މިފެށުނު އައު އަހަރަށް ކަނޑައަޅާފައިވާ "ޕާސަނަލް" އަމާޒަކީ ނުވަތަ "ނިއު އިޔަރ ރެޒޮލިއުޝަން" އަކީ މީގެ ދުވަސްކޮޅެއް ކުރިން ހުރިގޮތަށް، އަނެއްކާވެސް ފިޓުވެލުން ކަމަށް ރާއްޖޭގެ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

"ވީނިއުސް" އަށްދިން އެކްސްކްލޫސިވް އިންޓަވިއު އެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ 2020 ވަނަ އަހަރުން ފެށިގެން ވަރަށް ބުރަ މަސައްކަތް ކުރައްވައިގެން މިނިމުނު 2021 ވަނަ އަހަރުގެ މާޗް މަހާ ހަމައަށް އައި އިރު، ވަރަށް ފިޓުކޮށް ހުރެވުނު ކަމަށެވެ. އެހެންނަމަވެސް އޭގެފަހުން ހަތް ވަރަކަށް މަސް ވެގެން ގޮސްފައިވާއިރު އަލުން އެ މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށާއި އެހެންކަމުން މިއަހަރުގެ އަމާޒަކީ ކުރިން ހުރިހެން، ބޭނުންވާ ވަރަށް ފިޓު ވެލުން ކަމަށެވެ.

"މިދިޔަ އަހަރު މާޗް މަހާ ހިސާބަށް ދިޔައިރު އަޅުގަނޑު، އޭގެ ކުރީ އަހަރުން ފެށިގެން ވަރަށް މަސައްކަތް ކޮށްގެން ވަރަށް ފިޓުކޮށް ހުރީ. މިހާރު އަނެއްކާ 7 ވަރަކަށް މަސް ވެގެން މިދިޔައީ. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަނީ އަލުންދެން މިއަހަރުގެ ތެރޭގަ، އަޅުގަނޑު ބޭނުންވާ ވަރަށް، ވީހާވެސް ފިޓުކޮށް ހުރެލެވޭނެ ކަމަށް".
މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް

މި ސަރުކާރުގެ އިސްކޮށް ތިއްބެވި ފަރާތްތައް ނުވަތަ މިނިސްޓަރުންގެ ފަންތީގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން މިނިސްޓަރ މަހްލޫފް އަކީ އެންމެ ތަފާތު، ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދާފައިވާ މިނިސްޓަރޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މަހްލޫފް ހެދުން އެޅުއްވުމުގައި ގެންގުޅުއްވާ ވައްޓަފާޅި އާއި، ތުރުކުރައްވާ އައިނަކީ މީސްމީޑިއާގައިވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކަންކަމެވެ.

އަދި ކުޅިވަރު ވަޒީރުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން، މި ސަރުކާރު ފެށުނިއްސުރެ އަބަދުވެސް ޚަބަރުތަކުގެ ފަލަ ސުރުހީތަކުން މިނިސްޓަރ މަހްލޫފް ދަނީ ޖާގަ ހޯއްދަވަމުންނެވެ.

އެގޮތުން ފާއިތުވީ 2021 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައިވެސް މިނިސްޓަރ ގެ އައު ކަމަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުށްޓުނެވެ.

ޓުވިޓާގެ މިނިސްޓަރ މަހްލޫފް ހިއްސާކުރެއްވި ފޮޓޯތަކުގެ ޖާދޫގައި ނުޖެހޭ ދިވެއްސަކު އެދުވަސްވަރު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ސަބަބުން ބޭނުންވި ޓާގެޓަށް ވާސިލްވެ މިނިސްޓަރ ފެނިގެންދިޔައީ "ބިލްޑް" ކޮށްފައިވާ ފުރިހަމަ ހަށިގަނޑެއްގައެވެ. ޕެކުތައް އަރުވާލާ، ބައިސެޕްސް ވަރުގަދަކޮށް ހުރި މި ފޮޓޯތައް މީސްމީޑިއާއަށް ދޫކޮށްލުމާއެކު، ކިތަންމެ ބުރަކޮށް އުޅެމުންވެސް ދުޅަހެޔޮ ހަށިގަނޑެއް ބިލްޑު ކުރުމަށް މަސައްކަތް ކުރެވިދާނެކަން، މިފަދަ މޯޓިވޭޝަނަކަށް ބޭނުްވެފައިތިބި އެތައް ބަޔަކަށް، ކުޅިވަރު ވަޒީރު ހާމަކޮށްދެއްވިއެވެ.

2021 ވަނަ އަހަރުގެ ކުރީކޮޅު މިނިސްޓަރ މަހްލޫފް އާންމުކުރެއްވި ފޮޓޯތަކެއް

"ޕާސަނަލް ނިއު އިޔާ ރިޒޮލިއުޝަން"ގެ އިތުރުން މިނިސްޓަރ މަހްލޫފް ވަނީ އައު އަހަރު ކުޅިވަރު ވަޒީރުގެ ހައިސިއްޔަތުން ހާސިލްކުރަން ބޭނުންވާ ޓާގެޓް، ވީނިއުސް އާއި ހިއްސާ ކުރައްވާފައެވެ.

