ރ. ދުވާފަރުގައި މިހާރު ހުރި ސޯލާ ސިސްޓަމުގެ އިތުރުން 35 ކިލޮވޮޓްގެ ސޯލާ ޕަވަ ސިސްޓަމެއް, މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އެރަށަށް ގެންގޮސްފިއެވެ.

މީީގެކުރިންވެސް ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި 48 ކޭ.ޑަބްލިޔު.ޕީގެ ސޯލާ ޕަވާރ ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޝަންގެ ބޭނުންތަކަށް އިޔާދަކުރަނިވި ހަކަތައިން ދަނީ ކަރަންޓް އުފައްދަމުންނެވެ.

އެޔާއެކު ދުވާފަރުގައި އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު، 83 ކިލޮވޮޓްގެ ސޯލާ ޕަވައަށް އިތުރުވެފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

2012 ވަނަ އަހަރުން ފެށިގެން އެމްޑަބްލިޔުއެސްސީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ، ހުޅުމާލެ، މާފުށި، ކުޅުދުއްފުށި އަދި ދުވާފަރު ހިމެނޭހެން އެމްޑަބްލިޔުއެސްސީގެ އެކިއެކި އޮޕަރޭޝަން ސެންޓަރ ތަކުގައި ދަނީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންނެވެ.

މިހާރު އެކުންފުނީގައި ޖުމުލަ 578 ކިލޮވޮޓްގެ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލުކަން އެބަ ހުއްޓެވެ.

އެމްޑަބްލިޔުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކުންފުނީގެ އޮޕަރޭޝަން ތަކުގައި އިޔާދަކުރެނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކޮށް، ކުންފުނިން ދެމުން ގެންދާ ހިދުމަތްތައް ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިޔުމަށެވެ.