އަހަރުގެ މިހާތަނަށް ޖުމަލަ 22،946 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސް ދީފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ހާމަކޮށްފިއެވެ.

އިންކަމް ސަޕޯޓް އެލަވަންސަކީ ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ޖައުލަތުން މިހާތަނަށް ޖުމުލަ 421 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން ދޫކުރަމުން އަންނަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާއެވެ. އަދި މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް 5000 ރުފިޔާ ނުލިބޭނަމަ އެ އަދަދު ހަމަވާ ވަރަށް ސަރުކާރުން އެފަރާތްތަކަށް ފައިސާގެ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރު އެކެއްގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށައެޅޭނެއެވެ. މިއެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް މައްސަލަ ހުށަހަޅާނެއެވެ.

އެލަވަންސްއަށް ޝަރުތު ހަމަނުވާ 217 މީހަކަށް އެލަވަންސް ދެވިފައިިވާތީ، އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ވަނީ ފަށާފައެވެ.

އިންކަމް ސަޕޯޓް އެލަވަންސަށް އެންމެ ގިނަ އަދަދަކަށް އެދިފައިވަނީ 21 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށެވެ.

އެގޮތުން 7400 އަށްވުރެ ގިނަ މީހުންނަކީ މި އުމުރު ފުރައިގެ މީހުންނެވެ. އަދި އެލަވަންސް ލިބިފައިވާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންކަމަށްވެސް ޖޮބް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.