ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަކީ ދީނީ އިލްމުވެރިއެއް ކަމަށާއި، ދީނަށް ފުރައްސާރަކުރާ މީހުންނަށް އެކަށީގެންވާ ހައްގު އަދަބު ދިނުމަށް، ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އައު އަހަރުގެ ތަހުނިޔާ ކިޔަންޖެހިފައިވަނީ "ހިތްދަތި ޝުޢޫރުތަކާއެކު" ކަމަށް ވިދާޅުވެ އެމަނިކުފާނު ކުރެއްވި ޓްވީޓަކާ ގުޅިގެން "ވީނިއުސް" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން، އެމަނިކުފާނު ވަނީ ނިމިދިޔަ 2021 ވަނަ އަހަރު އޮތް މައިގަނޑު ކަންބޮޑުވުމުގެ ގޮތުގައި ތިން ކަމެއް ފާހަގަކުރައްވައި ހިއްސާކުރައްވާފައެވެ. ފުރަތަމަ ކަމެއް ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމެވެ. ދެވަނަ ކަމަކީ މުސްހަފާއި މިސްކިތްތަކަށް ގޯނާކޮށް ދީނީ އިލްމަށް ނުރައްކާކުރުމެވެ. ތިންވަނަ ކަމަކަށް ފާހަގަކުރެއްވީ ގައުމުގެ އިގްތިސާދު ފުނޑުފުނޑުވެ، އިންފްލޭޝަން މައްޗަށް ދިއުމެވެ.

އިސްލާމް ދީނަށާއި ދީނީ އިލްމަށް ނުރައްކާވާފަދަ އެތައް ކަމެއް ހިނގާފައިވާއިރު، ސަރުކާރުން އެކަންތައްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަން ޑރ. ޖަމީލް ވަނީ ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރައްވާފައެވެ.

ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި މިވަގުތު ހުންނެވި މިނިސްޓަރ އިމްރާން އަބްދުﷲ އަކީ ހަމައެކަނި މިނިސްޓަރެއް ނޫންކަމަށާއި، އެމަނިކުފާނަކީ ދީނީ އިލްމުވެރިއަކަށް ވީ ހިނދު ފާޅުކަންބޮޑު ގޮތެއްގައި އެފަދަ އަމަލުތައް ހިންގަމުންދާ މީހުންނަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް މަސައްކަތްނުކުރައްވަނީ ކީއްވެތޯ އައްސަވައި، ޑރ. ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.

އަޅުގަނޑު ހާއްސަގޮތެއްގައި ފާހަގަކޮށްލަން ބޭނުން. ހޯމް މިނިސްޓަރު ކަމުގައި މިވަގުތު ހުންނެވި މިނިސްޓަރ އިމްރާން އަބްދުﷲ އަކީ ހަމައެކަނި މިނިސްޓަރެއް ނޫން. އެމަނިކުފާނަކީ ދީނީ އިލްމުވެރިއެއް. އެތައް ދީނީ އިލްމުވެރިން ތަމްސީލްކުރައްވާ ފަރާތެއް. ނަމަވެސް މިސްކިތްތަކަށް އަރައި ކުޑަކަމު ދިޔުމާއި ބޮޑުކަމު ދިޔުން ފަދަ ހުތުރު ކަންކަން އާންމުވާއިރު، ކީއްވެތޯ އެކަމާ މެދު އެއްވެސް ވާޙަކައެއް ނުދައްކަވަނީ. މިފަދަ ކަންކަން ކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވި މިކަންކަން ތަކުރާރުވާ މަންޒަރު ފެންނަމުން މިދަނީ.
ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޑރ. ޖަމީލް މިމޭރުމުން ވާހަކަދައްކަވާފައިވާއިރު، ވޭތުވެ ދިޔަ އަހަރު، މިސްކިތްތަކަށް ކުޑަކަމު ދިޔުމާއި، ބޮޑުކަމު ދިޔުމާއި، ޚަތިމަށް ކުޅުޖެހުން ފަދަ ދަށުދަރަޖައިގެ އަމަލުތައް އިންތިހާއަށް ގިނަވެ، އާންމުންނާއި ގިނަ ދީނީ އިލްމުވެރިންވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމަނިކުފާނު ވަނީ އެފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވި، އެކަންތައްތައް ހުއްޓުވުމަށްޓަކައި ސަރުކާރުގެ ދައުރު ނުފެންނަނީ ކީއްވެތޯ ސުވާލުއުފައްދަވާފައެވެ.

ސަރުކާރުން އެފަދަ މައްސަލަތަށް ސީރިއަސްކޮށް ނުނަގާ ކަމަށާއި، މިގައުމަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށް ވީހިނދު އެފަދަ ކަންކަން ފަސޭހައިން ދޫކޮށްލެވިގެން ނުވާނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، ވޭތުވެ ދިޔަ އަހަރު ސަރުކާރުގެ އިހުމާލުން ގައުމުގެ މުސްތަގިއްލުކަން ގެއްލިފައިވާކަމަށާއި، އޭގެ އެންމެ ބޮޑު ހެއްކަކީ ބޭރުގެ ސިފައިންގެ ބަޔަކަށް މިފަސްގަނޑުން ޖާގަދިނުން ކަމަށެވެ.

އަޅުގަނޑުމެން ބޭނުމެއް ނުވާނެ އަޅުގަނޑުމެންގެ ގޭގެ ތަޅުދަނޑި އެއްވެސް ހާލެއްގައި ބޭރުގެ ބަޔަކަށް ދޭކަށް. މި ދައްކަނީ ފާޅުކަންބޮޑުގޮތެއްގައި ބޭރުގެ ސިފައިންނަށް މި ފަސްގަނޑުން ޖާގަދީ ގައުމުގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރާ ވާހަކަ. ގައުމަށް އެއަށް ވުރެ ބޮޑު ދެރައެއް ކޮބާތޯ؟ އަޅުގަނޑުމެންގެ ހިތަކު އިންޑިއާގެ ރައްޔިތުންނާ މެދު އެއްވެސް ނުރުހުމެއް ނެތް. މައްސަލައަކީ އިންޑިއާގެ މިލިޓަރީ މިތާ ތިބުމަށް ޖާގަ ދިނުން.
ޑރ. މުހައްމަދު ޖަމީލް އަހުމަދު

ސަރުކާރު މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވާންޖެހޭ ކަމަށާއި، ގައުމުގައި އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަންކަން ހުރިއިރު، އެފަދަ މައްސަލަކަތަށް ސަރުކާރުގެ ފަރާތުން އަހަންމިއްޔަތު ނުދިނުމަކީ ދެރަވަރު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.