ކުރިއަށް އޮތް އައު އަހަރުގެ އަމާޒަކީ ހުރހާ ގައުމަކަށް ވެކްސިން ފޯރުކޮށްދިނުން ކަމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚަރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ މިފެށޭ 2022 ވަނަ އަހަރުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓުގައެވެ.

އެމަނިކުފާނު ވިދާޅުވީ، އައު އަހަރަކާ ކުރިމަތިލާއިރު އުއްމީދުކުރައްވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުން ކަމަށާއި، ހުރިހާ ގައުމަކަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށެވެ.

"އައި ސްޓޭންޑް ފޮރ ވެކްސިން އިކުއިޓީ" ގެ ނަމުގައި އެމަނިކުފާނު ފައްޓަވާފައި މިވާ ކެމްޕެއިނުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ބައިވެރިވަމުންދާ ކަމަށާއި، އޭގެތެރޭގައި އދއަށް ގައުމުތަކުން ކަނޑައަޅުއްވާފައިވާ ސަފީރުންނާއި އަދި ސިވިލް ސޮސައިޓީ އާއި ވަކިވަކި އަމިއްލަ ފަރުދުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީޑިއާއަކަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މިކެމްޕެއިނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ދުނިޔޭގެ ހުރިހާ އެންމެނަށް ވެކްސިން ލިބިގެން ނޫނީ މިބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް ސިއްހީ މާހިރުން ނުދެކޭ ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތަކަށް ހާއްސަކޮށް ފަގީރު ގައުމުތަކަށް ވެކްސިން ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ކެމްޕެއިނަކީ އެކަންކަމަށް އަޑުއުފުލައި ހައްލު ހޯދަން މަސައްކަތްކުރުމަށް ފެށި ކެމްޕެއިނެއް ކަމަށެވެ.

މީގެއިތުރުން، މިފެށޭ ޖެނުއަރީ މަހުގެ ތެރޭގައި ވެކްސިންގެ ހަމަހަމަ ކަމާއެކު އދ.ގައި ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް މިވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބާރަށް ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން މި ބައްދަލުވުން ފަސްކުރެވިފައިވާކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އދގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ގެންދަވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމުގައި އެހީތެރިވެދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.