2021 ވަނަ އަހަރަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ބޮޑެތި އެތައްކަމެއް ހިނގައިދިޔަ އަހަރެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި، ރައީސް ޔާމީން މިނިވަންވުން ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. ހަމަ އެއާއެކު، ރާއްޖޭގެ ނަން އދގެ މަތީ ހަރުފަތަށް ދިއުމާއި، ސިޔާސީ އެތައް ޚިދުމަތްތެރީން ވަކިވެ ދިއުމަކީވެސް 2021 ވަނަ އަހަރު ފާހަގަކޮށްލެވުނު ކަންކަމެވެ.

ތިރީގައި މިވަނީ 2021 ވަނަ އަހަރު ފާހަގަކޮށްލެވުނު މުހިންމު ބައެއް ކަންކަމުގެ މައްޗަށް ބަލާލައި ވީނިއުސްރޫމުން ތައްޔާރު ކޮށްފައިވާ ޚުލާސާއެކެވެ.

___

އަހަރުގެ ބޮޑު ޓެރަރިސްޓް ހަަމަލާ:

ލިޔުނީ: ފާތިމަތު ރިފާތު

2021 ވަނަ އަހަރުގެ މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީކޮޅަށް ހިނގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެންވަނީ ބޮޑެތި އަނިޔާތަކެއް ލިބިފވަޑައިގެންފައެވެ. މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ކޮށްފައެވެ. އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަން ވިލާތަށް ވަޑައިގެންނެވީ މެއިމަހުގެ 13ވަނަ ދުވަހުގައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގުގެ ކަންކަން ބަލައި ފާރަވެރިވުމަށް ނިންމައި، "މެއި 6"ގެ ނަމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ކޮމިޓީއެއް އުފެއްދީ ޖޫން މަހުގެ 11ވަނަ ދުވަހުގައެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުޤީގެއް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމެޓީން ފެށީ މެއި މަހުގެ 9ވަނަ ދުވަހުގައެވެ. މަޖިލީހުގެ ސަލާމަތީ ޚިހުމަތަތަކާބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓް ރައީސް ނަޝީދާ ހަވާލުކުރީ ޖުލައި މަހުގެ 11 ވަނަ ދުވަހުގައެވެ. އަދި މިރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވި 58 މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ 241 ކޮމެޓީން ކުރިއަށްގެންދިޔަ ތަހުގީގުގައި 49 ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. މިރިޕޯޓު އެކުލަވާލުމަށްޓަކައި 80 އަށް ވުރެ ގިނަ ލިޔުންތަކާއެކު 5550 އަށް ވުރެ ގިނަ ސަފްހާތައް ދިރާސާކޮށްފައިވެއެވެ. މިހަމަލާ ތަޙްޤީގުކުރުމުގެ މަރުހަލާ ހިނގައި ގޮތް ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އައްޔަން ކުރެއްވި އައްބާސް ފާއިޒް ރާއްޖެ ވަޑައިގަތީ ޖުލައި މަހުގެ 3 ވަނަ ދުވަހުގައެވެ.

މިމައްސަލާގައި މިހާތަނަށް ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އަދި މިހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި އަހުމަދު ފާތިހު ބަންދުން ދޫކޮށްލީ އޮގަސްޓް މަހުގެ 6ވަނަ ދުވަހުގައެވެ. ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަތީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގައެވެ. އެމަނިކުފާނުގެ ބޭސްފަރުވާއަށް 1.6 މިލިޔަން ރުފިޔާ ދައުލަތުން ޚަރަދުކޮށްކޮށްފައިވެއެވެ. މާލެ ވަޑައިގެން ފުރަތަމަ ހުންނެވީ ހޮޓެލް ޖެންގައެވެ. އެއަށްފަހު ދައުލަތުގެ ފަރާތުން އެމަނިކުފާނު ހުންނަވަން ހަމަޖެއްސެވި ގެގޮޅަށް ބަދަލުވެވަޑައިގަތީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. މުރައިދޫގެ ސަރަހައްދު ރެޑް ޒޯންކަމަށް ކަނޑައަޅާފައިވާއިރު މިއީ ފަހުގެ ތާރީޚެއްގައި ރެޑް ޒޯން ކަނޑައެޅި ފުރަތަމަ ފަހަރެވެ.

__

އަހަރުގެ ބޮޑު ޝަރީއަތް

ލިޔުނީ: ފާތިމަތު ނަހުދާ ފާއިޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފައިވަނީ ިދގު ދެމިގެން ދިޔަ ޝަރީއަތަކަށް ފަހުއެވެ.

އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއީ މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އިއްވި ހުކުމެކެވެ.

ރައީސަ ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމުން ޖެނުއަރީ މަހު ހައިކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.

އެއަށްފަހު އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމްކޯޓުގައި އިސްތިއުނާފްކޮށް، ކޯޓުން މައްސަލަ ބަލައިގަނެފައިވަނީ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުން މިމައްސަލަ ބަލައިގަތުމާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ރައީސް ޔާމީންގެ މައްސަލާގައި ދަށު ކޯޓާއި ހައިކޯޓުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށްވެސް ވަނީ ކޯޓުގައި އެދިފައެވެ.

