2021 ވަނަ އަހަރުވެސް ދުނިޔޭގެ މީޑިއާއިން އެންމެ ސަމާލުކަން ދިން ކަމެއްގެގޮތުގައި ހިމެނިގެން ގޮސްފައިވަނީ ކޮވިޑްބަލީގެ ހާލަތެވެ. އެއީ، ވެކްސިން ޖެހި ނަމަވެސް، ކޮވިޑްބަލީގެ ހާލަތު ދުނިޔެއިން ނެތިގެން ނުދިއުމާއި، އައު ވޭރިއެންޓްތައް ފެނި، ބަލީގެ ހާލަތު ގޯސްވަމުން ދިއުމާ ގުޅިގެންނެވެ.

މީގެއިތުރުން، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށް ބޮންއަޅައި އެތައްހާސް ބަޔަކު ޝަހީދުކުރުމާއި، ދުނިޔޭގެ މޫސުމާބެހޭ މަހާސިންތާއާއި، އެމެރިކާގެ ރިޔާސަތާ އައު ބޭފުޅަކު ހަވާލުވެވަޑައި ގަތުމާއި، މިޔަންމާގެ އަސްކަރީން އަންގް ސަން ސޫކީގެ ވެރިކަން އިންގިލާބުކޮށްލުމާއި، އިންޑިއާ-ޗައިނާގެ ކުރިމަތިލުމާއި، އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާން ޖަމާއަތުން އަތްގަދަ ކުރުންފަދަ ކަންކަމަކީވެސް ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް 2021 ވަނަ އަހަރު އައިސްފައިވާ މުހިންމު ކަންކަމެވެ.

ތިރީގައި މި ބަޔާންކުރަނީ، 2021 ވަނަ އަހަރުގެ ތެރޭގައި ވީނިއުސްއަށް ފާހަގަކޮށްލެވުނު ބައެއް މައްސަލަތަކުގެ ކުރު ޚުލާސާއެކެވެ.

ޑަބްލިޔުއެޗްއޯއިން ހުއްދަދިން ފުރަތަމަ ކޮވިޑްވެކްސިން:

އެމެރިކާގެ ފައިޒަރއާއި، ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް ވެކްސިން، އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ދިނީ ޖެނުއަރީމަހުގެ ކުރީކޮޅުގައެވެ. މިއީ، ޑަބްލިޔޫއެޗްއޯގެ "އިމަޖެންސީ ޔޫސް ލިސްޓިންގ" ގައި ހިމެނުނު ފުރަތަމަ ކޮވިޑް ވެކްސިނެވެ. މިވެކްސިނަށް ޑަބްލިޔޫއެޗްއޯއިން ހުއްދަ ދިންއިރު، އެ ވެކްސިން އިނގިރޭސިވިލާތް، އެމެރިކާ، އަދި މެދުއިރުމައްޗާއި، އޭޝިޔާގެ ބައެއް ގައުމުތަކުންވެސް ގެންދިޔައީ މިވެކްސިން ބޭނުންކުރަމުންނެވެ.

އެކި ކުންފުނިތަކުން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިން ރިވިއުކުރުމަށާއި އެސެސްކުރުމަށް ހުށަހެޅުމަށް ޑަބްލިޔޫއެޗްއޯއިން ވަނީ ގޮވާލާފައެވެ. މި ބަލިމަޑު ހާލަތުން އަރައިގަތުމަށް ދުނިޔެ ބޭނުންޖެހިފައިވާ މި ނާޒުކު ހާލަތުގައި އެކަށީގެންވާ ވަރަށް ވެކްސިން ލިބޭގޮތް ވުމަކީ މުހިންމު ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކާގެ ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާ:

އެމެރިކާ ކޮންގްރެސް އިމާރާތަށާއި، އެ އިމާރާތް ހުންނަ ސަރަހައްދަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަތީ ޖެނުއަރީމަހުގެ 6 ވަނަ ދުވަހުއެވެ. ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކުގައި 4 މީހުން މަރުވެ، ބޮޑެތި އެތައް ގެއްލުންތަކެއް ދިނެވެ. ފުލުހުން އެތައްބަޔަކު ހައްޔަރު ކުރިއެވެ. އަދި ބައެއް މީހުންގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށްވެސް ލާފައި ވެއެވެ. ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތް ހުންނަ ގޯތިތެރެއަށް ވަދެގަތީ، ކޮންގްރެސް ކުރިއަށްދިޔަ އިލެކްޓޯރަލް ކޮލެޖް ވޯޓް ސެޓިފައި ކުރުމުގެ މަސައްކަތަށް ހުރަސްއަޅަނޓްރަމްޕް ގޮވާލެއްވުމާ ގުޅިގެންނެވެ.

ކޮންގްރެސް އިމާރާރަށް ދެވުނު ހަމަލާތަކަށް ހިތްވަރު ދެއްވި ކަމުގެ ކުށުގައި އެމެރިކާގެ ކޮންގްރެސްއިން ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކޮށްފައިވަނީ ޖެނުއަރީމަހުގެ 13 ވަނަ ދުވަހުއެވެ. މިއީ، އެމެރިކާގެ ތާރީޚްގައިވެސް ރައީސަކު އިމްޕީޗް ކުރެވުނު ދެވަނަ ފަހަރެވެ. ނަމަވެސް، އެ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ސެނޭޓްގައި ޝަރީއަތް ހިންގައި ފާސްކުރީ ޓްރަމްޕް ކުށްވެރި ނުވާކަމަށެވެ. ސެނޭޓްގެ މެޖޯރިޓީ އޮންނަނީ ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީއަށެވެ.

ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުން:

ޑިމޮކްރަޓިކް ޕާޓީގެ ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވީ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ.

ޖޯ ބައިޑެން ވެވަޑައިގެންނެވީ އެމެރިކާގެ 46 ވަނަ ރައީސަށެވެ. ޖޯ ބައިޑެން ހުވާ ކުރެއްވުމުގެ ކުޑަ އިރުކޮޅެއް ކުރިން، ކަމަލާ ހެރިސް އެމެރިކާގެ ނައިބް ރައީސްކަމުގެ ހުވާ ކުރެއްވިއެވެ. ކަމަލާ ހެރިސް ވެވަޑައިގަތީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބް ރައީސަށެވެ.

ކުރީގެ ރައީސުން ކަމުގައިވާ ބަރަކް އޮބާމާ، ޖޯޖް ޑަބްލިޔު ބުޝް، ބިލް ކްލިންޓަން ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ބައިވެރިވެވަޑައި ގެންނެވިއެވެ. ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކުރިން ޑޮނަލްޑް ޓްރަމްޕްގެ ދެ ކަނބަލުންނާއި، އާއިލާގެ ބޭފުޅުންވަނީ ވޮޝިންޓަނުން ފުރާވަޑައިގެންފައެވެ. މިއީ، އެމެރިކާގެ 150 އަހަރުގެ ތާރީޚްގައިވެސް، ރައީސަކު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސަކު ބައިވެރިވެވަޑައި ނުގެންނެވި ފުރަތަމަ ފަހަރެވެ.

އިންޑިއާ – ޗައިނާ ހަނގުރާމައެއްގެ ތުންފަތްމައްޗަށް:

ޗައިނާއާއި އިންޑިއާ ވަކިކުރާ ހިމާލަޔަން ސަރަހައްދީ އިމުގައި ދެގައުމުގެ ސިފައިންގެ ދެމެދުގައި ވަރުގަދަ ތަޅާފޮޅުމެއް ހިނގައިދިޔައީ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ. މި ތަޅާފޮޅުން ހިނގާފައިވަނީ އިންޑިއާގެ ސިކިމް ސްޓޭޓާއި ޗައިނާގެ ޓިބެޓް ގުޅުވައިދޭ ނަކޫ ލާ ސަރަހައްދުގައެވެ. ލަޓިބުރިއާއި، އޮށްގަލުން ދެގައުމުގެ ސިފައިންގެ ދެމެދުގައި ކުރިން ހިނގި ތަޅާފޮޅުމާއި މާރާމާރީގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވެ، އެތައްބަޔަކު ޒަޚަމްވިއެވެ. އަދި ޗައިނާ ސިފައިންގެ އެތައް ބަޔަކު ޒަޚަމްވިކަމަށް ޗައިނާއިން ކަށަވަރުކޮށްދިން ނަމަވެސް، އެ ކުރިމަތިލުމުގައި ސިފައިންގެ މީހަކު މަރުވިކަމެއް އަދި ޒަޚަމްވީ ކިތައް މީހުންކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ. ދުނިޔޭގެ އެންމެ އާބާދީބޮޑު ދެގައުމުގެ ސިފައިންގެ ދެމެދުގައި ހިނގައިދިޔަ މި ތަޅާފޮޅުމަށްފަހު ދެގައުމުންވެސް ސިފައިންނާއި ހަތިޔާރު އިމަށް ޖަމާކޮށް މަސްރަހް ވަރަށް ބޮޑަށް ހޫނުވެ ނުތަނަވަސްވެގެން ދިޔައެވެ.

