2022 ވަނަ އަހަރުގެ ކަލަންޑަރު ދިރާގުން ނެރެފިއެވެ.
ކޮންމެއަހަރަކު ވެސް ތަފާތު ކޮންސެޕްޓްތަކަކަށް ކަލަންޑަރު ނެރެމުން އަންނަ ކުންފުނި ދިރާގުން އަންނަ އަހަރުގެ ކަލަންޑަރު ހާއްސަކުރެވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށެވެ.
ފަތުރުވެރިކަމުގެ ސިނާޔަތުގެ ތަރައްގީގައި ފާހަގަކޮށްލެވޭ 12 ލަނޑުދަނޑިއަކަށް އަލިއަޅުވާލައި ފަރުމާކޮށްފައިވާ މި ކަލަންޑަރު ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއަށް ދިރާގުންވަނީ ހަދިޔާ ކޮށްފައެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ ދިރާގަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްގީގެ މުހިންމު ބައިވެރިޔާ ކަމަށާއި ރާއްޖޭގައި އުފެދުނު އެންމެ ފުރުތަމަ މުއާސަލާތީ ހިދުމަތްދޭ ކުންފުނީގެ ހައިސިއްޔަތުން ބޭރުދުނިޔެއާއި ރާއްޖެ ގުޅުވާލުމުގައި މުހިންމު ދައުރެއްވަނީ އަދާކޮށްފައި ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ދިރާގު ކަލަންޑަރު ފަތުރުވެރިކަމުގެ ރަން އަހަރަށް ހާއްސަކުރި ކަމީ ދިރާގާއި ފަތުރުވެރިކަމުގެ ސިނާއަތާއި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ.
ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ ޢަލީ ރިޔާޒު ވިދާޅުވީ ދިރާގުން 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް ހާއްސަކުރުމަށް ނިންމީ ފާއިތުވެދިޔަ 50 ކާމިޔާބު އަހަރުގެ ތަރައްގީ ފާހަގަކޮށް މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
ދިރާގަކީ އަބަދުވެސް ރާއްޖޭގެ އެކި ސިނާޔާތްތަކުގެ ކުރިއެރުން ފާހަގަކޮށް އެ މަސައްކަތުގެ އަގުވަޒަން ކުރަމުންއަންނަ ދިވެހި މުއާސަލާތީ ހިދުމަތްދޭ ކުންފުންޏެކެވެ.