ދިގެ ދެމިގެން ދިޔަ ޖުމްލަ 8 ޝަރީއަތުގެ އަޑުއެހުމަށްފަހު، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ތާރީޚި ހުކުމެއް ކުރީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ޖަލު ހުކުމްގެ އެންމެ ފަހު މަރުހަލާގެ އިސްތިއުނާފީ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލްއުސްތާޛް މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަލްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒްގެ ރައުޔަށް ބާކީ ތިއްބެވި ދެ ފަނޑިޔާރުންވަނީ ތާއީދު ކުރައްވާފައެވެ.

___

އދގެ އާންމު މަޖިލީހުގެ ރިޔާސަތަށް އަބްދުﷲ ޝާހިދު އިންތިޚާބު ކުރުމާއެކު ރާއްޖޭގެ ނަން ވިދާލި އަހަރެއް

ލިޔުނީ: ފާތުމަތު ނަހުދާ ފާއިޒް

އދ ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝަހިދު އިންތިޚާބު ކުރީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ.

އެމަނިކުފާނު ހޮވިވަޑައިގެންނެވީ އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ރަސޫލްއާ ވާދަކުރައްވައި ވޯޓުގައި ބައިވެރިވި އދގެ މެމްބަރު 1919 ގައުމު ތެރެއިން 143 ގައުމުގެ ވޯޓާއެކުއެވެ.

އެމަނިކުފާނު ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަބްދުﷲ ޝާޙިދުގެ ކެމްޕެއިން ބިނާކުރައްވާފައިވަނީ "އުންމީދުގެ ރިޔާސަތު" މި ނަމުގެ މައްޗަށެވެ. ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ކުރެއްވި ތަގުރީރުގައި އެމަނިކުފާނު ވަނީ ހާއްސަ އިސްކަމެއް ދެއްވާނެ ފަސް ކަމެއް އާންމުކުރައްވާފައެވެ.

އދގެ މި މަޖިލީހުގައި ރައީސް ސާލިހްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެންނވުމަށް އެމަނިކުފާނަށް ދައުވަތު އަރުވާފައިވެއެވެ.

ރައީސް ސާލިހްގެ ދައުވަތަށް ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

__

ބިމުގެ މައްސަލައިގެ ކޯޅުންގަނޑު ބޮޑު އަހަރެއް

ލިޔުނީ: އައިޝަތު އިބްރާހިމް

ނިމިގެން މިދާ އަހަރަކީ މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކޯޅުންގަނޑު ބޮޑު އަހަރެއްގެ ގޮތުގައެވެ. މި ދެ މުވައްސަސާގެ ކޯޅުން ފެށެނީ ކުރީގެ ރައީސް ޔާމިން މިނިވަން ވުމާއި ގުޅިގެން އިދިކޮޅު ކޯލީޝަނުން ހުޅުމާލެ ފޭސް 2 ހިމެނޭ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ނިންމި ހިސާބުންނެވެ.

މި ކޯޅުންގަނޑު ބޮޑުވީ މާލެ ސިޓީން އެޗްޑީސީއާއިއެކު ހަދާފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލުކުރަން ސިޓީ ކައުންސިލުން ނިންމިއެވެ. ރެޖިސްޓްރީ ބާތިލްކޮށްފައިވަނީ 8 ޑިސެމްބަރު 2021 ވީ ބުދަ ދުވަހު ސިޓީ ކައުންސިލް 4 ވަނަ ދައުރުގެ 30 ވަނަ އާއްމު ޖަލްސާގައެވެ.

9 ޑިސެމްބަރު 2021 : ސަރުކާރުގެ ވިޔަފާރި ކުންފުނި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ ހުޅުމާލޭގެ ރެޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ބާތިލު ކުރުމުގެ ގެއްލުން، ވަރަށް ބޮޑު ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވިއެވެ.

13 ޑިސެމްބަރ 2021 : އެޗްޑީސީގެ އެއްބަސްވުން މާލެ ސިޓީ ކައުންސިލަށް ބާތިލެއް ނުކުރެވޭނެ ކަމަށް އެލްޖީއޭއިން ކަނޑައެޅިއެވެ.