އަންގް ސަން ސޫކީގެ ސަރުކާރު ވައްޓާލައި އަސްކަރީން ވެރިކަމަށް އަތްގަދަކުރުން

މިޔަންމާގެ އަސްކަރީން ވެރިކަމަށް އަތްގަދަކޮށް، އަންގްސަން ސޫކީގެ ސަރުކާރު އިންގިލާބު ކޮށްލީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިޔަންމާގައި އެއް އަހަރުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް، ސޫކީއާއި، އޭނާގެ ސަރުކާރުގެ ހުރިހާ ވެރިން ހައްޔަރުކޮށް ޕާލަމެންޓް ސަސްޕެންޑްކުރިއެވެ.

އަސްކަރީ ބަޣާވާތާ ދެކޮޅަށް އާންމު ރައްޔިތުން މަގުތަކަށް ނުކުމެ މުޅި މިޔަންމާގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ފެށުމުން އަސްކަރީން ބަޑިޖަހައި އެތައްސަތޭކަ ބަޔަކުވަނީ މަރާލާފައެވެ. އަދި އެތައްހާސް ބަޔަކު ހައްޔަރުކޮށް ޖަލަށްލާފައި ވެއެވެ. މިޔަންމާ މިހާރުވަނީ ދާޚިލީ ހަނގުރާމައެއްގެ ތެރޭގައެވެ.

އާންމު ރައްޔިތުން މަރަންފެށުމުން ދުނިޔޭގެ އެތައް ގައުމަކުން މިޔަންމާގެ އަސްކަރީންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، މާލީ އެހީތައްވެސް ކަނޑާލާފައި ވެއެވެ.

ސުއޭޒް ކަނޑުއޮޅީގައި އާގުބޯޓެއް ތާށިވެ ދުނިޔޭގެ ވިޔަފާރިއަށް ބުރޫއެރުން:

މިސްރުގެ ސުއޭޒް ކަނޑުއޮޅީގައި ތާށިވި އާގުބޯޓު ފުންކޮށްފައިވަނީ މާޗްމަހުގެ 29 ވަނަ ދުވަހުއެވެ. އެތައް ބައިވަރު ކޮންޓެއިނާތަކާއެކު ސުއޭޒް ކަނޑުއޮޅި ހުރަސްކުރަނިކޮށް، ކަނޑުއޮޅީގެ އެއް އަރިމަތީގައި ޖެހި މިބިޔަ އާގުބޯޓު ތާށިވެ ހަފްތާއެއްހާ ދުވަސްވިއެވެ. ސުއޭޒް ކަނޑުއޮޅިއަކީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ ވިޔަފާރީގެ އެންމެ މުހިންމު އަދި އެންމެ ކާރޫބާރޫބޮޑު މަގެވެ. މިމަގު ބަންދުވުމުގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބުނެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށްދިން ވަރުގަދަ ހަމަލަތައް:

އިސްރާއީލުގެ އުދުވާނީ ސަރުކާރުގެ އަމުރަށް، އިސްރާއީލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ޣައްޒާގެ އެތައްމިތަނަށް މަތިންދާ ބޯޓުން ބޮންއަޅައި، އިންސާނިއްޔަތާ ޚިލާފް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވަނީ މެއިނަމަހުގެ ތެރޭގައެވެ.11 ދުވަސްވަންދެން މިސައިލާއި، ބޮން އެޅުމުގެ ސަބަބުން 67 ކުޑަކުދިން ޝަހީދުވިއިރު، 39 އަންހެނުންނާއި، އާންމު އެހެން މީހުންނާއެކު ޖުމްލަ 248 މީހުން ޝަހީދުވިއެވެ. އަދި 1،900 އަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ. މީގެއިތުރުން، މި ހަމަލާތަކުގައި ޣައްޒާގައި ހުރި 5 އުސް އިމާރާތާއި، ސަރުކާރުގެ 74 އޮފީސް އިމާރާތަކާއި، 33 މީޑިއާ އޮފީސް އަދި އާންމުންގެ 1،800 ގެދޮރު ހަލާކުކޮށް ސުންނާފަތި ކޮށްލިއެވެ. އިސްރާއީލުގެ އުދުވާނާ ދެކޮޅަށް ޔޫރަޕާއި، އެފްރިކާއާއި، މެދުއިރުމައްޗާއި، އޭޝިޔާގެ އެތައް ގައުމެއްގައި، އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. މިއުދުވާނުތައް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެތައް ޖަމްއިއްޔާ ޖަމާއަތްތަކުން ކުށްވެރި ކުރިއެވެ. ނަމަވެސް، އެންމެ ހައިރާންވާންޖެހޭ ކަމަކީ، ދުނިޔޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށް، އިންސާނީ ހައްގުތައް ހިމާޔަތްކުރަން ގޮވާލަމުންދާ އެމެރިކާފަދަ ގައުމުތައް އޮތީ އިސްރާއީލުގެ ހިމާޔަތުގައެވެ.

