ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓްރީ ބާތިލްކޮށް މާލެ ސިޓީ ކައުންސިލްގެ ދަށަށް ރަޖިސްޓްރީ ބަދަލުކުރަން ނިންމި މައްސަލައިގައި ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ހުޅުމާލޭގެ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ސިވިލް ކޯޓުން ނެރުނު ވަގުރީ އަމުރު ސިޓީ ކައުންސިލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށް، މާލޭ ސިޓީ ކައުންސިލުން ކުއްލި ގޮތަކަށް ހުޅުމާލޭގެ ބިން ކައުންސިލްގެ ދަށަށް ގެންދަން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު، ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެކައުންސިލްގެ 12 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ ނިންމުން ކުއްވެރިކޮށް، އެޗްޑީސީން ވަނީ ސިޓީ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، މައްސަލަ ނިމެންދެން ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ކޯޓުގައި އެދިފައެވެ. އަދި ކޯޓުން މިމަހުގެ 16 ވަނަ ދުވަހު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެފައި ވެއެވެ.

ސިޓީ ކައުންސިލުން ބުނީ އެމައްސަލަ އިސްތިއުނާފްކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވަނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، ހުޅުމާލޭގެ ބިން ހިއްކުމަށް ސަރުކާރުން ކުރި ޚަރަދާއ، ސަރުކާރަށް ނަގާފައިވާ ދަރަންޏާ ހަވާލުވެ، އެ ޚަރަދާއި އެ ދަރަނީގެ ޖުމްލަ އަގަށްވާ ހިއްސާ ސަރުކާރުގެ ނަމުގައި އެކުންފުނިން އެކަށައަޅައި، އެ ހިއްސާތަކުގެ މުގާބިލުގައި ހުޅުމާލޭގެ ބިން އެޗްޑީސީގެ އެސެޓެއްގެ ގޮތުގައި ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްފައިވާ ބިންތަކެއްކަން، މާލެސިޓީ ކައުންސިލްގެ ފަރާތުން އެޗްޑީސީއަށް ހަދާދީފައިވާ ހުޅުމާލެ ރަޖިސްޓްރީން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އެމައްސަލާގައި ވަގުތި އަމުރެއް ނެރުމުގެ އުންސުރުތައް ފުރިހަމަ ވެގެންވާކަން އެނގެން އޮތުމުން، ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހުޅުމާލޭ ބިމުގެ އިހްތިސާސްގެ މައްސަލާގައި އެޗްޑީސީ އާއި ސިތީ ކައުންސިލާ ދެމެދު މައްސަލަ އިންތިހާއަށް ހޫނުވެފައިވާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ނަމުގައި ހިއްކާފައިވާ ބިމުން ބިޑް އުސޫލުން ބިން ވިއްކަން އެޗްޑީސީން އިއުލާން ކުރުމާ ގުޅިގެންވެސް ސިޓީ ކައުންސިލުން ވަނީ އެކަމަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައެވެ.