ޕްރެޒިޑެންޓްސް ކަޕުގައި ކްލަބް އީގަލްސް އިން ކުޅުނު ތިންވަނަ މެޗުގައި ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ބަލިވެ، މި މުބާރާތުގައި މޮޅެއް ހޯދުމަށް އީގަލްސް އިން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

މުބާރާތުގައި އީގަލްސް އިން އެންމެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން އީގަލްސް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި މާޒިޔާ އަތުން އީގަލްސް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

އީގަލްސް އިން މުބާރާތުގައި ކުޅުނު ތިންވަނަ މެޗުގައި މިއަދު ހަވީރު ސަސް އާއި ދެކޮޅަށްކުޅެ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށް އީގަލްސް އިން ނެރުނު ފުރަތަމަ އެގާރަ އަށް ވަނީ ފަހު ވަގުތު ބަދަލެއް ގެނެސްފަ އެވެ. ޒައިން ޒަފަރުގެ ބަދަލުގައި އިމްރާން ނަޝީދު (އިންމަ) ވަނީ ކުޅެން އަރުވައިފަ އެވެ. މެޗުގައި ފުރަތަމަ ފުރުސަތު ވެސް ލިބުނީ އިންމަ އަށެވެ. ސަސްގެ އޭރިއާތެރެއިން ވެއްޓިގެންފައި ބޮލުން ގޯލަށް ފޮނުވާލަން އިންމަ މަސައްކަތް ކުރި ނަމަވެސް އެ ބޯޅަ އޭނާ ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ.

މިމެޗުގައި ސަސްގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އަށް، ސަސްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގައި ސަސް އިން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ. މިއީ ނައްޓު އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅައަކުން އިބްރާހިމް އަތީގް ހަސަން (އިއްބެ) ކާމިޔާބުކުރި ލަނޑެކެވެ. އިއްބެ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ކީޕަރު، ލުބުނާންގެ ތޯހާ އަތުގައި ޖެހިފައެވެ.

ސަސް އިން ލީޑުފުޅާކުރީ ދެވަނަ ހާފު ފަށައިގެން ދެމިނެޓުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ސަހާއުގެ އެހީތެރިކަމާއެކު ޔަސްފާދް ހަބީބް (މުލަކޭ) ކާމިޔާބުކުރި ލަނޑެކެވެ.

ގާތްގަނޑަކަށް ދެއަހަރުގެ މެދުކެނޑުމަކަށްފަހު މިމެޗުގައި އަހްމަދު ރިޒްވާން (ރިޒޭ) ވެސް ވަނީ އީގަލްސްގެ ޖާޒީގައި ކުޅެން އަރާފައެވެ. ދެވަނަ ހާފުގައި މެޗުގެ 51 ވަނަ މިނެޓުގައި ރިޒޭ ކުޅެންއެރިއިރު، މިއީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު ރިޒޭ ކުޅުނު ފުރަތަމަ ފަހަރެވެ.

މިމެޗުން ހޯދި މޮޅާއެކު ސަސް ވަނީ މިހާތަނަށް ކުޅުނު ތިންމެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 4 ވަނަ ހޯދާފައެވެ. މެޗުން ބަލިވި އީގަލްސް އެއްވެސް މެޗަކުން މޮޅުނުވާއިރު އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. މެޗު ފަށާނީ 21:00 ގައެވެ.