މިއަހަރުވެސް ޙައްޖުގެ އަޅުކަމަށް ބޭރު ގައުމުތަކަށް ފުރުސަތު ނުލިބުނު:

ބޭރު ގައުމުތަކުގެ މީހުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ނުދޭގޮތަށް ސައުދީ އަރަބިއްޔާއިން ނިންމައި، އެކަން ރަސްމީގޮތުން އިއުލާންކުރީ ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ. މިއީ، ކޮވިޑްބަލީގެ ހާލަތާ ގުޅިގެން ހައްޖުގެ މަތިވެރި އަޅުކަމަށް ބޭރު ގައުމުތަކުގެ މީހުންނަށް ފުރުސަތު ނުދޭން ސައުދީ އަރަބިއްޔާއިން ނިންމި ދެވަނަ އަހަރެވެ. ކޮވިޑްބަލީގެ ހާލަތު ދުނިޔޭގައި ރަނގަޅުވެފައި ނުވާތީއާއި، ކޮވިޑް ވައިރަހުގެ އިތުރު ވޭރިއެންޓުތައް ފެންނަމުންދާތީ، ކަމާބެހޭ އިދާރާތަކުގެ މަޝްވަރާއަށްފަހު ސައުދީ ސަރުކާރުން ނިންމާފައިވަނީ، މިއަހަރުވެސް ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި، ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް އެކަނި ފުރުސަތު ދޭގޮތަށެވެ.

ކޮވިޑްބަލީގެ ހާލަތު އައުމުގެކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު 2.5 މިލިއަނަށްވުރެ ގިނަ މުސްލިމުން ގެންދިޔައީ މާތްވެގެންވާ މައްކާއަށާއި، މަދީނާއަށް ޒިޔާރަތްކޮށް ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރަމުންނެވެ. އަދި މުޅި އަހަރުތެރޭގައި އެތައް މިލިއަން މުސްލިމުން ގެންދިޔައީ އުމްރާގެ އަޅުކަމަށް ސައުދީއަށް ޒިޔާރަތް ކުރަމުންނެވެ.

އަފްޣާނިސްތާނު އަނެއްކާވެސް ތާލިބާނުންގެ އަތްމައްޗަށް:

ތާލިބާން ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ވަދެ، އެއްވެސް ޝަރުތަކާ ނުލައި ވެރިކަން ހަވާލުކުރުމަށް މަރުކަޒީ ސަރުކާރަށް މުހުލަތު ދިނީ އޮގަސްޓްމަހުގެ 15 ވަނަ ދުވަހުއެވެ. ތާލިބާން ހަނގުރާމަވެރިން ހަތިޔާރާއެކު ކާބުލްއަށް ވަދެގަތުމާއެކު، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ ޖެހިގެންއޮތް ތަޖިކިސްތާނަށް ވަޑައިގެންފައެވެ. އޭގެފަހުން، ތާލިބާނުންވަނީ ރިޔާސީ ގަނޑޫވަރަށް ވަދެ، އަފްޣާނިސްތާނުގެ ވެރިކަމުގެ މައްޗަށް އަތްގަދަކޮށްފައެވެ. އަދި ކުރިން ކަނޑައެޅި ތާރީޚަށްވުރެންވެސް އަވަހަށް އަފްޣާނިސްތާނުގައި ތިބި އެމެރިކަ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިގެން ގޮސްފައެވެ. އެމީހުން ފައިބައިގެންދިޔައީ، އަފްޣާނިސްތާނުގެ ރައްޔިތުންގެ ތެރެއިން އެމީހުންނަށް އެހީތެރިވި މީހުންނާއި އެމީހުންގެ އައިލާތައްވެސް ގޮވައިގެންނެވެ.

މޫސުމާބެހޭ ދުނިޔޭގެ މަހާސިންތާ:

ސިނާއީ އަދި އެނޫންވެސް ބޭނުންތަކަށް ޖަންގަލިތައް ހަލާކުކުރުން 2030 ވަނަ އަހަރުގެ ކުރިން މުޅިން ހުއްޓުމަކަށް ގެނެސް، ޖަލްގަލިތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނޭކަން ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުން ވައުދުވީ ނޮވެމްބަރުމަހުގެ ކުރީކޮޅުގައެވެ. ހަމަ އެއާއެކު، ޖަންގަލިތައް ހިމާޔަތްކޮށް އިއާދަކުރަން ދުނިޔޭގެ ފަގީރު ގައުމުތަކުގެ ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރއަށް 19 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަންވެސް މުއްސަނދި ގައުމުތަކުގެ ވެރިން ސަމިޓްގައި ވައުދުވެވަޑައި ގެންނެވިއެވެ.