮވިޑްބަލި ޖެހުނަސް، ބަލީގެ އަލާމާތް ނުފެންނަ މީހުން އައިސޮލޭޓްވާންޖެހޭ މުއްދަތު އެމެރިކާގައި 5 ދުވަހަށް ކުޑަކޮށްފިއެވެ.

ކުރިން މި މުއްދަތު އޮންނަނީ 10 ދުވަހެވެ.

އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން މިއަދު ބުނެފައިވަނީ، ބަލީގެ އަލާމާތް ނުފެންނަ މީހުން 5 ދުވަހު އައިސޮލޭޓް ވުމަށްފަހު ޖެހިގެން އަންނަ 5 ދުވަހު މީހުންގެ ތެރޭގައި އުޅެންޖެހޭނީ މާސްކް އަޅައިގެން ކަމަށެވެ.

މީގެއިތުރުން، ވެކްސިން ނުޖަހާ ތިބި މީހުންނާއި، އެމްއާރްއެންއޭގެ ދެވަނަ ޑޯޒް ޖެހުމަށްފަހު ހަމަސްވެފައިވާ މީހުންނާއި، ޖޯންސަން އެންޑް ޖޯންސަންގެ ދެޑޯޒް ޖެހުމަށްފަހު ދެމަސްވެ ބޫސްޓަރ ޑޯޒް ނުޖަހާ މީހުންގެ ތެރެއިން ކޮވިޑަށް ހުރަހޮޅިފައިވާ މީހުން 5 ދުވަހަށް ކަރަންޓީނުވުމަށްވެސް ސީޑީސީންވަނީ ރެކޮމެންޑް ކޮށްފައެވެ.

އެމެރިކާގައި ކޮވިޑްބަލީގެ ހާލަތު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވަމުންދާއިރު، މިހާރު އަލަށް ޕޮޒިޓިވްވާ މީހުންގެ 73 އިންސައްތައަކީ އަލަށް ފެނިގެންއުޅޭ އޮމިކްރޮން ވޭރިއެންޓުން ޕޮޒިޓިވްވާ މީހުންނެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި އަދި ބޫސްޓަރ ޑޯޒް ޖަހާފައިވާ މީހުންނަށްވެސް ކޮވިޑް ޖެހެމުންދާކަން ސީޑީސީން ފާހަގަކޮށްފައި ވެއެވެ.

އެހެން ނަމަވެސް، އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މިފަދަ މީހުންގެ ކިބައިން ބަލީގެ މާބޮޑު އަލާމާތެއް އަދި ބައެއް މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް، އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައި ވެއެވެ.

ބަލީގެ އަލާމާތްތައް ނުފެންނަމީހުން އައިސޮލޭޓްވާން ކުރިންއޮތް 10 ދުވަހުގެ މުއްދަތު 5 ދުވަހަށް ކުޑަކުރަން ރެކޮމެންޑްކުރީ، ރައްކާތެރި ފިޔަވަޅުތަކާއެކު މަސައްކަތަށާއި އަދި ސްކޫލަށް އެނބުރި ނުތުމަށް އެހީތެރިވުމުގެ ގޮތުންކަމަށް ވައިޓްހައުސްގެ މެޑިކަލް އެޑްވައިޒަރ ޑރ. އެންތަނީ ފައުޗީ ވިދާޅުވިއެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ސިއްހީ ގައިޑްލައިނަށް މިފަހުން ގެނައި އިސްލާހްތަކުގެ ދަށުން، ބޫސްޓަރ ޑޯޒް ޖަހާފައިވާ މީހަކު ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިޔަސް ކަރަންޓީނުވާކަށް ނުޖެހެއެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ 10 ދުވަސްވަންދެން މާސްކް އަޅައިގެން އުޅުމެވެ.

އޮމިކްރޮން ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާގެ ސައިންސްވެރިންނާއި، އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ސައިންސްވެރިން މިހާތަނަށް ހެދި ދިރާސާތަކުން ދައްކާފައިވަނީ އޮމިކްރޮން ވޭރިއެންޓަކީ ޑެލްޓާއަށްވުރެ ނުރައްކާތެރި ވޭރިއެންޓެއް ނޫނެވެ.

އޮމިކްެރޮންގެ ޒަރީއާއިން ބަލިޖެހޭ މީހުންގެ ބަލީގެ ހާލަތު ޑެލްޓާއަށްވުރެ ގޯސްވާކަމަށް ނުދައްކާ ކަމަށްވެސް ދިރާސާތަކުން ދައްކާފައި ވެއެވެ.

ނަމަވެސް، ޑެލްޓާއަށްވުރެ އެތައްގުނަ ހަލުވިކޮށް މީހުންގެ މެދުގައި އޮމިކްރޮން ފެތުރި ގިނަބަޔަކަށް ބަލިޖެހުމަކީ، ބަލީގައި މަރުވާ މީހުންގެ އަދަދުތައް އިތުރުވެހެން ހިނގައިދާނެ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން އިންޒާރު ކުރައްވަމުން ގެންދަވައެވެ.