މައްކާގައި ހުންނަ މާތްވެގެންވާ މަސްޖިދުލް ޙަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައި މާސްކް އެޅުމާއި، އިޖުތިމައީ ގާއިދުރުކަން އަލުން ގާއިމްކުރަން، އެދެ މިސްކިތް ބަލަހައްޓާ އޮފީހުން މަޖުބޫރު ކޮށްފިއެވެ.

އެގޮތުން، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށާއި، ނަމާދުތަކަށް މަސްޖިދުލް ޙަރަމާއި، މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރާ އެންމެން، ސައުދީ އަރަބިއްޔާގެ ގަޑިން މިއަދު ހެނދުނުން ފެށިން މާސްކް އަޅައިގެން އުޅުމަށާއި، އިޖުތިމާއީ ގައިދުރުކަން ގާއިމްކުރުމަށް މިސްކިތް ބަލަހައްޓާ އޮފީހުން ނެރުނު ބަޔާނެއްގައި އަންގާފައި ވެއެވެ.

ހަމަ އެއާއެކު، މަސްޖިދުލް ޙަރަމާއި، މަސްޖިދުއް ނަބަވީގެ ނަމާދު ކުރުމަށް ކަނޑައެޅިފައިވާ ޖާގަތަކުގައި އުޅޭ އިރުގައްޔާއި އަދި ކަޢުބާ ވަށައިގެން ޠަވާފް ކުރުމުގައިވެސް މާސްކް އަޅައިގެން އުޅުމަށާއި، ގައިދުރުކަން ގާއިމްކުރަން އަންގާފައި ވެއެވެ.

މަސްޖިދުލް ޙަރަމްގެ ޠަވާފްކުރާ ސަރަހައްދުގައި މިއަދުވަނީ ގައިދުރުކަން ގާއިމްކުރުމުގެ ސްޓިކަރވެސް އަލުން ތަތްކޮށްފައެވެ.

މަސްޖިދުލް ޙަރަމްގައި މިއަދު ސްޓިކަރ ތަތްކުރަނީ:

އުމްރާގެ އަޅުކަމަށް އެ މާތްވެގެންދާ ދެ މިސްކިތަށް ގޮސްއުޅޭ އެންމެނާއި އަދި އެދެ މިސްކިތުގައި މަސައްކަތްކުރާ މީހުންވެސް ސިއްހީ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ބޯލެނބުމަށް މިސްކިތް ބަލަހައްޓާ އޮފީހުގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

އުމްރާގެ އަޅުކަމަށް އަންނަ މީހުންނާއި އަދި ނަމާދަށް އަންނަ މީހުންވެސް، މިސްކިތަށް ވަނުމަށް އެޕްލިކޭޝަން މެދުވެރިކޮށް ދެވިފައިވާ ގަޑިތަކަށް އިހްތިރާމް ކުރުމަށްވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

މަސްޖިދުލް ޙަރަމްގެ މިއަދުގެ މަންޒަރެއް:

މަސްޖިދުލް ޙަރަމާއި، މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރާ އެންމެންވެސް މާސްކް އެޅުން އަލުން މަޖުބޫރުކޮށް އަދި ގައިދުރުކަން ގާއިމްކުރުމަށް މިސްކިތް ބަލަހައްޓާ އޮފީހުން މި އެންގީ، ސައުދީ އަރަބިއްޔާގައި އެންމެން ގެއިން ބޭރުގައި އުޅޭ ވަގުތަކުގައްޔާއި އަދި ތަންތާނގެ އެތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް މިއަދުން ފެށިގެން މާސްކް އަޅައިގެން އުޅުމަށް ސައުދީ ސަރުކާރުގެ ދާޚިލީ ވުޒާރާއިން އެންގުމާ ގުޅިގެންނެވެ.

ދާޚިލީ ވުޒާރާއިން މިފިޔަވަޅު އެޅީ، ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓް ސައުދީ އަރަބިއްޔާގައި ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

ސައުދީ އަރަބިއްޔާއިން މިއަދު އެކަނިވެސް 752 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައި ވެއެވެ. ނަމަވެސް، އޭގެތެރޭގައި އޮމިކްރޮންއަށް ޕޮޒިޓިވްވި މީހަކު ހިމެނޭކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ބޭރު ގައުމުތަކުންދާ އެތައްބަޔަކު އެނބުރި ގައުމަށްދާފަހުން އޮމިކްރޮންއަށް ޕޮޒިޓިވްވަމުންދާ ކަމަށް ގައުމުތަކުން ގެންދަނީ ރިޕޯޓްކުރަމުންނެވެ.