'ބަރމިންގހަމް 2022- ކްއީންސް ބެޓްން' އަށް ރާއްޖެއިން ރަސްމީކޮށް މަރުޚަބާ ކިޔައިފިއެވެ.
ބުދަ ދުވަހުގެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 'ބަރމިންގހަމް 2022- ކްއީންސް ބެޓްން' އަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުޙަބާ ދެއްނެވުމުގެ ގޮތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި، ކޮމަންވެލްތް ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް 'ބަރމިންގހަމް 2022- ކްއީންސް ބެޓްން' ވަނީ އަރުއްވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި 'ބަރމިންގހަމް 2022- ކްއީންސް ބެޓްން' ގެ ރަސްމީ ޖަރޒީ ވަނީ ރައީސްގެ އިތުރުން ނައިބު ރައީސަށްވެސް ވެދުން ކުރައްވާފައެވެ.
ކޮމަންވެލްތުން ހަމަޖައްސާފައިވަނީ ކޮންމެ ގައުމެއްގައިވެސް ބެޓަންގެ ދަތުރުގެ ރަސްމީ ހަރަކާތްތައް ވަކި ދުވަސްތަކެއް ކުރިއަށް ގެންދިއުމަށެވެ. އެ ގޮތުން ރާއްޖޭގެ ހަރަކާތްތައް ރަސްމީކޮށް ފެށޭނީ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ ރަސްމީ އިވެންޓްތައް ހއ އާއި ހދގެ ތިން ރަށެއްގެ އިތުރުން މާލޭގައި ކުރިއަށް ގެންދަން ރާވާފައިވާއިރު، ރާއްޖޭގެ ހަރަކާތްތަކަށްފަހު ދެން ބެޓަން ގެންދިއުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އަވަށްޓެރި ސްރީ ލަންކާއަށެވެ.
ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައި ވަނީ 2021 ގެ އޮކްޓޫބަރު މަހު 7 ވަނަ ދުވަހުގައި އިނގިރޭސިވިލާތުންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، ކޮމަންވެލްތްގެ 72 ޤައުމަށް މި ބެޓަން ގެންގޮސް 294 ދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ ހުރިހާ ކަންކޮޅަކަށް މި ބެޓްން ގެންދާނެއެވެ. މި ދަތުރުން ރަމްޒުކޮށްދެނީ އުންމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތްގެ އެއްޤައުމު އަނެއް ޤައުމާ އެކު އޮންނަ ގުޅުމެވެ.
16 ވަނަ ރަސްމީ ކްއީންސް ބެޓްން ރިލޭގެ ތާރީޚީ ދިގު ދަތުރު ނިންމާލާނީ 2022 ވަނަ އަހަރުގައި ޖުލައި މަހުގެ 28 ވަނަ ދުވަހުގައި ބަރމިންގހަމް ގައި ބާއްވާ ކޮމަންވެލްތް ގޭމްސް ގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހުއެވެ.
މެދުކެނޑުމަކަށް ފަހު އަންނަ އަހަރު ރާއްޖޭން ވާދަކުރާ ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ހަަމަޖައްސާފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ. ކޮމަންވެލްތު ގޭމްސްގެ ބެޓަން އަށް ރާއްޖޭން މަރުހަބާ ކިޔަން ބޭއްވި އިވެންޓްގައި ޖަވާގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނަރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) ވެސް ބައިވެެރިވެވަޑައިގެންނެވިއެވެ. މި ގޭމްސްގައި ރާއްޖޭން ބައިވެރިވާ ކުޅިވަރުތައް ކަނޑައަޅާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.
ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. މުޅިއެކު 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ވަރަަކަށް އެތުލީޓުން ބައިވެރިވެއެވެ.
ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅުން އެއީ ރައީސް ސޯލިހްގެ ރިޔާސީ އެއް ވައުދަށްވާއިރު، އެކަން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގައެވެ.