ދިވެހިރާއްޖޭގައި ކަންކަން ރަނގަޅު ކުރެވިގެންދާނީ އަމިއްލަ ފަރުދީ ޒިންމާ އަދާކޮށްގެން ކަމުގައި ރައްޔިތުންގެ މަޖުލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒު މިފަދައިން ވިދާޅުވީ، ވީޓީވީން ހުކުރު ދުވަހުގެ ގެނެސްދޭ ގޮނޑިކޮޅު ޕްރޮގްރާމްގައި މިހަފްތާގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަައިގައެވެ.
މުއާޒު ވިދާޅުވީ ރާއްޖޭގައި ކޮންމެ ކަމެއް ކުރުމުގައިވެސް ކޮންމެވެސް މީހަކާއި ގުޅިގެން ކަންކަން ކުރަން ޖެހޭކަމަށެވެ. މިއީ ވަރަށް ޒަމާނުއްސުރެވެސް ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަންގެ އަމަލެއް ކަމުގައި ވިދާޅުވިއެވެ. މިކަމަށް އެއްވެސް ބަދަލެއް އައިސްފާ ނުވާކަމުގައި ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ މިފަދަ ކަންކަން ރަނގަޅުކުރުމަށް އަނެކާއާ ދިމާލަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އަމިއްލަ ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ. އެއީކީ ވަކި ބަޔަކު ބަދުނާމު ކޮށްގެން ކުރެވޭނެ ކަމެއް ނޫންކަމުގައި މުއާޒު ވިދާޅުވިއެވެ.
މިފަދަ ކަންކަން ރަނގަޅުކުރުމަށް އަމިއްލަ މީހާ އިސްލާހުވުން މުހިއްމުކަމުގައި ފާހަގަކުރެއްވިއެވެ.
ސިޔާސީ ބޭފުޅުން ދައްކަވާ ކޮންމެ ވާހަކައެއް އެދައްކަވާ ކޮންމެ ގޮތަކަށް ގަބޫލު ނުކުރަމަށްވެސް އާއްމު ރައްޔިތުންގެ ކިބައިން އެދޭ ކަމުގައި މުއާޒު ވިދާޅުވިއެވެ.
މިކަންކަން ރަނގަޅުވުމުން ސިޔާސީ މީހާއަށް ފެކްޓަށް ވާހަކަ ދައްކަން މަޖުބޫރުވާނެކަމުގައި މުއާޒު ފާހަގަ ކުރެއްވިއެވެ.
ގޮނޑިކޮޅު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ ފެނާއި ނަރުދާގެ މަސައްކަތްތައް އެއީ ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތްކަމުގައި ވީނަމަވެސް ކޮށްދޭން ޖެހޭނެ ކަމެއް ކަމަށެވެ. އެއީ ކޮންމެހެން ވެރިކަމަށް އައުމަށްޓަކައި ވައުދުވާން ޖެހޭނެ ކަމެއް ނޫންކަމުގައިވެސް ވިދާޅުވިއެވެ.
2018 ވަނަ އަހަރު ނިމުނު އިރު ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ފިޔަވާ އެހެން މަސައްކަތެއް ހިނގަމުން މިދާ ފަސް އަހަރުގެ ދައުރުގައި މަޑަވެލީ ދާއިރާގައި ފެށިފައި ނުވާކަމަށާއި ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް ސްލޯ ސްޕީޑެއްގައި ކުރިއަށް ދާކަމަށް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއާޒު ފާހަގަކުރެއްވިއެވެ.
މަޑަވެލީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު މައިގަނޑު ބޮޑުކަމަކީ ހައުސިންއަށް ބޭނުންވާ ބިން ހިއްކުމާއި ހައުސިން ޔުނިޓްތައް އެޅުން ކަމުގައި ވިދާޅުވެ މުއާޒު ވިދާޅުވީ މިއިން އެއްވެސް ކަމެއް އަދި މިހާތަނަށް ފެނިގެން ނުދާ ކަމަށެވެ.
ސަރުކާރުގެ ހިންގުން ގާތްގަނޑަކަށް ދެބައިވެފައިވާއިރު މިހާތަނަށް ބޮޑު އެއްވެސް މަޝްރޫއެއް މަޑަވެލި ދާއިރާގައި ފެށިފައި ނުވާކަންވެސް ކުރީގެ މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ފާހަގަކުރެއްވިއެވެ.