30 ޑިސެމްބަރ 2021: ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓްރީ ބާތިލްކޮށް މާލެ ސިޓީ ކައުންސިލްގެ ދަށަށް ރަޖިސްޓްރީ ބަދަލުކުރަން ނިންމި މައްސަލައިގައި ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ހުޅުމާލޭގެ ބިން އެޗްޑީސީގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނީ އެމައްސަލަ އިސްތިއުނާފްކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވަނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

__

ދިރާސީ އައު އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރެއަށް ބަދަލުކުރި ފުރަތަމަ އަހަރު

ލިޔުނީ: ފާތިމަތު ރިފާޢަތު

2021 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރުގެ ކިޔެވުން ކޮންމެ މީލާދީ އަހަރެއްގެ މެދުތެރޭގައި ފެށޭގޮތަށް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ކޮވިޑް-19ގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށާއި ޖުމުލަ ތަރައްގީއަށް ދިމާވެފައިވާ ބޮޑު ގެއްލުމުން އަރައިގަތުމަށް 2020 ވަނަ އަހަރު ފެށުނު ދިރާސީ އަހަރު 2021 ވަނަ އަހަރުގެ ޖޫންގައި ނިމޭގޮތަށް ފަސްކޮށްފައިވުމާއި، ބެލެނިވެރިންނަށް ދަރިންނާއިއެކު ޗުއްޓީހޭދަކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ މަގުސަދުގައެވެ.

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ސަރުކާރު ސްކޫލްތަކާއި، އަމިއްލަ ސްކޫލް މަދަރުސާތަކުގެ 92936 ދަރިވަރުންނާއެކު ފެށިއިރު ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

__

އަރަބިއްޔާގެ މައްސަލަ: އެޑިއުކޭޝަނުން ބޮޑާހާކަނިކޮށް ރައީސްގެ ވަރުގަދަ ނިންމެވުމެއް!

ލިޔުނީ: ޒިދާން މުހައްމަދު

އަރަބިއްޔާ ސްކޫލް އިމާރާތުގެ މައްސަލައަކީ މި ނިމި ދިޔަ 2021 ވަނަ އަހަރު ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވުނު މުހިންމު އަދި އެންމެ ހޫނުވި އެއް މައްސަލައެވެ. އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މަދަރުސާއަކަށް ރާއްޖޭގައި މިވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ހާލަތު ގޯސްވެ އެސުކޫލު ހިންގާ އިމާރާތް ބޭނުން ކުރުން ވަނީ ނުރައްކާވެފައެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި އޮތީ އެ ސްކޫލްގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ. އަދި އެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި ވަގުތުންވަގުތަށް ކުރަންޖެހޭ މަރާމާތުތައް ދެނެގަތުމަށް ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދަންޖެހޭ ކަމަށް އިސްޕެކްޝަން ރިޕޯޓުން ދައްކާތީ އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި އެސެސްމަންޓް ނިންމުމަށް މަދުވެގެން 2 މަސް ދުވަސް ހޭދަވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ހާލަތު ހުރި ގޮތުން އެ ތަނުގައި ކިޔަވައިދިނުމަކީ ނިކަން ނުރައްކާ ކަމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. އެހެންވެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ހައްލެއްގެ ގޮތުގައި ނިންމެވީ އެ ސްކޫލްގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށެވެ.

އެކަމާ ސްކޫލްގެ ބެލެނިވެރިން އެއްބަހެއް ނުވިއެވެ. ނުރުހުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރިއެވެ. އިދާރާތަކާއި ވުޒާރާތަކަށް ސީޓިބީޓީ ވެސް ފޮނުވިއެވެ. އެދެވޭ އިޖާބައެއް ނުލިބުމުން އެންމެ ފަހުން ނިންމީ ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރާށެވެ. މައްސަލައިގެ ހައްލާއި ނިމުން އައީ އެހިސާބުންނެވެ.

މައްސަލަ މިހާ ހިސާބަށް ދިއުމުން ސީދާ ރައީސުލްޖުމްހޫރިއްޔާ މި ކަމުގައި އެންމެ ފަހުން ގޮތެއް ނިންމެވީއެވެ. ޢަރަބިއްޔާ ސްކޫލްގެ ދައީމީ ހައްލަކަށް ސަރުކާރުން ނިންމަވާފައިވަނީ މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ވިދާޅުވިއެވެ.

__

ރައީސުލްޖުމްހޫރިއްޔާ ނަފުރަތުގެ ބިލު ތަސްދީގުކުރެއްވުން!

ލިޔުނީ: ޒިދާން މުހައްމަދު

2021 އަހަރު ސަރުކާރުން ހުށައެޅި އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ބިލަކީ ނަފުރަތުގެ ބިލެވެ. އެ ބިލު ތަސްދީގުކުރެއްވީ ނުވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މި ބިލު ހުށައެޅީ ނަފުރަތުގެ އަމަލުތައް މަނާކުރުމުގެ ގޮތުން ކަމަށް ބުނެއެވެ. މި ބިލު ފުރަތަމ ހުށައެޅި ގޮތާމެދު ދީނީ އިލްމުވެރިންނާއި، ސިޔާސީ ފަރާތްތައް އަދި އާންމުންނާއި މަދަނީ ޖަމިއްޔާތަކާއި ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ.

މި ބިލު ދިރާސާކުރުމަށްފަހު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބިލަށް ގެނައި ގިނަ އިސްލާހުތަކާއެކުގައެވެ. ބިލުގައި ބުނަނީ "ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތި ވަލް ޖަމާއަތުގެ މުއުތަބަރު ރައުޔަކާ ހިލާފުނުވާގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް، އާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން" އެއީ ކުށެއް ކަމުގައެވެ.

