މީގެކުރިން ވެރިކަން ކުރި ސަރުކާރުތަކުން، މި ސަރުކާރުން މަސައްކަތްކުރާ ސްޕީޑާ އަރާ ހަމަނުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅު މާފުށީގައި އަލަށް އިތުރުކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް މާފުށި ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ހިންގާ މަޝްރޫތަކުގެ ސްޕީޑާ އަރާ ހަމަނުކުރެވޭނެ ކަމަށެވެ.
އެގޮތުން، މި ދައުރު ނިމިގެންދާއިރު، 18 ބިލިއަން ރުފިޔާގެ އުމްރާނީ ތަރައްގީގެ މަސައްކަތްކޮށް ނިމިގެންދާނެ ކަމަށާއި، މި ދައުރަށްފަހުވެސް ރާއްޖެއަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވުމުގައި ރައީސް ސާލިހް ހުންނަވާނެ ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑު ތެރޭގައިވެސް، ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހުއްޓެން ބޭނުންފުޅުނުވާ ކަމަށް ރައީސް ވިދާޅުވި ކަމަށާއި، ކޮވިޑްގެ ހާލަތުގައިވެސް ގިނަ މަސައްކަތްތަކެއް ހުއްޓާ ނުލައި ކުރިއަށް ގެންދިޔަކަން މިނިސްޓަރ އަސްލަމް ފާހަގަކުރެއްވިއެވެ.
ޕްލޭނިންގ މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޖުމްލަ 25 ބަނދަރެއް ހަދައި ނިންމާފައިވާ ކަމަށާއި، 39 ރަށެއްގެ ބަނދަރުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
އަދި، ހަތަރު ރަށެއްގެ ބިން އެކީގައި ހިއްކާ ނިމިފައިވާ ކަމަށާއި، ފަސް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއް ކަމަށާއި، ހަމައެކަނި 18 ބިލިއަން ރުފިޔާއިން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތް މުޅީން ނުނިމޭނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ތަރައްގީވަމުންދާ ވަރަކަށް ބަނދަރުތައް ބޮޑުކޮށް ބިން އިތުރުކުރަން ޖެހޭނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާފުށީ ކައުންސިލްގެ ރައީސް ވެސް ވަނީ ސަރުކާރުގެ ސްޕީޑް ސްލޯކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ދައުލަތަކުން މާފުށްޓަށް ނުގެނެސްދޭ ތަރައްގީ ރައީސް ސާލިހްގެ ސަރުކާރުން އަންނަނީ ގެނެސްދެއްވަމުން ކަމަށް ވިދާޅުވެފައެވެ.