ށ. ފޯކައިދޫ އިންޖީނުގެ ހުންނަނީ ރައްޔިތުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކޯ-ފައުންޑަރ އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވުމުން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އަބްދުﷲ ރިޔާޒް ވިދާޅުވީ، ފޯކައިދޫ އިންޖީނުގެ ހުންނަނީ ރައްޔިތުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށާއި އެއީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގެ އިހުމާލު ކަމަށެވެ. އަދި އޭގެ ސަބަބުން ފޯކައިދޫގަ ދިރިއުޅޭ ރައްޔިތުންނަށް ވާނެ ތުރާ އިހުސާސްކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވަނީ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ގެންދިއުމަށް ސަރުކާރަށް ގޮވާލާފައެވެ.

އޭނާއަށް ފާޑުކިޔުން އަމާޒުވީ، މި ވާހަކަތައް ދެއްކެވިއިރު، ފޯކައިދޫގައި އައު އިންޖީނުގެއެއް އިމާރާތްކޮށް އެ ތަން ހުޅުވަން ސަރުކާރުން ތައްޔާރުވެފައި ވާތީއެވެ. ފާޑުކިޔުންތެރިން ވަނީ ވާހަކަ ދެއްކުމުގެ ކުރިން ވާނުވާ ބަލާލުމަށް އެދިފައެވެ.

ރިޔާޒަށް ރައްދުދެއްވަމުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކުރި އައު އިންޖީނުގެ އެވަނީ ރިބަން ކަނޑަން ތައްޔާރުވެފައި ކަމަށެވެ. އަދި އެ މަޝްރޫއަކީ މެމްބަރު ރިޔާޒާ އެއްވެސް ގުޅުމެއް ނެތް ކަމެއް ކަމަށް ވިދާޅުވެ ޝިފާޒް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފޯކައިދޫ އިންޖީރު ގެއަކީ ފެނަކައިން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން 27 އަލަށް އިމާރާތްކުރި އިންޖީނުގެތަކުގެ ތެރެއިން އިންޖީނުގެއެވެ.