އަދި ޤާނޫނުލް ޢުޤޫބާތަށް އިތުރުވި މާއްދާގައި ބަޔާންކޮށްފައިވަނީ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު އާންމު ތަނެއްގައި އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދެއްގެ ގޮތުގައި ސަިފަކުރުމަކީ ނުވަތަ ތުހުމަތުކުރުމަކީ ކުށެއް ކަމަށެވެ.

__

އެންޓި ކޮރަޕްޝަން ކޮމިޝަން މެމްބަރުންގެ މައްސަލަ ބޮޑުވެ އިސްތިއުފާދިން އަހަރެއް

ލިޔުނީ: ފާތުމަތު ނަހުދާ ފާއިޒް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެމްބަރުންގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލަތައް ނިންމުމަށް ލަސްވުމާއި ގުޅިގެން އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.

އެގޮތުން، އޭސީސީން މައްސަލަތައް ނިންމަން ދިގު މުއްދަތެއް ހޭދަވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ތަކުރާރުކޮށް ލިބެމުން ދިއުމާއި ގުޅިގެން އެ ކޮމިޝަންގެ މެމްބަރުންގެ ޕަރފޯމަންސް އޮޑިޓެއް ހެދުމަށްފަހު ރަނގަޅަށް މަސައްކަތް ނުކުރާ މެމްބަރުން އެ ކޮމިޝަނުން ވަކިކުރުމަށް ކޮމިޓީން ނިންމީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އޭސީސީ މެމްބަރުންގެ ޕަރފޯމަންސް އޮޑިޓެއް ހެދުމަށް ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް، (އަނދުން ހުސައިން) އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެމްބަރުން އޭރުވެސް އެތައް ފަހަރެއްގެ މަތީން ހާޒިރުކޮށްފައިވާއިރު، އެއަށްފަހު މަޖިލީޙުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކޮށް އެކޮމިޝަނުން ވަނީ ކޮމިޝަންގައި ހުރި ގިނަ މައްސަލަތަކެއް ކޮމިޓީއާ ހިއްސާކޮށްފައެވެ.

މަޖިލީސް ޗުއްޓީގައި ވަނިކޮށް ބޭއްވި ހާއްސަ ޖަލްސާއެއްގައި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އޭސީސީގެ ހުރިހާ މެމްބަރުން މަގާމުން ވަކިކުރުމަށް ވޯޓުގައި ބައިވެރިވި ހަތް މެމްބަރުންގެ އިއްތިފާގުން ކޮމިޓީން ފާސްކުރިއެވެ.

އެއަށްފަހު ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން މިނިވަން މުއައްސަސާއެއްގެ މެމްބަރުން ވަކިކުރާނަމަ، މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިއުލާނުކުރުމަށް ފަހު އެމައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަންޖެހޭ އުސޫލުގެ މަތީން ކޮމިޓީއަށް ފޮނުވާފައިވަނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މި މުއްދަތުގެ ތެރޭގައި އެކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަކީލް އަދި އަލީ އަޝްރަފް ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މެމްބަރުން ވަކިކުރުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް ދިން ފަސް ދުވަހުގެ މުއްދަތުގައި މެމްބަރުން ކޮމެޓީއަށް ލިޔުމުން ޖަވާބުދާރީވެފައިވަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މެމްބަރުން ދެއްވި ޖަވާބުތަކާއި ގުޅިގެން ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަށް ދެވަނަ ފަހަރަށް ފާސްކުރިއެވެ. ކޮމިޓީން މިގޮތަށް ފާސްކުރުމާއެކު ކޮމިޓޫގައި އޭރު ތިއްބެވި ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސާ ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ ވަނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މެމްބަރުން ވަކިކުރުމުގެ މައްސަލާގައި ކަންކަން ހިންގާފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ބަޔާނެއްވެސް ނެރެފައެވެ.

__

މިނިމަމް ވޭޖް ކަނޑައެޅުން

ލިޔުނީ: މުހައްމަދު ހަފީޒް

ފޮޓޯ: މިހާރު / ފަޔާޒު މޫސާ

2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައެވެ. ސަރުކާރުން ވަނީ އެންމެ ކުޑަ އުޖޫރައަކީ 4،500 ރުފިޔާ ކަމަށް ކަނޑައަޅާފައެވެ.

މިނިމަމް ވޭޖާއެކު ސަރުކާރުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 15،000 އަށް ވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވެއެވެ.

އަދި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ޕޭ ކޮމިޝަނުން ވަނީ ވަޒީފާގެ ރޭންކަށް ބަލައި އެލަވަންސްގެ ގޮތުގައި ދޭނެ ވަކި އަދަދުތަކެއް ކަނޑައަޅާފައެވެ. އެގޮތުން އެންމެ ގިނަވެގެން އެލަވަންސްގެ ގޮތުގައި ލިބޭނީ 1،917 ރުފިޔާއެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުން ބުނީ މިނިމަމް ވޭޖު އެލަވަންސާއެކު 11،828 އަށް މުވައްޒަފުންގެ މުސާރަ ބޮޑު ވެގެންދާނެ ކަމަށެވެ.

__

މަހުމޫދު އަބޫބަކުރުގެ ވަކިވުން: އަނިޔާވެރި މަރެއް

ލިޔުނީ: ފާތުމަތު ނަހުދާ ފާއިޒް

އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގެ ފަޅުގޯއްޗެއްގެ ތެރޭ ހުރި ވަޅަކަށް މަރާލައި، ގޯންޏަކަށް ލައި އެއްލާލާފައި އޮތް އެރަށަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ އުމުރުން 55 އަހަރުގެ މަހުމޫދު އަބޫބަކުރު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

މަހުމޫދު މަރާލިކަމަށް ތުހުމަތުކޮށް އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު އެރަށުގައި ދުވަސްވީ މީހެއް ބެލެހެއްޓުމަށް ގެނެސްފައިހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ހައްޔަރުކޮށްފައިވެއެވެ.

މަހުމޫދުގެ މަރާ ގުޅިގެން މައުލޫމާތު ދިނުމަށް ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ސާލިމް ކުށަށް އިއުތިރާފްވެ ކޯޓަށް އިއުތިރާފުގެ ބަޔާނެއް ދީފައިވާކަން ހާމަކޮށްފައެވެ.

މަހުމޫދު މަރާލުމުގައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުން ނެތްކަމަށާއި، މުއްދަތު މަޖިލިހުގައިވެސް އެކަމަށް ސާލިމް އިއުތިރާފްވެފައިވާކަމަށް ފުލުހުން ހާމަކުރިއެވެ.

ސާލިމްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

އެއަށްފަހު އެ މައްސަލާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލްކުރުމަށްފަހު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ފަށަން އޮތް ޝަރީއަތުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

__

2021 ގައި ކަނޑުމަތީގެ ހިތާމެވެރި އެތައް ހާދިސާއެއް ހިނގި

ލިޔުނީ: ޒިދާން މުހައްމަދު

ނިމި ދިޔަ 2021 ވަނަ އަހަރުގައި ކަނޑުމަތީގެ ހިތާމެވެރި އެތައް ހާދިސާއެއް ހިނގާފައިވެއެވެ. މި ބަލާލަނީ އޭގެ ތެރެއިން ފާހަގަކޮށްލެވުނު ބައެއް ހާދިސާތަކަށެވެ.

8 ޖެނުއަރީ 2021ގައި ރ. ފިލާދޫ ކައިރިން ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި ބަޔަކު ފުލުހުން ސަލަމަތް ކުރިއެވެ. ރ. ފިލާދޫ ކައިރި ގިރިއަކަށް އަރައި އަޑިއަށް ދިޔަ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އެ ދުވަހުގެ މެންދުރު 13:00 ހާއިރުއެވެ.

26 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ބޮލިފުށީ ރިސޯޓު ކައިރިން މާލެ އަށް ދަތުރުކުރި ސަފާރީއެއް އަޑިއަށް ގޮސް، އެކަކަު ނިޔާވިއެވެ. މި ހާދިސާ ހިނގި އިރު އޭގައި 17 މީހުން ތިއްބެވެ. ހާދިސާގައި ކަނޑުވި ހަތް މީހަކު ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އޭގެ ތެރެއިން މަރުވީ އުމުރުން 41 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

5 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ ފަތިހު 5:59 ހާއިރު ކާށިދޫން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުންދިޔަ “ވައިވިލާ” ނަމަކަށް ކިޔާ ސަޕްލައި ދޯންޔެއް އަޑިޔަށް ގޮސް ބަޔަކު ކަނޑުވިއެވެ. މި ހާދިސާގައި ދޯނިން ކަނޑުވި ފަސް ދިވެހިން ހެޔޮ ހާލުގައި ފެނި ކޯސްޓްގާޑު އުޅަނދަކަށް ނަގާ ކ. މާފިލާފުއްޓަށް ގެންގޮސްދިނެވެ.

23 އޮކްޓޫބަރު 2021 ވަނަ ދުވަހު ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗަކުން މޫދަށް ވެއްޓި ކުޑަ ކުއްޖަކު ގެއްލުނެވެ. ހަތަރު އަހަރުގެ އެ ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދުތަކުން ހަރަކާތްތެރިވިއެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވެ، ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ހުއްޓާލީއެވެ. ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑާއި ވައިގެ މަގުން 4706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިއެވެ. މި ހާދިސާގައި އެ ކުއްޖާގެ މަންމަ ވަނީ ނިޔާވެފައެވެ. ލޯންޗުގައި ދެން ތިބި މީހުން ސަލާމަތްވިއެވެ.

