ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ގދ.ދާންދޫ ގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ގދ.ދާންދޫ ރައްޔިތުންނަށް ހާއްސަ އޮފަރތަކަކާއި އެކުއެވެ.

މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދޭ އިރު، ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ. އެގޮތުން އެރަށުގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުގެ ސީނިއަރ މެނޭޖަރ ކޮންސިއުމަރ ސަރވިސް ޑެލިވަރީ އިބްރާހިމް ފަޔާޒް ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެއް ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. ރާއްޖޭގެ ގޭބިސީގެ 80 އިންސައްތަ އަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި 73 ރަށެއް ހިމެނޭ އިރު، 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ.

ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 80 އިންސަތަ ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ފޯރުކޮށްދީފައެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށާއި، މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށް އެކުންފުނިން ބުނެއެވެ.