ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހިއްކާ ބިމުގައި ހުރިހާ ރައްޔިތުންގެ ހިއްސާ ހަމަހަމަ ވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖުލީހުގެ މާފަންނު މެދު ދާޢިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މެމްބަރ އިބްރާހިމް ރަޝީދު މިފަދައިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް، މާބޮޑެތި މަސައްކަތްތަކެއް ނުކުރެވި ވަނިކޮށް ހުޅުމާލެއިން ގޯތިތަކެއް ވިއްކުމަށް ނިންމުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީއާއި ދެމެދު އުފެދިފައިވާ ކޯޅުން ގަނޑު ބޮޑުވެފައި ވަނިކޮށެވެ.

މި މައްސަލަ ބޮޑުވެފައިވަނިކޮށް މެމްބަރު ވިދާޅުވީ ގުދުރަތީ ގޮތުން ހިކިފައިވާ ރަށާއި ބިން ފިޔަވައި ރައްޔިތުންގެ ޓެކްސް ފައިސާ އިން ދައުލަތުގެ ބަޖެޓުން ހިއްކާ ބިންތަކުގައި ގައުމުގެ ހުރިހާ ރައްޔިތުންގެ ހިއްސާ ހަމަހަމަ އަދި ބަރާބަރު ވާން ޖެހޭނެ ކަމަށެވެ.

އަދި ތޮއްޖެހިފައިވާ ރަށްތަކުގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

ހުޅުމާލޭގެ ބިމުގެ އިހުތިސާސްގެ މައްސަލައިގައި އެޗްޑީސީ އާއި މާލޭ ސިޓީ ކައުންސިލް ދެމެދު ދެބަސްވުން އުފެދިފައި ވަނިކޮށް، މީހުން ދިރިއުޅުމަށްޓަކައި ބީލަމުގެ އުސޫލުން ބޮޑު އަގެއްގައި 60 ބިމެއް ވިއްކަން އެޗްޑީސީން އިއްޔެ ވަނީ އިއުލާން ކޮށްފައެވެ.

މިކަމާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ އެޗްޑީސީ އަކީ މާލޭގެ ރައްޔިތުންގެ ހައްގުތަކަށް އޮތް ހުރަހަކަށް ވެފައިވާ ކަމަށް ވިދާޅުވެ އެޗްޑީސީ އުވާލަން ޖެހޭ ކަމުގައި ވިދާޅުވެފައެވެ.

ހުޅުމާލެ ބެލެހެއްޓުމާއި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެޗްޑީސީގެ ދަށުގައި ވަނިކޮށް، ސިޓީ ކައުންސިލުން ކުއްލި ގޮތަކަށް ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކުރިއެވެ. ރަޖިސްޓަރީ ބާތިލް ކުރީ އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އުޅުމުން އެޗްޑީސީން ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވުމުންނެވެ.

ނަމަވެސް ރަޖިސްޓަރީ ބާތިލް ކުރި މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށް އަމުރުކޮށްފަ އެވެ.

އެހެން ކަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ދައުލަތުން ހަރަދުކޮށްގެން ހިއްކާ ބިންތަކުގެ މަގުތަކާއި އާއްމުތަންތަން ކަނޑާފައި ބާކީ އޮންނަ ބައިގެ 35 ޕަސެންޓް ބޭނުންކުރާނެ ގޮތް ކަނޑައަޅައި އެކަން ތަންފީޒުކުރުމުގެ ބާރު ޕްލޭނިން މިނިސްޓްރީއަށް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވާ ކަމަށްވެސް ވިދާޅުވެފައެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ދަށުގައި އޮންނަން ޖެހޭ ބައެއް ސަރަހައްދުތައް ކައުންސިލާ ހަވާލުނުކޮށްގެން މިހާރު ވެސް ވަނީ ބޮޑެތި މައްސަލަތައް އުފެދިފައެވެ. އެފަދަ ބައެއް މައްސަލަތައް މިހާރު ވަނީ ޝަރީއަތުގެ މަރުހަލާގައެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ސަރުކާރުން ވަނީ 1.5 ބިލިޔަން ރުފިޔާގެ ހައުސިން މަޝްރޫޢޫތަކެއް ކުރިއަށްގެންދިޔުމަށް ނިންމާފައެވެ.

އަދި އަންނަ އަހަރަށް ދަޢުލަތުން ހުށައެޅީ ބަޖެޓުގައި ވަނީ ނޭޝަނަލް ސޯޝަލް ހައުސިން މަޝްރޫޢުއަށް 449 މިލިޔަން ރުފިޔާ ޚަރަދު ކުރުމަށް ކަނޑައަޅާފައެވެ. މީގެ އިތުރުން އެފޯޑަބަލް ހައުސިން މަޝްރޫޢޫއަށް 57 މިލިޔަން ރުފިޔާ ކަނޑައަޅާ 94 މިލިޔަން ރުފިޔާ އެކި އަތޮޅުތަކުގައި ހައުސިން މަޝްރޫޢުތައް ގެންދިޔުމަށް ބަޖެޓުގައި ވަނީ ކަނޑައަޅަފައެވެ.