މިނިމަމް ވޭޖާއެކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތައް ހިއްސާކޮށްފިއެވެ.

ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖު ދިނުމަށް "މިނިމަމް ވޭޖު އެލަވަންސް" ތަކަށް ގެނައި ބަދަލުތަށް ހިއްސާ ކޮށްފައި ވެއެވެ.

ޕޭ ކޮމިޝަނުން ވަނީ ވަޒީފާގެ ރޭންކަށް ބަލައި އެލަވަންސްގެ ގޮތުގައި ދޭނެ ވަކި އަދަދުތަކެއް ކަނޑައަޅައިފައެވެ. އެގޮތުން އެންމެ ގިނަވެގެން އެލަވަންސްގެ ގޮތުގައި ލިބޭނީ 1،917 ރުފިޔާއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ފައިސަލް ވިދާޅުވީ، އަސާސީ މުސާރައަށް ބަދަލު ނުގެނެސް އެލަވަންސެއްގެ ގޮތުގައި މިނިމަމް ވޭޖު ދިނުމަށް ނިންމީ މިވަގުތު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގައި ބޮޑެތި ފަރަގުތަކެއް ހުރުމުން މިވަގުތަށް އަސާސީ މުސާރައަށް ބަދަލު ގެނައުމަކީ ވަރަށް ބޮޑު މަސައްކަތަކަށްވާތީ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ، މުވައްޒަފުންގެ މުސާރައަށް މިނިމަމް ވޭޖު އެލަވަންސް ލައި، ބޮޑުކޮށްދިނުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރަމުންދާނެ ކަމަށެވެ.

އެގޮތުން މަސައްކަތް ކުރަމުން އަންނަނީ އަންނަ ޖެނުއަރީ މަހުގެ 15 ގެ ކުރިން އޮފީސްތައް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭ މިންވަރު އަންގައިދިނުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މިނިމަމް ވޭޖު އެލަވަންސާއެކު 11،828 އަށް މުވައްޒަފުންގެ މުސާރަ ބޮޑު ވެގެންދާނެ ކަމަށެވެ. އެގޮތުން:

1. 5928 މުވައްޒަފުންގެ މުސާރައިން 1500 ރުފިޔާ އިތުރުވާނެ

2. 4184 މުވައްޒަފުންގެ މުސާރައިން 1000 ރުފިޔާއާއި 1500 ރުފިޔާއާ ދެމެދު އަދަދެއް އިތުރުވާނެ

3. 1288 މުވައްޒަފުންގެ މުސާރައިން 1000 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދު އަދަދެއް އިތުރުވާނެ

4. 430 މުވައްޒަފުންގެ މުސާރައިން 500 ރުފިޔާއަށްވުރެ ދަށުގެ އަދަދެއް އިތުރުވެގެން ދާނެ

މިނިމަމް ވޭޖު އެލަވަންސެއް ގޮތުގައި ދޭން ނިންމި ނަމަވެސް މުވައްޒަފުންނަށް ލިބޭ އެހެނިހެން ފިކްސްޑް އެލަވަންސްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޕޭ ކޮމިޝަނުން ބުނެއެވެ.