ދިވެހިން ދަންނަ ދިވެހިންގެ ކަންފަތްތަކަށް އެންމެ ފަރިތަ އަޑަކީ ދިވެހިރާއްޖޭގެ އަޑޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ އަޑު ދިވެހިންނަށް އިވެމުންދާތާ މިހާރު އޮނަހައްޓި އަހަރުވީއެވެ.

ދިވެހިރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ފެށުނީ، މީގެ 59 އަހަރު ކުރިން، 29 ޑިސެންބަރު 1962ގައި، ސަރުކާރުގެ ވެރިން އަމިއްލަ ހައިސިއްޔަތުން ފެށްޓެވި ކަމެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ އެންމެ 4 މިނިޓު 2 ސިކުންތަށް މިޚިދުމަތް ފަށާފައިވަނީ އެދުވަހުގެ މެންދުރު 2 ޖެހިއިރުއެވެ. ފުރަތަމަ ޚިދުމަތް ފެށީ މާލޭ ރޭޑިއޯގެ ނަމުގައެވެ. އާދައިގެ ކުޑަ ރޭޑިއޯ ޓެލެފޯން ސެޓެއް ޓްރާންސްމީޓަރެއްގެ ގޮތުގައި ބޭނުންކޮށް ފެށި ޚިދުމަތް، ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތުން 1965 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި 16 ގަޑިއިރު ޚިދުމަތްދޭން ފެށިއެވެ. މިފެންވަރަށް މަސައްކަތްދިޔައީ އިތުރު 3 ޓްރާންސްމީޓަރު މެދުވެރިކޮށެވެ.

އެންމެ ފުރަތަމަ ޚިދުމަތް މުޅި ރާއްޖެއަށް ނުލިބުނުނަމަވެސް ޚިދުމަތް ފުޅާކުރުމަށް ކުރަމުން އައި އެކި މަސައްކަތްތަކުގެ ދަށުން ދިވެހިރާއްޖޭގެ އަޑު މުޅި ރާއްޖެއަށް ލިބެން ފެށީ 1981 ވަނަ އަހަރުއެވެ. އަދި 24 ގަޑިއިރު ޚިދުމަތުގައި ދިވެހިރާއްޖޭގެ އަޑު ފޯރުކޮށްދޭން ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ.

ސަރުކާރުގެ ފަރާތުން ރަސްމީކޮށް ރޭޑިއޯގެ ޚިދުމަތް ފެށްޓެވީ 11 ސެޕުޓެންބަރު 1966ގައެވެ. މިހާތަނަށް މެދުނުކެނޑި ހިނގަމުންދާ ރާއްޖޭގެ ރޭޑިއޯ އިސްޓޭޝަން ކަމުގައިވާ ރޭޑިއޯ މޯލްޑިވްސް އުފެދުނީ 16 ފެބުރުވަރީ 1969ގައެވެ. ދިވެހި ތާރީޚަށް ބަލާއިރު 1970, 1980, 1990ގެ އަހަރުތައް ފާހަގަކުރެވިގެންދަނީ، ރާއްޖޭގައި ރޭޑިއޯގެ ރަންޒަމާނުގެ ގޮތުގައެވެ. އޭގެ ފަހުން 19 ޖަނަވަރީ 1980ގައި ރޭޑިއޯ މޯލްޑިވްސް ގެނަން ދިވެހިރާއްޖޭގެ އަޑުގެ ނަމަށް ބަދަލުކުރެވުނެވެ. ދިވެހިންގެ ދޫތަކަށް ފަރިތަ ދިވެހިރާއްޖޭގެ އަޑުގެ ނަމަށް މިއަހަރު މިވީ 41 އަހަރެވެ. އަދި ރޭޑިއޯ މޯލްޑިވްސް 1969 އިން ފެށިގެން ހަގީގީ 52 އަހަރެވެ.

ޕަބްލިކް ސާވިސް ބްރޯޑްކާސްޓިންގެ ދާއިރާއިން ރާއްޖޭން ބޭރުން ކިޔަވާ ވިދާޅުވެގެން ހުންނެވި އަދި ދިވެހިރާއްގެ އަޑުގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ބަދުރުއްނަސީރު ވިދާޅުވާ ގޮތުގައި ރޭޑިއޯ މޯލްޑިވްސް އިން ބްރޯޑްކާސްޓްކުރީ ޕަބްލިކް ސާވިސް ކޮންޓެންޓެވެ. އޭގެ ތެރޭގައި ސަރުކާރުގެ ޚަބަރުތައް ހުންނާނެ ކަމަށް ވިދާޅުވެ އޭނާ ފާހަގަކުރެއްވި ގޮތުގައި އޭރު ވެސް މުޅި ރޭޑިއޯގެ ކޮންޓެންޓް ބޭސްކޮށްފައި ވަނީ ރައްޔިތުންނާ ގުޅުންހުރި ކަންކަމަށެވެ. އޭނާއަކީ ރޭޑިއޯ ޕްރޮގްރާމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅާއެވެ. އޭރުގެ ރައީސް ނާސިރު ދެއްވި ފުރުސަތެއްގައި 6 މަސް ދުވަހު ސިންގަޕޫރުގައި ޕްރޮގްރާމް ޕްރޮޑަކްޝަން ދަސްކުރެއްވުމަށް ހޭދަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އަޑު އެޗްކިޔު

ރާއްޖޭގެ އާންމު ހޭލުންތެރިކަމާއި ރައްޔިތުންގެ ފައިދާއާ ކުރިއެރުމަށް އެންމެގިނަގުނަ ޚިދުމަތްތަކެއް ގައުމީ ގޮތުން، އަދާކޮށްފައިވާ މީޑިއަކީ ދިވެހިރާއްޖޭގެ އަޑެވެ. ރާއްޖެއާ ދުނިޔޭގެ ޚަބަރާ މައުލޫމާތާއި، ދީނީ، ގައުމީ، ތައުލީމީ، ސިއްހީ، އިޖުތިމާއީ، ބަހަވީ، އަދަބީ، ސަގާފީ، އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ރޮނގުތަކުން ދިވެހިރާއްޖޭގެއަޑުން ކޮށްފައިވާ ގައުމީ ޚިދުމަތްތަކާއި އަދާކޮށްފައިވާ ގައުމީ ދައުރަކީ ދިވެހި ތާރީޚުގައި ލާމަސީލު ނަމޫނާއެކެވެ. ގައުމީ މުނާސަބަތުތަކާއި އިހުތިފާލުތައް ފާހަގަކުރުމުގައާއި އެ ކަންކަން ރައްޔިތުންނަށް ވަގުތުން ގެނެސްދިނުމުގައި އެންމެބޮޑު ދައުރެއް އަދާކޮށްފައިވާ މީޑިއާއަކީވެސް ދިވެހިރާއްޖޭގެ އަޑެވެ.

ދިވެހި ތާޜީކު ދުށް އެންމެ ބޮޑު ގުދުރަތީ ކާރިސާ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު، އެކަށައެޅުނު ރާއްޖޭގެ އިމަޖެންސީ ކޮމިއުނިކޭޝަން ޕުލޭނުގައިވެސް ރޭޑިއޯގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައެވެ. ސުނާމީގެ ބިޔަ ރަޅުތައް އެރުމާއެކު ދިވެހިރާއްޖޭގެ އަޑު ކެނޑިގެން ދިޔަ ވަގުތަކީ ދިވެހިންގެ ހިތްކަށް ފަޅުކަމާއި ނާމާންކަން ވެރިވި ކަމެކެވެ. ނަމަވެސް، ކެނޑުނު ޚިދުމަތް އަލުން ފެށި ސުނާމީގެ ޚަބަރުތަކާއި ލިބުނު ގެއްލުންތަކާއި އާންމު ރައްޔިތުން ތިބި ހާލަތު ގާތުން ބަލައި އަވަސްވީ ގޮތަކަށް ގެނެސްދެމުން ދިޔަ ފަޚުރުވެރި ގައުމީ ރޭޑިއޯއަކީ ހަމަ ދިވެހިރާއްޖޭގެ އަޑެވެ. ވީމާ، ގައުމީ ބޭނުންތަކާއި ރައްޔިތުންގެ ފައިދާއާ ކުރިއެރުމަށްޓަކައި ރާއްޖޭގެ ގައުމީ ރޭޑިއޯ އިސްޓޭޝަން އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް، މިއަދު މިވަނީ އިސްކަން ދޭންޖެހިފައެވެ.

ގޭތެރެ ފަޅު ފިލުވައިދިނުމުގައި ދިވެހިރާއްޖޭގެ އަޑަކީ އަދިވެސް ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. ދީނީ މަޢުލޫމާތާއި ޚަބަރާއި ތަޢުލީމު އުނގަންނައިދިނުމާއި، ޢާންމުން ހޭލުންތެރިކުރުވުމާއި، ކުޅިވަރާއި މުނިފޫހިފިލުވުން ފަދަ ރޮނގު ރޮނގުން ދިވެހިރާއްޖޭގެ އަޑުން އަންނަނީ ގައުމަށް މައުލޫމާތު ފޯރުކޮށްދެމުންނެވެ. ގައުމަށް ދިމާވި އެކި ކާރިސާތަކުގައި ދިވެހިރާއްޖޭގެ އަޑު ވެފައިވަނީ ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިއްމު ބައިވެރިއަކަށެވެ.