ފާއިތުވީ އަހަރަކީ ކޮވިޑުގެ ސަބަބުން ކުރިމަތިވި މާލީ، އަދި އެހެނިހެން ގޮންޖެހުންތަކާއެކުވެސް ކުޅިވަރު ވުޒާރާއިން ޒުވާނުންނާއި ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކުރި އަހަރެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.

އެހެންނަމަވެސް 187 މިލިއަން ރުފިޔާ ކުޅިވަރުގެ ތަރައްގީއަށް ފާއިތުވީ އަހަރުވެސް ހޭދަކޮށްފައިވާއިރު، ގިނަ ކުރިއެރުންތަކެއް 2021 ވަނަ އަހަރުވެސް ރާއްޖޭގެ ކުޅިވަރަށް، ސަރުކާރުގެ ފަރާތުން ގެނެސްދީފައިވެއެވެ.

މިއީ ގޮންޖެހުންތަކާއެކުވެސް ބޮޑު ކާމިޔާބީއަކަށް ވާއިރު، ވީނިއުސް އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި މިނިސްޓަރ މަހްލޫފް ވިދާޅުވީ މިނިސްޓަރުގެ ހައިސިއްޔަތުން އައު އަހަރަށް ފޮނި އުންމީދުތަކެއް ކުރައްވާ ކަމަށެވެ.

"މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑުގެ އަމާޒަކީ ނިމިގެން މިދިޔަ އަހަރަށްވުރެވެސް ބޮޑު އިންގިލާބެއް، އަޅުގަނޑު އުންމީދު ކުރަނީ އަދި ރޭވިފަވެސް އޮތީ އަދި އިރާދަކުރެއްވިއްޔާ ކަންވެގެންވެސް ދާނެގޮތަކީ ކުޅިވަރުގެ ތަރައްގީއަށް ކުރިއަށްވުރެ ބޮޑެތި މަސައްކަތްތަކެއް ކުރެވިގެންދާނެ. އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް".
މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް

2018 ވަނަ އަހަރުން ފެށިގެން ޖެހިގެން އައި ކޮންމެ އަހަރެއްގައިވެސް، ފާއިތުވެގެންދާ އަހަރުގެ މަސައްކަތްތަކަށް ބަލާއިރު، ސަރުކާރުގައި އެންމެ ހިންގުންތެރި އަދި ރައްޔިތުންނަށްޓަކައި އެންމެ ބޮޑު، ގިނަ މަސައްކަތްތަކެއް ކުރާ ވުޒާރާ އަކީ ކުޅިވަރު ވުޒާރާކަން ހުރިހާ ރައްޔިތުންވެސް ފާހަގަކުރެއެވެ.

އެގޮތުން ނިމިގެންމިދިޔަ 2021 ވަނަ އަހަރަކީވެސް މީގެކުރިން ފެނިފައި ނުވާ، އަދި އުންމީދުވެސް ނުކުރާ އެތައް މަޝްރޫޢުއެއް، ކުޅިވަރުގެ ތެރެއިން ފެށިގެންދިޔަ އަދި ނިމުނު އަހަރެއްވެސް މެއެވެ. އެގޮތުން އެކުވެނި ސިންތެޓިކް ދުވާ ޓްރެކް، ބައިނަލްއަގްވާމީ ފެންވަރުގެ ނެޓްބޯޅަ ފެސިލިޓީއެއް، އައުޓްޑޯ އެތައް ވޮލީ ކޯޓެއް، މާޝަލް އާޓްސް ކުރިއެރުވުމަށް ކުރެއްވި މަސައްކަތް، އެކި ކަންކޮޅުތަކުގައި ގާއިމްކުރެވުނު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ އެތައް ފުޓުބޯޅަ ދަނޑުތަކެއް، އެކި ކުޅިވަރުތަކަށް ހާއްސަ އެތައް އިންޑޯ ކޯޓުތަކާއި ކޮމްޕްލެކްސް ތައް މިއީ ފާހަގަކޮށްލަންޖެހޭ މުހިންމު ކަންތައްތަކެވެ.

ފާއިތުވީ އަހަރުވެސް ކުޅިވަރުގެ ތަރައްގީއަށް ބޮޑެތި މަސައްކަތްތަކެއް ކުޅިވަރު މިނިސްޓަރުގެ މޭސްތިރިކަމުގެ ތަށުން ކުޅިވަރު ވުޒާރާއިން ކޮށްފައިވާއިރު، މި ފެށުނު އަހަރަށްވެސް ގިނަ ޕްލޭންތަކެއް އެ ވުޒާރާއިން ކޮށްފައިވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތެވެ. 45 މިލިއަން ރުފިޔާގެ ބަޖެޓެއް މިކަމަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާއިރު 2023 ވަނަ އަހަރުވެސް 10 މިލިއަން ރުފިޔާ މިކަމަށް ކަނޑައަޅާފައިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 4 ރަށެއްގައި ސިންތެޓިކް ޓްރެކް ގާއިމް ކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށްވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.