ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ގިނަ މީހުން އެއްވެ އުޅޭ ފަދަ ހަރަކާތްތައް މަދުކުރަން އެދިފައި އޮތް ދަނޑިވަޅެއްގައި މާލޭ ސީޓިގައި ކައުންސިލްގެ ހުއްދައާއެކު އެކި ދުވަސްމަތިން ނައިޓް މާކެޓްތައް ބާއްވަމުން އަންނާތީ މާލެ ސިޓީ ކައުންސިލަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އާންމުންގެ ފާޑުކިޔުން ސިޓީ ކައުންސިލަށް އަމާޒުވީ ނައިޓް މާކެޓްތަކުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ ޚިލާފުވާތީއެވެ. އެގޮތުން މާސްކު ނާޅައި އުޅުމާއި އެއްވެސް ވަރަކަށް އިޖުތިމާއީ ގައިދުރުކަން ނެތުން އާންމުން ފާހަގަކުރެއެވެ. މީގެއިތުރުން، ސެނަޓައިޒް ކުރެވޭނެ އިންތިޒާމްތައް ނެތުމާއި ކާބޯތަކެތި ވިއްކާ ފަރާތްތަކުން އަންގި ނޭޅުން ފަދަ އެޗްޕީއޭގެ ގައިޑްލައިިންތަކާއި ފުށުއަރާ ކަންކަން ހުރުމުން ވެސް އާންމުންގެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު މާލޭގައި ނައިޓް މާކެޓް ހުޅުވުމުގެ ހުއްދަ އެކި ފަރާތްތަކަށް ސިޓީ ކައުންސިލުން ދިން އިރު، ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުގައި އާއި ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ނައިޓް މާކެޓެއް ބާއްވާފައި ވެއެވެ.

ނައިޓް މާކެޓް ބޭއްވުމުގެ ހުއްދައަށް އެދުމަށް ހުޅުވާލައި ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބާއްވާނެ ގޮތުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބެއްވުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، މަގުމަތީ ބާޒާރު މާލޭ ސިޓީގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލޭގައި ބާއްވަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެެ.

އެ އިއުލާނުގައިވާގޮތުން މަގުމަތީ ބާޒާރު މާލެ ސިޓީގައި ބާއްވަން ހުއްދައަށް އެދޭ ފޯމް މާލޭ ސިޓީ ކައުންސިލުން ލިބެން ހުންނާނެއެވެ.

މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 10:00 13:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިންގ 04 ވަނަ ފަންގިފިލާގައިވާ މާލޭ ސިޓީ ކައުންސިލްގެ އެޑްމިނިސްޓްރޭޝަން ސެކްޝަނުން ކަމަށް އެ އިއުލާނުގައި ވެއެވެ.

އެހެންނަމަވެސް ގިނަ ފައިދާތަކެއް ހުރި ނައިޓް މާކެޓް ފަދަ މީހުން އެއްވެ އުޅޭފަދަ ހަރަކާތްތަކަކީ ބޭއްވުން މަޖުބޫރު ނުވިކަމުގައިވީނަމަވެސް، ކޮވިޑާއެކުވެސް ދިރިއުޅެންޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި ކުރުން މުހިންމު ކަންތައްތަކެކެވެ. މުޅި އުމުރަށް ކޮވިޑުގެ ބަލިމަޑުކަމުގައި، ގޭގައި ނުތިބެވޭނެކަމީ އެންމެންވެސް ގަބޫލުކުރާ ކަމަކަށްވާއިރު، ނައިޓް މާކެޓް ތަކާއި އެހެނިހެން މީހުން އެއްވާ ހަރަކާތްތައް، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއިއެކު ބޭއްވި ނަމަވެސް، "ފަރުދީ ޒިންމާ" އަދާކޮށް، ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދު އަޑުއަހާ އެޔަށް އަމަލުކުރުމުން މިފަދަ ހަރަކާތްތަކުން ލިބޭ ގެއްލުމަށްވުރެ، ފައިދާ ބޮޑުވެސް ވެދާނެއެވެ.

ގައި ދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމުގެ އިތުރުން ގިނަގިނައިން އަތް ދޮވެ، ކަމާ ބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ތަބާވާނަމަ، ނައިޓް މާކެޓްވެސް އޯކޭ ނުވާންވީ ސަބަބެއް ހަމަ ނެތެވެ.