ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓުގެ ރިސްކް އަދިވެސް ވަރަށް ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިކަން ހާމަކުރި އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑްޖެހުނު މީހުންގެ އަދަދު ރެކޯޑް މިންވަރަކަށްވަނީ މައްޗަށް ގޮސްފައެވެ.

މިދިޔަ ހަފްތާގައި ކޮވިޑް ޖެހުނު މީހުންގެ ނިސްބަތް 11 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް ކޭސްތައް ކުއްލިއަކަށް މައްޗަށް ދިއުމުގެ އަސްލަކީ، މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓްކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ދުނިޔޭގެ އެތައް ގައުމެއްގައި ކޮވިޑްޖެހޭ މީހުންގެ އަދަދުތައް ކުއްލިއަކަށް މައްޗަށް ގޮސްފައިވަނީ އޮމިކްރޮން ވޭރިއެންޓުގެ ސަބަބުންނެވެ.

ކޮވިޑްބަލީގެ ހާލަތުގެ ހަފްތާ ރިޕޯޓްގައި ޑަބްލިޔުއެޗްއޯއިން ބުނީ، ބައެއް ގައުމުތަކުގައި ޑެލްޓާއަށްވުރެ އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން، އޮމިކްރޮން ވޭރިއެންޓާ ގުޅިފައިވާ ރިސްކް ވަރަށް މަތިކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، ޑެލްޓާއަށްވުރެ ގިނައިން ފެތުރި، ދެތިންދިވަހުގެ ތެރޭގައި ދެގުނަ އިތުރުވުމުގެ ގާބިލްކަން އޮމިކްރޮންއަށް ލިބިގެންވާކަން މިހާތަނަށް ލިބިފައިވާ ހެކިތަކުން ހާމަވާ ކަމަށެވެ.

ގައުމުތަކުގައި ކުއްލިއަކަށް ކޭސްތައް އިތުރުވެންދަނީ އޭގެ ސަބަބުން ކަމަށްވެސް ބުނެފައި ވެއެވެ.

ކުރިން ބަލިޖެހި ރަނގަޅުވެފައި ތިބޭ މީހުންނާއި، ވެކްސިން ޖަހާފައިވާ މީހުންނަސްވެސް އޮމިކްރޮން ވޭރިއެންޓުން ބަލިޖެހެނީ، ހަށިގަނޑުގައި ހުންނަ ދިފާއު ފޫއަޅުވާލުމުގެ ގާބިލްކަން އޮމިކްރޮން ވޭރިއެންޓަށް ލިބިގެންވާތީ ކަމަށް، މިހާތަނަށް ހެދުނު ދިރާސާތަކަށް ބިނާކޮށް ސައިންސްވެރިން ބުނެއެވެ.

އެހެން ނަމަވެސް، ދިރާސާތަކުން އަދި ދައްކާފައިވަނީ، އޮމިކްރޮން ވޭރިއެންޓަކީ ޑެލްޓާއަށްވުރެ ނުރައްކާތެރި ވޭރިއެންޓެއް ނޫން ކަމަށެވެ.

އަދި އޮމިކްރޮންގެ ޒަރީއާއިން ބަލިޖެހޭ މީހުންގެ ބަލީގެ ހާލަތު ޑެލްޓާއަށްވުރެ ގޯސްވާކަމަށް ނުދައްކާ ކަމަށްވެސް ދިރާސާތަކުން ދައްކާފައި ވެއެވެ.