12 ނޮވެންބަރު 2021ގައި ހދ. ނޮޅިވަރަމާއި ހދ. ނޮޅިވަރަންފަރާއި ދޭތެރޭ ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު ބަޔަކު ކަނޑުވިއެވެ. އެ މީހުން ތިބި ޑިންގީ އައި ވިލާގަނޑެއްގައި ޖެހި، ރާޅެއްގައި ބަންޑުން ޖަހާލުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެފުންނެވެ. މި ހާދިސާގައި ބަންޑުން ޖަހާލި "ހަހާލި" ނަމަކަށް ކިޔާ ޑިންގީގައި ތިބީ ދެ ފިރިހެނުންނާއި ދެ ކުޑަކުދިންނެވެ. އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުވެއެވެ އަދި އެ މީހުން ވަނީ ސަލާމަތްކޮށްފައެވެ.

__

އަލިފާނުގެ ހާދިސާތައް ގިނަ އަހަރެއް

ލިޔުނީ: އައިޝަތު އިބްރާހިމް

ނިމިގެން މިދާ އަހަރަކީ ރާއްޖޭގައި ޚާއްސަގޮތެއްގައި މާލޭގައި އަލިފާނުގެ ތަފާތު ގިނަ ހާދިސާ ތަކެއް ހިނގާފައިވާ އަހަރެކެވެ. އޭގެ ތެރޭގައި ބޮޑެތި ހާދިސާތަކާއި ކުދި ހާދިސާތައް ހިމެނެއެވެ.

އެސްބީއައި ގައި ރޯވުން

2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި އުރީދޫ މޯލްޑިވްސް ހިންގާ "ގަދަގޭ މުހައްމަދުފުޅު ބިލްޑިންގު"ގައި ވަނީ ރޯވެފައެވެ. މި އަލިފާން ރޯވާން ދިމާވި ސަބަބަކީ ކެފޭ "ތިއޯލޯ"ގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގިނައިރުތަކެއް ވުމުންނެވެ.

ހުޅުމާލެ ފްލެޓް 147 ގައި ރޯވުން

ހުޅުމާލޭގެ 147 ވަނަ ފުލެޓުގައި 30 އޯގަސްޓް 2021 ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާ ހިނގުމާއި ގުޅިގެން ޑިޒާސްޓަރ މެނޭޖްމަންޓުން ވަނީ އެ އާއިލާއަށް ވަގުތީ ހިޔާއެއް ހަމަޖައްސައި ދީފައެވެ.

އެ އިދާރާ އިން ބުނެފައިވަނީ އެ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ދެ އާއިލާއެއްގެ 13 މީހަކަށް ވަގުތީ ހިޔާ ހަމަޖައްސާދީފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ކެއިންބުއިމުގެ ކަންކަން ވެސް ވަނީ ހަމަޖައްސައިދީފައިވެއެވެ.

އެ ފުލެޓްގެ ދެ ވަނަ ފުލޯގައި އަލިފާން ރޯވީ އެރޭ 19:17 ހާއިރެވެ. އަލިފާން ރޯވިތާ ބައިގަޑިއިރެއްހާއިރުގެ ތެރޭގައި އެމްއެންޑީއެފުން ވަނީ އަލިފާން ފެތުރުން ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާގައި އެ ފްލެޓްގެ ތިން ވަނަ ފުލޯގެ އެޕާޓްމަންޓަށް ވެސް ގެއްލުންވެފައިވެއެވެ.

އޯޒޯން ލައިފް މާދޫ ރިސޯޓްގައި އަލިފާނުގެ ހާދިސާ

އޯޒޯން ލައިފް މާދޫ ރިޒޯޓުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 9 އޯގަސްޓް 2021 ގައިއެވެ.

އެ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ޕެޓްރޯލް ފީފާއެއްގައި ރޯވެގެންނެވެ. .

އެ ހާދިސާގައި ޖުމްލަ 4 މީހަކަށް އަނިޔާވެފައިވެއެވެ. އެ ހާދިސާގައި އަނިޔާވެފައި ވަނީ ދިވެއްސަކާއި ތިން ބިދޭސީންނަށެވެ.

ގ. ނޫވިނަ ގޭގައި ރޯވުން

މާލޭގައި ގ. ނޫވިނަ ގޭ އެއްވަނަ ފަންގިފިލާގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް އެ ހާދިސާގައި ގޭގެ ހުރިހާ ހިސާބަކަށް އަލިފާނުގެ އަސަރުކޮށްގެން ކޮޓަރި އާއި ސިޓިން ރޫމާއީ ބަދިގޭގައި ހުރި ގިނަ ސާމާނު ވަނީ އަނދާ ހުލިވެފައެވެ. މިއީ އެ ގޭ ކޮޓަރިއެއްގެ ތެރޭގައި ހުރި ފަންކާގެ ޑިމަރު ސްވިޗުގައި ރޯވެގެން ހިނގި ހާދިސާއެކެވެ.

މއ. މޯރނިންގ ވިޔު

މއ. މޯނިންގް ވިއުގެ ތިންވަނަ ފަންގިފިލާގައި ރޯވެފައިވޭ މެއި މަހުގެ 27 ވަނަ ދުވަހު މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވިޔަސް ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

__

ޖެންޑަރ މިނިސްޓަރީއަށް 2021 ވަނަ އަހަރަކީ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު އަހަރެއް

ލިޔުނީ: މުހައްމަދު ހަފީޒް

2021 ވަނަ އަހަރު ފިޔަވަތީގެ ތިބި ކުދިނަށް އަނީޔާ ލިބުނު ވަހަކަތަކެށް ފެންމަތިވިއެވެ. އެކާމާ ގުޅިގެން މިނިސްޓަރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން ދާ ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅޭ އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެއެވެ.

މި ކަމާ ގުޅިގެން ފިޔަވަތީގައި ތިބި ބައެއް ކުދިން އަމާންވެއްޓަށް ބަދަލުކުރުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ފެށިއެވެ. މިނިސްޓްރީން ބުނީ، އިތުރު ކުދިންތަކެއް ބަދަލު ކުރުމުގެ މަސައްކަތް ފެށި އަމާންވެށިތަކުން ކުދިންނަށް އާއިލީ މާހައުލެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ވަކިކުރުމަށް ނޯޓިސް ދިނުމަށް ފަހު އެ ނޯޓިސް ބާތިލްކޮށްފައެވެ.

އަދި 2021 ވަނަ އަހަރަކީ އެހެން އަހަރުތަކަށް ވުރެ މައްސަލަތަށްވެސް ގިނަ އަހަރެކެއެވެ. އެގޮތުން ގެވެށި އަނިޔާ، ކުއްޑަކުދިނަށް ކުރާ އަނިޔާގެ މައްސަލަތައް އެހެން އަހަރުތަކާ އަޅާބަލާފަ ގިނަ ކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އަދި މީގެ އިތުރުން 2021 ވަނަ އަހަރުގެ ފަހުކޮޅުގައި ގަލޮޅު ސްކޫލުގައި ކިޔަވަމުންދާ ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ފެންމަތިވިއެވެ.

__

ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން މާސްކް އަޅައިގެން އުޅެން ޖެހުނު އަހަރެއް

ލިޔުނީ: ފާތުމަތު ރިފާޢަތު

ރާއްޖެއިން ކޮވިޑްގެ އެންމެ ފުރަތަމަ ކޭސް ފެނުނީ2019 ވަނަ އަހަރުގެ މާޗް މަހުގެ 07 ވަނަ ދުވަހުގައެވެ. މި ބަލީގަ ފުރަތަމަ ޕޮޒިޓިވްވީ އިޓަލީ ފަތުރުވެރިއެކެވެ. ޢަދަދު 15 އަށް އަރަންދެން ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވީ ބިދޭސީންނެވެ. ނަމަވެސް 16 ވަނައަށް ޕޮޒިޓިވްވީ ދިވެއްސެކެވެ. ހަމައެހެންމެ މާލެއިން އެންމެ ފުރަތަމަ ކޭސް ފެނުނީ އޭޕްރީލް 15 ގައެވެ. ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން 2021ގެ މެއި މަހަކީ ރާއްޖޭގައި އެއް މަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. އެގޮތުން މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ.

އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 243 ދިވެހިންނާ 19 ބިދޭސީންނެވެ. ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރީ 12 މާޗް 2020ގައެވެ. މި މިހާތަނަށް 22 ފަހަރު މި މުއްދަތު ވަނީ އިތުރުކޮށްފައެވެ. ރާއްޖޭގައި ރަސްމީކޮށް ކޮވިޑުން ދިފާޢު ވުމަށް ވެކްސިންދޭން ފެށީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ބޫސްޓަރ ޑޯޒް ރާއްޖޭގައި ފުރަތަމަ ޖަހަން ފެށީ އޮކްޓޯބަރ މަހުގެ ފަސްވަނަ ދުވަހުގައެވެ. ކޮވިޑްގެ އައު ވޭރިއަންޓް ކަމަށްވާ އޮމިކްރޮންއަށް ޕޮޒިޓިވް ކޭހެއް ރާއްޖެއިން ފުރަތަމަ ފެނުނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

__

ހޮސްޕިޓަލްތަކުގެ އިހުމާލުން މައުސޫމް ފުރާނަތަކެއް ވަކިވެގެންދިޔަ އަހަރެއް

ލިޔުނީ: މުހައްމަދު ހަފީޒް

ޏ. ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ އަހުމަދު މަރުވެފައިވަނީ މި އަހަރުގެ އޮކްޓަބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ނުބައި އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން ހާލު ދެރަވެގެން ނިޔާވެފައިވަނީ އުމުރުން 7 އަހަރުގެ އަންހެން ކުއްޖެކެވެ. އައީލާއިން ބުނި ގޮތުގައި ހޮސްޕިޓަލުގެ ނަރުހުން ކުއްޖާގެ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ނޭވާލުން ހުއްޓިގެންނެވެ.

ތިން މަހުގެ ކުއްޖާގެ މަރު

ގަދ. ތިނަދޫ ތިން މަހު ކުއްޖާއަކު ނިޔާވީ މި އަހަރުގެ އޮކްޓަބަރު މަހު 18 ވަނަ ދުވަހުއެވެ. އެކުއްޖާ ނިޔާވި ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. ކުއްޖާ ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުންކަމަށް އާއިލާއިން ތުހުމަތުކޮށްފައިވާއިރު މި މައްސަލަ އާއި ގުޅިގެން އިހުމާލުވި ޑޮކްޓަރު ވަނީ ސަސްޕެންޑްކޮށްފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން ނިޔާވި ކުދިން

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން 2021 ވަނަ އަހަރު ތިން މަހުގެ ތުއްތު ކުއްޖަކު ނިޔާވިއެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގަ އެ ކުއްޖާ ނިޔާވީ ފަރުވާ ދިނުން ލަސްވެ، ހޮސްޕިޓަލުގެ އިހުމާލުންނެވެ.

އަދި މީގެ އިތުރުން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް އައްޑު ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންމުން ދަނިކޮށް ކުޑަ ކުއްޖަކު ނިޔާވިއެވެ.

__

އެތައް ޚިދުމަތްތެރިންނެއް ވަކިވެދިޔަ އަހަރެއް

ލިޔުނީ: އައިޝަތު އިބްރާހިމް

ނިމިގެންމިދާ 2021ވަނަ އަހަރަކީ ގައުމަށް އެތަކެއް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންތަކެއް މި ދުނިޔެ ދޫކޮށް ދިޔަ އަހަރެކެވެ. އޭގެތެރޭގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި ތައުލީމީ ދާއިރާއާ މުނިފޫހިފިލުވުމުގެ ދާއިރާއަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ޗިޅިޔާ މޫސާ މަނިކު

ފިލްމީ ދާއިރާގަޢި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މަޝްހޫރު ބޭފުޅެއް ކަމަށްވާ، ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ މިދިޔަ އޮގަސްޓު މަހުގެ 24ވަނަ ދުވަހުއެވެ.

ކޮއްޔަ ހަސަން މަނިކު

ދިވެހި ފިލްމާއި، ޑްރާމާތަކުން ދިވެހިންގެ މެދުގައި މަގްބޫލްކަން ހޯދި ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވީ ފެބްރުއަރި މަހުގެ 20ވަނަ ދުވަހު ކޮވިޑް ބަލީގައެވެ.

އަމީރު މުހައްމަދު ނޫރައްދީން

އައްސުލްތާނު ހަސަން ނޫރައްދީންގެ ދަރިކަލުން އަމީރު މުހައްމަދު ނޫރައްދީން އަވަހާރަވީ މިދިޔަ މެއި މަހުގެ 25ވަނަ ދުވަހުއެވެ. މުހައްމަދު ނޫރައްދީން ވަނީ މެދުކެނޑުމެއް ނެތި ދިވެހި ސަރުކާރަށް 53 އަހަރު ހިދުމަތް ކުރައްވާފައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 89 އަހަރުފުޅެވެ.

ލޯޖެހި އަހްމަދު މަނިކު

ވިޔަފާރިއާއި ކުޅިވަރުގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ލޯޖެހި އަހްމަދު މަނިކު އަވަހާރަވީ މިދިޔަ އޭޕްރީލް މަހުގެ 20ވަނަ ދުވަހުއެވެ. އަވަހާރަވީ ސިއްހީ ބޮޑު ބައްޔަކަށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްވަމުން ގެންދަވަނިކޮށެވެ.

ނާއިލާ އިބްރާހީމް ކަލޭފާނު

ހެންވޭރު ނީލްވިލާ ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވީ މިދިޔަ އޭޕްރީލް މަހުގެ 17ވަނަ ދުވަހުއެވެ. އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށްފަހު އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

ގައްދޫ ޒާހިރު

ގައްދޫ ދާއިރާގެ މެންބަރުކަން މީގެކުރިން ކުރެއްވި ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވީ މިދިޔަ މެއި މަހުގެ 18ވަނަ ދުވަހުއެވެ. އުމުރުފުޅުން 70 އިން މައްޗަށް ގޮސްފައިވާ ޒާހިރު އަވަހާރަވީ އޭނާ ދިރިއުޅުއްވާ ގޭގައެވެ.

ކޮޕީ މުހައްމަދު ރަޝީދު

ދިވެހި އަދަބިއްޔާތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުހައްމަދު ރަޝީދު ނުވަތަ އާއްމު ނަމުންނަށް ކޮޕީ ރަޝީދު އަވަހާރަވީ މިދިޔަ ނޮވެމްބަރު މަހުގެ 12ވަނަ ދުވަހުއެވެ. ކޮޕީ ރަޝީދު އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 72 އަހަރެވެ. އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ހުސައިން ވަހީދު

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވީ މިމަހުގެ 14ވަނަ ދުވަހުއެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

އުމަރު ޒާހިރު

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވީ އިއްޔެގެ ވަގުތެއްގައި ދަރުމަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރުފުޅެވެ. އުމަރު ޒާހިރު އަވަހާރަވިއިރު އަންހެން ބޭފުޅަކާއި ކާފަ ކިޔުއްވާ ދެ ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ.